ކޮވިޑު-19 އިން ދިފާއުވުމަށް ބޭނުންވާ ވެކްސިން ގަންނަން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
11 މާޗް 2021
ކޮވިޑު-19 އިން ދިފާއުވުމަށް ބޭނުންވާ ވެކްސިން ގަންނަން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ނެރުއްވި ގަރާރެއްގައި ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދަން ސީރަމް އިންސްޓިޓިއުޓު އޮފް އިންޑިއާ އަދި ސީރަމް އިންސްޓިޓިއުޓު އޮފް ލައިފް ސައިންސަސް ކުންފުންޏާއެކު ސޮއިކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
ވެކްސިންގެ 700،000 ޑޯޒު ހޯދަން ރާއްޖެ އިން މީގެ ކުރިން ވަނީ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާއެކު ވެސް ސޮއިކޮށްފަ އެވެ. އެކަމަކު، އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ނުލިބެ އެވެ. ވިޔަފާރި ހިމާޔަތް ކުރުމަށް ކަމަށް ބުނެ އެއްބަސްވުމާ ގުޅޭ ތަފުސީލު ދިނުމަށް ހެލްތު މިނިސްޓްރީން ވަނީ ދެކޮޅު ހަދައިފަ އެވެ.
ކޮވިޝީލްޑް ވެކްސިން ޑޯޒެއްގެ އަގު އިންޑިއާގައި އުޅެނީ 2-3 ޑޮލަރުގަ އެވެ. ސިރަމް އިންސްޓިޓިއުޓުން އިންޑިއާގެ ހޮސްޕިޓަލްތަކަށް ވެކްސިން ޑޯޒެއް ވިއްކަނީ ދެ ޑޮލަރަށެވެ. އެ ގައުމުގެ އަމިއްލަ ހޮސްޕިޓަލްތަކުން ވެކްސިން ޑޯޒެއް ޖަހައިދެނީ ތިން ޑޮލަރު ނުވަތަ 250 ރުޕީސް އަށެވެ.
ނަމަވެސް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ރާއްޖެ އަށް ވެކްސިން ދިން އަގެއް ހާމައެއް ނުކުޔެ އެވެ.
ރާއްޖޭގެ އާބާދީގެ އެންމެންނަށް ވާ ވަރަށް ވެކްސިން ގަންނަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކޮށްފައިވަނިކޮށް، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރި ސަބަބެއް ނޭނގެ އެވެ. އެގޮތަށް ނިންމި ސަބަބެއް އަދި ނޭނގެ އެވެ.
މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ބޭނުންކުރަމުން އަންނަ ކޮވިޝީލްޑަކީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެވެ. އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް އުފައްދާފައިވާ މި ވެކްސިނަށް އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ދީފައި ވެ އެވެ.
ގަރާރުގައި އަމީރު ވިދާޅުވީ، އެއީ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެ އަށް ވެސް ބޭނުންޖެހިފައިވާ ވެކްސިނެއް ކަމަށެވެ. އެ ވެކްސިން މި ވަގުތު ލިބެން އޮތީ ވަކި ބައެއްގެ އަތުން ކަމަށް ވާތީ އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ.
އެއާއެކު، ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 1-02-1 ވަނަ މާއްދާ އިން ލިބޭ ބާރުގެ ދަށުން، ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކޮށް ތަންފީޒުކުރުމަށްޓަކައި ހަތަރު މާއްދާއަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ވަނީ ނިންމައިފަ އެވެ.
އެއީ މާލިއްޔަތު ގަވައިދުގެ 10.43 ވަނަ މާއްދާ އާއި 10.52 ވަނަ މާއްދާ އާއި 10.67 ވަނަ މާއްދާ އަދި 10.71 ވަނަ މާއްދާ އެވެ. މި މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރާ އެއްބަސްވުމުގެ މުއްދަތަށެވެ.
"އެ އެއްބަސްވުމުގެ މުއްދަތުގައި އެ ކަންކަމާ ގުޅޭ ގޮތުން އަމަލުކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށް ނިންމައި އެކަން އިއުލާނު ކުރަމެވެ،" ގަރާރުގައި ވިދާޅުވި އެވެ.
ސީރަމް އިންސްޓިޓިއުޓާއެކު ހަދާ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެ އެވެ. އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބަލަން އަންގާފައިވެ އެވެ.
ސިއްހީ ދާއިރާ އަށް އިތުރަށް 1.6 ބިލިއަން ރުފިޔާ!
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
ބަޖެޓު ސަޕޯޓަށް އިންޑިއާއިން 50 މިލިއަން ޑޮލަރު ދީފި
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"
ހާއްސަ އިސްކަމެއްދޭނީ ކޮވިޑުން އަރައިގަތުމަށް: ޝާހިދު
ވެކްސިން ހުއްޓައިލީ އެ ލިބުން ދަތިވެގެން
ވެކްސިންގެ 700،000 ޑޯޒު ލިބޭނެ އިރެއް ނޭނގޭ
ގެރެންޓީއާ ނުލައި ފައިސާދޭން ހުއްދައެއް ނުދެން: އަމީރު
ފްރޮންޓްލައިން މުވައްޒަފުންނަށް 13.4 މިލިއަން ދީފި
20،000ރ. އަށް ވުރެ މަތީގެ މުސާރަތައް ކުޑަކޮށްފި