Roadha Mihaaru
ކުޅުދުއްފުށީގައި ހިތުގެ ޓެސްޓުތައް ހެދުން ހުއްޓިފައި!

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ހިތުގެ ގިނަ ޓެސްޓުތައް ހެދުން ހުއްޓިފައި!

04 ނޮވެމްބަރ 2019

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި މިދިޔަ މަހު ހުޅުވި ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރި ހިތުގެ ޑޮކްޓަރުގެ ކޮންޓްރެކްޓް ހަމަވެ، ފުރައިގެން ދިއުމުން، ހިތުގެ ގިނަ ޓެސްޓުތައް ހެދުން ހުއްޓިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި މިދިޔަ މަހު ހުޅުވި ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރި ހިތުގެ ޑޮކްޓަރުގެ ކޮންޓްރެކްޓް ހަމަވެ، ފުރައިގެން ދިއުމުން، ހިތުގެ ގިނަ ޓެސްޓުތައް ހެދުން ހުއްޓިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި، ޚަދީޖާ އަލީ "މިހާރު" އަށް ވިދާޅުވީ ހިތުގެ ޑޮކްޓަރު މިދިޔަ މަހުގެ 17 ގައި ފުރައިގެން ގޮސްފައިވާތީ، ކާޑިއެކް ސެންޓަރުން ފުރިހަމަ އަށް ޚިދުމަތް ދެވުނީ އެންމެ ހަފުތާ އަކު ކަމަށެވެ.

ޚަދީޖާ ވިދާޅުވި ގޮތުގައި، މިސްރުގެ އެ ޑޮކްޓަރުގެ ކޮންޓްރެޓް އާ ނުކުރީ އޭނާގެ ފަރާތުން ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވާތީ އެވެ.

ޚަދީޖާ ވިދާޅުވީ، ކާޑިއެކް ސެންޓަރުގައި ކާޑިއޮލޮޖިސްޓެއް ނެތުމުން، އެތަނުން ލިބެންވާ ހުރިހާ ހިދުމަތެއް މިހާރު ނުލިބޭ ކަމަށެވެ. ނަމަވެސް އާންމު ބަލިތަކުގެ ޑޮކްޓަރުންގެ އެދުމަށް، އީސީޖީ އާއި ލޭގެ ޓެސްޓުތައް އެ ސެންޓަރުން މިހާރު ވެސް ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރު މިދިޔަ މަހުގެ 11 ގައި ހުޅުވީ ނޮން އިންވޭސިވް ހުރިހާ ކާޑިއެކް ޓެސްޓްތައް ހެދޭނެ ގޮތަށެވެ. އޭގެ ތެރޭގައި ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑާ މޮނިޓަރިންގެ ހިދުމަތް ވެސް ހިމެނެ އެވެ.

ޚަދީޖާ ވިދާޅުވި ގޮތުގައި، އެ ސެންޓަރުގެ ފުރިހަމަ ހިދުމަތް ލިބެން ދެން ފަށާނީ އެތަނަށް އާ ކާޑިއޮލޮޖިސްޓެއް ލިބުމުންނެވެ. އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އާ ޑޮކްޓަރެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ އުތުރަށް އޮންނަ ތިން އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތުގެ ބަލީގެ ހިދުމަތް ދޭން ކާޑިއެކް ސެންޓަރެއް ހުޅުވި އިރު، އެ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް ދޭން ވެސް އެ ދުވަހު ފެށި އެވެ. އެ ސެންޓަރުގައި ޑޮކްޓަރު މަސައްކަތް ކުރެއްވި ދުވަސްވަރު، ދުވާލަކު ފަސް ވަރަކަށް ބަލި މީހުން އެ ޑޮކްޓަރަށް ދެއްކި ކަމަށް ޚަދީޖާ ވިދާޅުވި އެވެ. އާންމު ގޮތެއްގައި 300 އެއްހާ މީހުން ދުވާލަކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ އިރު، އެ ރަށަށް ދާ ފެރީން ގިނަ ދުވަސްތަކުގައި 600 އަށް ވުރެ ގިނަ މީހުން އެ ހޮސްޕިޓަލަށް ގޮސް ހިދުމަތް ހޯދާ ކަމަށް ޚަދީޖާ ވިދާޅުވި އެވެ.