Roadha Mihaaru
ނިމްސްގެ އެއްބަސްވުން އުވާލަދީ: މެންބަރު ނަޝީދު

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލަން މެމްބަރު ނަޝީދު އެދިވަޑައިގެންފި

26 ޑިސެމްބަރ 2017

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މެމްބަރު ނަޝީދުގެ ބްލޮގްގައި ޝާއިއުކުރައްވާފައިވާ ނިމްސްގެ އިސްވެރިންނަށް ހުޅުލެވިފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލް ހިންގަން 50 އަހަރަށް އެ ކުންފުންޏާ ހަވާލުކުރުން ވެގެންދިޔައީ އެ ރަށުގެ ގިނަ ރައްޔިތުންނަށް އުފާވެރިކަން ގެނުވި ކަމެއް ކަމަށެވެ.

"އެހެން އެކަން ދިމާވި ސަބަބުތަކެއް ވެސް ހުއްޓެވެ. ތަން ހިންގަން ހަވާލުވި ފަރާތަކީ، އިންޑިޔާގެ ނިމްސް ހޮސްޕިޓަލް ހިންގާ ފަރާތްކަމަށް ވުމެވެ. ނިމްސްއަކީ އުތުރުގެ ރައްޔިތުން ދަންނަ ބްރޭންޑަކަށްވުމެވެ. އެކަންކުރަން އިސްނަގައިގެން މަސައްކަތްކުރީ، ކުޅުދުއްފުށްޓަށް އުފަން ބޭފުޅަކަށްވުމެވެ. ކުންފުނީގެ މޫނުމަތި ކަމުގައިވި ދިވެއްސަކީ، ކުރިން ކުޅުދުއްފުށީގައި ހިންގި ބައެއް ވިޔަފާރި ކަންކަމުގައި އުޅުނު ރަށު ރައްޔިތުންނަށް ފަރިތަ މޫނަކަށްވުމެވެ." ނަޝީދުގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ ހޮސްޕިޓަލް ހިންގަން ހަވާލުކުރީ މުއްދަތުތަކެއް ކަނޑައަޅައިގެން ގިނަ ހިދުމަތްތަކެއް ތައާރަފުކުރާ ގޮތަށް ކަމަށާއި އެއާއެކު މާއްދީ ގޮތުންނާއި ހިދުމަތުގެ ގޮތުން އެތައްތަނެއް ކުރިޔަށްދާނެ މަރުކަޒަކަށް ހޮސްޕިޓަލް ވެގެންދާނެ ކަމަށް އެ ރަށާއި ސަރަހައްދުގެ ރައްޔިތުންނަށް ގަބޫލުކުރެވުނު ކަމަށެވެ.

"އެހެންނަމަވެސް، މިއަދު މިފެންނަ މަންޒަރަކީ މުޅިން ތަފާތު މަންޒަރެކެވެ. ހިނގަހިނގާހުރި ހޮސްޕިޓަލެއް ހަވާލުކުރުމުން އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް ކަމެއް ނުކުރެވުނުތާނގައި އެތަން ހިންގަމުން ދިޔަފެންވަރުގައި ވެސް ހިންގާ ނުލެވުނު ތަނެވެ. ހާލަތު ދަށްވެ، ހިދުމަތްތައް ހުއްޓެން ފެށުމުން އާއްމު މަސްލަހަތު ހިމާޔަތްކުރެއްވުމަށް ދިވެހި ސަރުކާރަށް އޮތް ޒިންމާގެ ދަށުން، ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ދޭން ފެއްޓެވި ތަނެވެ. ތަކެއްޗާއި މީހުން ފޮނުއްވައިދެއްވަން ފެއްޓެވި ތަނެވެ. އަސާސީ ސިއްހީ ހިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވަން ފެއްޓެވި ތަނެވެ. އެއްބަސްވުމެއްގެ ދަށުން ތިޔަ ކުންފުންޏާ ތަން ހިންގަން ހަވާލުކޮށްފައި ވީނަމަވެހެވެ. ހޮސްޕިޓަލްގައި ތިއްބެވި ތިޔަ ކުންފުނީގެ ބިދޭސީ ވެރިންނާއި ދިވެހި ވެރިން ހޮސްޕިޓަލާއި ރަށް ދޫކުރައްވައި، ވަޑައިގެންނެވިތަނެވެ." އެ ސިޓީގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްގެ ދަށުން އެންމެމަތީ ފެންވަރުގައި ހާއްސަ އިސްކަމެއްދީގެން ވަރަށް ހެޔޮނިޔަތާއެކު ހާސިލުކުރަން ބޭނުންވި މަލްޓި-ސްޕެޝަލްޓީ ޓަޝަރީ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ބަދަލުކުރުމުގެ އުންމީދު ސުވާލާއި އޮޅުންބޮޅުމުގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

