Roadha Mihaaru
ސިއްހީ ދާއިރާ އަށް އިތުރަށް 1.6 ބިލިއަން ރުފިޔާ!

ސިއްހީ ދާއިރާ އަށް އިތުރު 1.6 ބިލިއަން ހޭދަވާނެ: އަމީރު

24 އެޕްރީލް 2020

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާ އަށް އިތުރަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާ އަށް އިތުރަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓްގައި ސިއްހީ ދާއިރާ އަށް ކަނޑައަޅާފައިވާ ބަޖެޓަކީ 1.7 ބިލިއަން ރުފިޔާ އެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ސިއްހީ ދާއިރާ އަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގައި މި ބަލި ފެތުރުމާ އެކު ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް ހަރަދުތައް ކުރަން ޖެހިފައިވާ އިރު ހާލަތު ދިގުދެމިގެންދާ ނަމަށް މިއަށް ވުރެ ވެސް ކުރަން ޖެހޭ ހަރަދުތައް އިތުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާ އަށް މި ވަގުތަށް ހިނގާ ހަރަދުތައް

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި ގާއިމް ކުރާ 300 އެނދުގެ އައިސީޔޫ ފެސިލިޓީ އަށް 53.5 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އިތުރަށް ކުރާ ހަރަދުތަކުގެ ތެރޭގައި މިހާރު ހިންގާ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގުމަށް 45 މިލިއަން ރުފިޔާ، ރާއްޖެ އަށް އެތެރެވާ ދޮރާށިތަކުގައި ބަލި ދެނެގަތުމުގެ ގޮތުން ގާއިމްކޮށްފައިވާ ނިޒާމަށް ނުވަ ލައްކަ ރުފިޔާ، މީހުން އައިސޮލޭޓް ކުރުމަށާއި ކަރަންޓީނު ކުރުމަށް 595 މިލިއަން ރުފިޔާ، ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް އެހީވުމަށް 37 މިލިއަން ރުފިޔާ، ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމަށް 660 މިލިއަން ރުފިޔާ، ރާއްޖެ އަށް ބޭނުންވާ ކާޑުގެ ބާވަތްތަކުގެ ސްޓޮކް ހޯދުމަށް 84 މިލިއަން ރުފިޔާ، އިންސިޑެންޓް 26 ކޮމާންޑް ޕޯސްޓަށް 14.6 މިލިއަން ރުފިޔާ، އަދި ނިކަމެތިންނަށް އެހީވުމަށް ތިން މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވެ އެވެ.

މި ހަރަދުތަކަށް އެކަނި ވެސް 1.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު ލަފާކުރެ އެވެ.

"ސިއްހީ ގޮތުން އަޅަންޖެެހޭ ފިޔަވަޅުތައް އެޅުމަށާއި ހިދުމަތް ދޭ ތަންތަން ތައްޔާރު ކުރުން، ޓެސްޓް ކުރެވޭ އިންތިޒާމުތައް ހަމަޖެއްސުން، ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ހޯދުން، ކާރިސާއިން ރައްކާތެރިވުމަށާއި ލުއިކަމެއް ހޯދަ ދިނުމަށް އަޅުގަނޑުމެން އެބަ ހަރަދުތަކެއް ކުރަން ޖެހޭ،" އޭނާ ވިދަޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، މިހާތަނަށް ސިއްހީ ބަޖެޓުގެ އިތުރަށް 233 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ކޮމިއުނިޓީ ސްޕްރެޑާ އެކު ވަރަށް ބޮޑަށް ހަރަދުތައް އިތުރުވާނެ ކަމަށެވެ.

ސިއްހީ ދާއިރާ އަށް 1.6 ބިލިއަން ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ އިރު ބޭރުގެ މާލީ އިދާރާތަކުން 3.3 ބިލިއަން ރުފިޔާ ހޯދުމަށްޓަކައި ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.