Roadha Mihaaru
މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހަށް

މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންގެ ކިބައިން އެދިއްޖެ

20 ޖޫން 2021

ފަރުވާ ލިބުން ލަސްވެ، ކޮވިޑުގައި ރާއްޖެ އިން ނިޔާވި އެންމެ ހަގު ކުއްޖާ، އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެޗްއާރުސީއެމުން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަރުވާ ލިބުން ލަސްވެ، ކޮވިޑުގައި ރާއްޖެ އިން ނިޔާވި އެންމެ ހަގު ކުއްޖާ، އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެޗްއާރުސީއެމުން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުހީ ޕްރޮގްރާމުގައި އެޗްއާރުސީއެމްގެ މެމްބަރު މޫމިނާ ވަހީދު ރޭ ވިދާޅުވީ، މިޝްކާ ނިޔާވި މައްސަލަ ތަހުގީގު ކުރަން ބޭނުންވާ މުހިއްމު ބައެއް މައުލޫމާތުތައް އެ ކޮމިޝަނަށް އަދި ވެސް ނުލިބޭ ކަމަށެވެ. އޭގެ ތެރޭގައި، ހެލްތު މިނިސްޓްރީން ހެދި ރިވިއު ރިޕޯޓާއި އައިޖީއެމްއެޗުން ބޭނުންވާ އިތުރު ބައެއް މައުލޫމާތު ހިމެނެ އެވެ.

މިދިޔަ މަހުގެ 28 ގައި ނެގި ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނު މިޝްކާގެ ހާލު ސީރިއަސްވެ ނިޔާވީ މި މަހުގެ ދެ ވަނަ ދުވަހުގެ ރެ އެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ވާން ފެށުމުން އެމްބިއުލާންސް ފޮނުވައިދޭން އެތައް ފަހަރަކު އެދުމުން ވެސް އެކަން ކޮށްދީފައި ވަނީ ދެ ގަޑިއިރާއި 25 މިނެޓު ފަހުންކަން ހެލްތު މިނިސްޓްރީގެ ރިވިއުން އެނގެ އެވެ.

މޫމިނާ ވިދާޅުވީ، ރިވިއު ރިޕޯޓު ވެސް ރަސްމީކޮށް އެޗްއާރުސީއެމާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ރިޕޯޓު ފޮނުވާނެ ކަމަށް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވިއަސް އެކަން ވެސް މިހާތަަނަށް ތަންފީޒު ނުކުރައްވާ ކަމަށް މޫމިނާ ވިދާޅުވި އެވެ.

"ނަމަވެސް މިއަދާ ހަމައަށް [ހެލްތުގެ] ރިޕޯޓު ހިއްސާކޮށްފައެއް ނެތް. އައިޖީއެމްއެޗުން ރިވިއު ރިޕޯޓު ހިއްސާކޮށްފައިވޭ. އެކަމަކު ހޯދަން ބޭނުންވާ އިތުރު ބައެއް މައުލޫމާތު ނުލިބޭ. ރިވިއު ރިޕޯޓު ލިބިފައިވަނީ ވެސް ޖޫން 13 ގައި،" ވާޗުއަލްކޮށް ބޭއްވި ޕްރޮގްރާމުގައި މޫމިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިޝްކާގެ މަރާ ގުޅިގެން އެއްވެސް މައްސަލައެއް ތަހުގީގު ކުރޭތޯ ސުވާލު ކުރުމުން އެ ފަދަ މައްސަލައެއް ނުބަލާ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. އެހެންވެ، މިޝްކާ ނިޔާވި މައްސަލަ ތަހުގީގު ކޮށްދިނުމަށް މިދިޔަ ހަފުތާގައި ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް މޫމިނާ ވިދާޅުވި އެވެ.

މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެޗްއާރުސީއެމުން ފުލުހުންގެ ކިބައިން އެދުނީ މި މަހުގެ 14 ގަ އެވެ.

ހެލްތު މިނިސްޓްރީގެ ރިޕޯޓު ހިއްސާކޮށްފި ނަމަ އެޗްއާރުސީއެމްގެ ތަހުގީގު އަވަސްވާނެ ކަމަށާއި ވަކި ފަރާތެއްގެ އިހުމާލުވާ ނަމަ އެކަން ރަނގަޅުކުރަން ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ވެސް މޫމިނާ ވިދާޅުވި އެވެ.

މިޝްކާގެ ފަރުވާ ލަސްވުމުގައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އިހުމާލު އުޅޭ ކަމަށް ހެލްތު މިނިސްޓްރީން ބުންޏަސް އެއްވެސް ބަޔަކަށް އަދި ފިޔަވަޅެއް އެޅި ކަމެއް ނޭނގެ އެވެ.