"މިކަމުގެ ޝަކުވާ އެންމެ ގިނައިން އަޑުއަހަންޖެހޭ އެކަކީ، އަޅުގަނޑެވެ. ނޮވެމްބަރު 25 ން ފެށިގެން ޑިސެމްބަރު 20 އާދެމެދު އަޅުގަނޑު ކުޅުދުއްފުށްޓަށް ކުރި ތިން ދަތުރުގައި ވެސް، ހޮސްޕިޓަލުގެ ގިނަ މުވައްޒަފުން އަޅުގަނޑާ ބައްދަލުކޮށް ހޮސްޕިޓަލުގެ ހާލަތު ކިޔައިދިނެވެ. ރަށުން ދިމާވި ހަމަކޮންމެ މީހަކުމެ އެ ޝަކުވާތައް ތަކުރާރުކުރި އެވެ. ރަށުން އަންނަ ކޮންމެ ކޯލެއްގައިމެ މި ޝަކުވާ އާދެ އެވެ. އެހެންކަމުން، ހޮސްޕިޓަލަށް ވަމުންދާގޮތާއި މައްސަލައިގެ ސީރިއަސްކަން އެންމެބޮޑަށް އެނގޭ އެކަކަށް އަޅުގަނޑުވާނެކަމަށް ގަބޫލުކުރައްވާށެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށް ހުންނަވައި ސަރުކާރުން މިވަރުގެ އިސްކަމެއްދީގެން ކުރަން ފަށާފައިވާ ކަމަކަށް އެއްޗެއް އާއްމުކޮށް ބުނުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެކަމަކު، ތަން ބިކަވެ ހަލާކުވަމުންދާއިރު ހޮސްޕިޓަލް ހިންގުމާ ހަވާލުވެގެން އޮތް ކުންފުންޏާއި ބައެއް ވާހަކަ ދަންނަވާނުލައި ހުރުމަކީ ވެސް ކުރައްވަން ފަސޭހަފުޅުކަމެއް ނޫން ކަމަށް ވެސް ނަޝީދު ލިޔުއްވާފައިވެ އެވެ.

"މިކަންކަން މިހެން ދިމާވުމުން، އެންމެ ރަނގަޅު ގޮތަކަށްވާނީ، މި އެއްބަސްވުން ވީހާވެސް އަވަހަކަށް ރޫޅައިލުމެވެ. އުފެއްދި ގުޅުން ނިއުޅާލުމެވެ. އަދި، އިހު ހުރިގޮތަށް ހޮސްޕިޓަލް ދިވެހި ސަރުކާރަށް ރުޖޫއަ ކޮށްދިނުމެވެ." އޭނާ ލިޔުއްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ އެ ހޮސްޕިޓަލް ހިންގަން ސަރުކާރުން އެ ކުންފުންޏާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރަން ޖާއިޒު ސަބަބުތަކެއް ސަރުކާރަށް ލިބިފައިވީ ނަމަވެސް، އެކަން ކުރެވެން އޮތީ ދިގު މަރުހަލާތަކެއް ކަޑައްތުކޮށްގެން، ގިނަ އިޖުރާއަތުތަކެއް ފުރިހަމަކޮށްގެން ކަމަށެވެ. އެއީ ފަހުން އުޅެން ޖެހިދާނެ ޝަރުއީ މަރުހަލާތަކަކަށް ނުދިއުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އެހެންނަމަވެސް، ތިޔަ ކުންފުނިން ބޭނުންކަމަށްވާނަމަ، ވަރަށް ފަސޭހައިން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ބޭނުންކުރެވިދާނެ މާއްދާއެއް އެބައޮތެވެ. އެއްވެސް ސަބަބަކާ ނުލައި ނަމަވެސް، ހިންގަން ބޭނުންނުވެގެން ދޫކޮށްލުމަށް މަގުފަހިކުރާ މާއްދާއެކެވެ. އެ މާއްދާ ބޭނުންކުރައްވައިގެން، މި އެއްބަސްވުން ނިމުމަކަށް ގެނައުމަކީ، ކުރެއްވިދާނެ ކަމެކެވެ،" ނަޝީދު އެ ކުންފުންޏަށް ލަފާ ދެއްވަމުން ވިދާޅުވެފައިވެ އެވެ.

ނަޝީދު ވިދާޅުވީ އެ ހޮސްޕިޓަލް ހިންގަން އެ ކުންފުންޏާއެކު އެއްބަސްވުމެއްގެ ދަށުން ހަވާލު ކޮށްފައި ވަނިކޮށް ސަރުކާރުން އެތަނަށް ހިދުމަތް ދޭން ޖެހުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މާގިނަ ދުވަހަކަށް ކުރެވޭނެ ކަމެއްވެސް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ތަން ހިންގަންވާނީ، ކޮންމެވެސް އެއް ފަރާތަކުންނެވެ. އެހެންޏާ ސަރުކާރުންނެވެ. އެހެންޏާ ތިޔަ ކުންފުނިންނެވެ. ވީމާ، މި ވާހަކަތައް ދަންނަވާލުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ." އެ ސިޓީ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.