Roadha Mihaaru
ކުޅުދުއްފުށި ހޮސްޕިޓަލްގެ ފެންވަރު މަތިކުރަން އިސްކަމެއް

ކުޅުދުއްފުށި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމާ ހަމައަށް ވެސް ހިދުމަތްތައް މަތިކުރަނީ

16 ޖުލައި 2021

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ކުރިން ވެސް ހިދުމަތްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ކުރިން ވެސް ހިދުމަތްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރުގެ ތިން އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެއީ އުތުރުގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް ކަމަށާއި ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތް މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި، ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ވަނީ އެ ތަނުގެ ފެންވަރު މަތިކޮށް، ހިދުމަތްތައް ފުޅާކުރުމަށް މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ރައީސާ ހިއްސާ ކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ހޮސްޕިޓަލަށް މި ވަގުތަށް އެންމެ މުހިންމު ކަންކަމާއި ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން އެ ތަނުގެ އިސްވެރިން ރައީސާ މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރޭގައި ޕްރައިވެޓް ރޫމުތައް ހެދުމުގެ މުހިންމު ކަމާއި އޯޕީޑީގައި ހުރި ދަތިތަކާއި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އުތުރުން އެންމެ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ބީލަމަށް ހުޅުވުމުގެ މަރުހަލާގައި ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް އޭގެ ކުރިން ރީޖަނަލް ހޮސްޕިޓަލްގައި އިތުރު 30 އެނދުގެ ވޯޑަކާއި ހަ އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް ސަރުކާރުން ބުނެ އެވެ. އެ ތަންތަން ހެދުމުގެ ނަތީޖާއަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ހޮސްޕިޓަލްގައި ގިނަ އާ ހިދުމަތްތަކެއް މިހާރު ވެސް ތައާރަފު ކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އެއީ އެމްއާރުއައިގެ ހިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރަޕީ ފަދަ ހިދުމަތްތަކެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރަށްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާއިރު، އެ ހޮސްޕިޓަލުގެ ހިންގުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިހާޜު ހޮސްޕިޓަލްގެ ކަންކަން ކުރިއަށް ގެންދަނީ ވަކި ގަވަނިން ބޮޑީއަކާއެކު އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 208 މުވައްޒަފަކު ކުޅުދުއްފުށި ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އައި ނަމަވެސް މިހާރު އެ އަދަދު ވަނީ 333 އަށް މަތިވެފަ އެވެ. އޭގެ ތެރޭގައި 62 ދިވެހިން ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްގައި މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ދިވެހި ފަސް ޑޮކްޓަރަކު މަސައްކަތް ކުރަން ފަށާފައިވެ އެވެ. މި އަދަދާއެކު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ޑޮކްޓަރުންގެ އަދަދު މިހާރު އުޅެނީ 46 ގަ އެވެ.

ކޮވިޑްގެ މި ބަލިމަޑުކަމުގައި، ކުޅުދުއްފުށި ހޮސްޕިޓަލުގައި ޕީސީއާރު ލެބެއް ގާއިމުކޮށް، މިހާތަނަށް 29،000 އަށް ވުރެ ގިނަ ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި 2019 ވަނަ އަހަރު އެ ހޮސްޕުޓަލުން ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށައި، މިހާތަނަށް 1،727 އަށް ވުރެ ގިނަ ސްކޭން ކޮށްފައިވާ ކަމަށާއި އަލުން މެމޯގްރާމް މެޝިން ބަހައްޓައި އެ މަސައްކަތް ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހދ. އަތޮޅުގެ ތިން ރަށަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ކުމުންދޫ އަދި ހަނިމާދު އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.