Roadha Mihaaru
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ

ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ 8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ

30 މެއި 2024

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކުއްޖެއް އެ ހޮސްޕިޓަލުގެ އިހުމާލުން ހާލު އިތުރަށް ގޯސްވި ކަމަށް ބުނާ މައްސަލަ އެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކުއްޖެއް އެ ހޮސްޕިޓަލުގެ އިހުމާލުން ހާލު އިތުރަށް ގޯސްވި ކަމަށް ބުނާ މައްސަލަ އެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުކުރި ތުއްތު ކުއްޖެއްގެ އަތަށް އައިވީ ގުޅުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކެއް ކަމަށް ބުނާ ޕޯސްޓަކާ ގުޅިގެން އެ މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލު ކުރުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފައިނޭންސް އެގްޒެކެޓިވް މުހައްމަދު މޫސާ ވިދާޅުވީ އެ މައްސަލަ މިނިސްޓްރީއާ ގުޅިގެން ހޮސްޕިޓަލުން ވެސް ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން އެ ކޭސްއާ ގުޅޭ އިންޓާނަލް ރިވިއުއެއް. ކުރިއަށް މި ގެންދަނީ މިނިސްޓްރީއާ ވެސް ގުޅިގެން. އެކަމާ ގުޅުން ހުރި ނަރުހުން ނުވަތަ ޑޮކްޓަރުންގެ އިހުމާލެއް ވާ ނަމަ ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވި އެވެ.

"އަދި މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ ޑިޕާޓްމަންޓަށް ރިކުއެސްޓް ކޮށްގެން މުޅި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކޮލިޓީ އިންޓާނަލް ރިވިއުއެއް ވެސް ކުރިއަށް ގެންދަން އެބަ."

ކުޅުދުއްފުށި ރީޖަލަން ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް 8 މަހުގެ ކުއްޖާގެ އަތް---

ކުޅުދުއްފުށި ރީޖަލަން ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް 8 މަހުގެ ކުއްޖާގެ އަތް---

ކުއްޖާގެ އާއިލާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، ކުޅުއްދުއްފުށީ ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުން އަންނަމުން ދާތީ ކަމަށެވެ.

އެ ކުއްޖާ އެ ހޮސްޕިޓަލްގެ ޑޮކްޓަރަށް ފަސް ފަހަރު ދެއްކި ކަމަށާއި އެކަމަކު އެ އިން ކޮންމެ ފަހަރަކު ވެސް އާދައިގެ ކަމެއް ކަމަށް ނިންމައި ގެއަށް ފޮވާލަނީ ކަމަށް އެ ޕޯސްޓުގައި ވެ އެވެ.

"އެންމެ ފަހުން އާދޭސް ކޮށްގެން ޓެސްޓް ހެދީމާ އެނގުނީ ޑެންގޫ އަށް ޕޮޒިޓިވް ވެފައި ވާކަން. ހުމުގެ ސަބަބުންނާއި އިންފެކްޝަންގެ ސަބަބުން ޑީހައިޑްރޭޓް ވެގެންނާއި އެކި އެހެން މައްސަލަތައް ދިމާވެ ހާލު ސީރިއަސް ވެފައިވާކަން،" ކުއްޖާގެ އާއިލާގެ ޕޯސްޓުގައިވެ އެވެ.

އެ ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އާއިލާ އިން ވަނީ ކުއްޖާ އަށް އެގޮތަށް ދިމާވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ތުހުމަތުކޮށް، އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.