Roadha Mihaaru
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

އަތުހަރު މަރުވި މައްސަލަ ބަލަން އެޗްއާރުސީއެމްގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވަނީ

03 ސެޕްޓެމްބަރ 2024

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ޖަލުގެ ގޮޅީގައި އަމިއްލަ އަށް މަރުވި މައްސަލަ އެޗްއާރްސީއެމުން ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ޖަލުގެ ގޮޅީގައި އަމިއްލަ އަށް މަރުވި މައްސަލަ އެޗްއާރްސީއެމުން ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރުސީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި އަތުހަރު ވަނިކޮށް އަމިއްލައަށް މަރުވާން އުޅުނު ހާދިސާ ކޮމިޝަނުގެ ސަމާލުކަމަށް ގެނައި ވަގުތުން ފެށިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަތުހަރު މަރުވި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ވެސް ކޮމިޝަނުން ބަލަމުންދާ ކަމަށް ބުންނެވެ.

އެޗްއާރުސީއެމުން އަންނަނީ އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު މީހުންނަށް އެރޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ވެސް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގައި ފުލުހުންގެ ބެލުމުގެ ދަށަށް އަތުހަރު ގެންދިއުމަށް ފަހު، އޭނާ އަށް ސިއްހީ ފަރުވާ ފޯރު ކޮށްދިނުމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ހާދިސާ ހިނގި ރެއިން ފެށިގެން ކޮމިޝަނުން ބަދަލުން އަންނަ ކަމަށް ވެސް ބުންޏެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންނާ އެކު، އިސްކަންދަރު ކޮށީގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި އަތުހަރު ގޮޅީގައި ދަންޖެހޭ ތަން ފެންނަ ސީސީޓީވީ ފުޓޭޖު ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އަތުހަރު ބަންދު ކޮށްފައި ހުރި ގޮޅި ފެންނަ ހިސާބުގައި ފުލުހަކު ނެތެވެ. ނަމަވެސް، އެ ގޮޅި އެއްކޮށް ފެންނަ ގޮތަށް ކެމެރާ ހުރީ ހަރުކޮށްފަ އެވެ. އެ ކެމެރާގެ ފުޓޭޖުން ފެންނަ ގޮތުގައި، އަތުހަރު އޮތް ގޮޅި އަށް ފުލުހުން ވަދެފައި ވަނީ އޭނާ ދަންޖެހެން މަސައްކަތް ކުރިތާ ތިރީހަކަށް މިނިޓް ފަހުންނެވެ.

އަތުހަރު ދަންޖެހުނު ގޮތާއި އެކަން ކުރި ގޮތް ސީސީޓީވީ ފުޓޭޖުން ވަރަށް ސާފުކޮށް ފެނެ އެވެ. މިއީ އަމިއްލަ އަށް މަރުވުމުގެ އަމަލަކަށް ވާތީ، އޭގެ ތަފުސީލްތައް މީޑިއާގައި އާންމު ނުކުރަން ވަނީ ނިންމައިފަ އެވެ.

އަތުހަރު ބާއްވާފައި އޮތް ގޮޅި އަށް ފުލުހުން ދިޔައިރު، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް، އޭނާއަށް ގޮޅީގައި އަވަަސް ފަރުވާދޭން އެތަނަށް ވަން ތިން ފުލުހުން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

އަތުހަރު ގޮޅިން ނެރެގެން ސްޓްރެޗާއަކަށް ލައިގެން ގެންދިޔައީ ދޫނިދޫގެ މެޑިކަލް ސެންޓަރަށެވެ. އެ އަށް ފަހު ލޯންޗުގައި މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނީ އެވެ. ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވެފައިވަނީ މިއަދު ހަވީރު 4:08 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ށ. މިލަންދޫ، ހެޕީލޭންޑް، އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ރޭގެ 7:02 ގަ އެވެ. ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނިޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިނުން ދައްކަ އެވެ.

އޭގެ 8 މިނިޓް ފަހުން 7:14 ވީއިރު އަތުހަރު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައި ވެ އެވެ. އެހެންވެ، އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނިޓެވެ.