Roadha Mihaaru
ކުދި ރަށްރަށުގެ ސިއްހީ ހިދުމަތަށް 9.8މިލިއަންގެ ލޯނު

ކުދި ރަށްރަށުގެ ސިއްހީ ހިދުމަތް ފުޅާކުރަން ކުވައިތުން 9.8 މިލިއަން ޑޮލަރުގެ ލޯނެއް!

29 ޖުލައި 2024

ރާއްޖޭގެ ކުދި ރަށްރަށުގެ ސިއްހީ ހިދުމަތްތައް ފުޅާކުރަން ކުވައިތު ފަންޑާ އެކު، ތިން މިލިއަން ދީނާރު (9.8 މިލިއަން ޑޮލަރު) ލޯނުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ކުދި ރަށްރަށުގެ ސިއްހީ ހިދުމަތްތައް ފުޅާކުރަން ކުވައިތު ފަންޑާ އެކު، ތިން މިލިއަން ދީނާރު (9.8 މިލިއަން ޑޮލަރު) ލޯނުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ "ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ ލޯނު އެއްބަސްވުމުގައި ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ވަލީދު އަލް ބަހަރް އަދި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ ކުދި ރަށްރަށަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ބޭނުމެއް ކަމަށެވެ.

ހިދުމަތްތައް ފޯރުކޮށްދޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދަން ދަތުރުކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީ އާއި ޓޫރިސްޓުންނަށް ލާމަރުކަޒީ އުސޫލުން ސިއްހީ ހިދުމަތް ފޯރުކޮށްދީ، ދެ ވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި އެ ލޯނުގެ ދަށުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ވުމުން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އެ ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އެ ތަންތަން އިމާރާތްކުރުމާއި ހިދުމަތްތަކުގެ އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލަތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބަލަހައްޓަން ބޭނުންވާ އިންޖީނިއަރިން ހިދުމަތްތައް އަދި މަޝްރޫއު ތަންފީޒުކުރާ ޔުނިޓުތައް ހެދުމެވެ.