Roadha Mihaaru
ކުޅުދުުއްފުށީ ހޮސްޕިޓަލްގެ ހިދުމަތް މިނިސްޓްރީން ބަލަނީ

ކުޅުދުުއްފުށީ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތަކާ މިނިސްޓްރީން ހަވާލުވެއްޖެ

14 ޑިސެމްބަރ 2017

އިންޑިއާގެ ނިމްސް ކުންފުނިން ހިންގަމުން އަންނަ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޚިދުމަތްތައް ބޮއްސުންލައި އާންމުންގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން، އެ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް ދިނުމާ ހެލްތް މިނިސްޓްރީން ވަގުތީ ގޮތުން މިއަދު ހަވާލުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ ނިމްސް ކުންފުނިން ހިންގަމުން އަންނަ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޚިދުމަތްތައް ބޮއްސުންލައި އާންމުންގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން، އެ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް ދިނުމާ ހެލްތް މިނިސްޓްރީން ވަގުތީ ގޮތުން މިއަދު ހަވާލުވެއްޖެ އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު މާހިރު މިއަދު ވިދާޅުވީ އެ ހޮސްޕިޓަލް މިހާރު ހިންގަމުން އަންނަ ކުންފުންޏަށް ދިމާވެފައިވާ މައްސަލަތައް ހައްލުވަންދެން، މިނިސްޓްރީން ބައެއް ހިދުމަތްތައް ބަލަހައްޓާނެ ކަމަށެވެ. އެ ގޮތުން ޑޮކްޓަރުން ފޮނުވުމާއި ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ މިދިޔަ ޖޫން 19 ގަ އެވެ. މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން އެ ކުންފުންޏާ ހަވާލުކުރީ 50 އަހަރަށެވެ.

އެކަމަކު އެއިން އެއްވެސް ހިދުމަތެއް މިހާތަނަށް ނުފެށޭ އިރު، ކުރިން ތިބި ޑޮކްޓަރުންގެ އަދަދު މަދުވެ، ހިދުމަތްތައް މެދުކެނޑިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު، ކުރިއަށް ވުރެ ވެސް ދަށްވެފައިވާ ކަމުގެ ޝަކުވާ ލިބެ އެވެ.

މާހިރު ވިދާޅުވީ އެ ހޮސްޕިޓަލުން ދެމުން އަންނަ ބައެއް ހިދުމަތްތަކާ މިނިސްޓްރީން ހަވާލުވީ، މެދުނެކެނޑި ހިދުމަތް ދިނުމަށް ކަމަށެވެ.

"ސިއްހީ ހިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި މި ހަވާލުވީ. އެގޮތުން ލެބޯޓްރީ އަށް ބޭނުންވާ ބައެއް ސާމާނު ފޮނުވައި ޑޮކްޓަރުން ވެސް ފޮނުވަމުން މި އަންނަނީ،" މާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލުގައި ރޭޑިއޮލޮޖިސްޓެއް ފިޔަވައި، އެހެން ހުރިހާ ސްޕެޝަލިސްޓު ޑޮކްޓަރުން މިހާރު ތިބޭނެ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަނީ ބޭރުގެ ކުންފުންޏަކަށް ވުމުން، އެ ހޮސްޕިޓަލް ހިންގުމާ ސީދާ މިނިސްޓްރީން ހަވާލެއްނުވެ އެވެ. ނަމަވެސް ބައެއް ހިދުމަތްތައް މެދުކެނޑިދާނެތީ، މިނިސްޓްރީން ހަވާލުވީ އެކަންތައްތައް ހަމަޖެއްސުމަށެވެ.

އެ ހޮސްޕިޓަލް ނޫރުލް އިސްލާމް ކުންފުންޏަށް ހަވާލުކުރުމުގެ ކުރިން މިނިސްޓްރީން ވަނީ ކުޅުދުއްފުށީގައި ހދ. އަތޮޅު ހެލްތް ސާވިސަސްގެ ނަމުގައި އޮފީހެއް ހުޅުވައިފަ އެވެ. އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑޮކްޓަރުން ފޮނުވައި އެ ހޮސްޕިޓަލްގެ ބައެއް ކަންތައްތައް ބަލަހައްޓަމުން އަންނަނީ އެ އޮފީހުގެ ދަށުންނެވެ.