Roadha Mihaaru
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!

އަތުހަރުގެ ގޮޅީގެ ވީޑިއޯ: އުފެދުނީ ފުލުހުން އަމަލުކުރި ގޮތާ މެދު ސުވާލުތަކެއް!

03 ސެޕްޓެމްބަރ 2024

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ޖަލުގެ ގޮޅީގައި ދަންޖެހުމަށްފަހު، އެ ގޮތަށް 30 މިނެޓް ވަންދެން އިނެވެ. އެ ހުރިހާ ވަގުތެއް ވެގެން ދިޔައިރު، ޖަލު ބަލަހައްޓަން ތިބި ފުލުހުންނަކަށް އެކަމެއް ނޭނގެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ޖަލުގެ ގޮޅީގައި ދަންޖެހުމަށްފަހު، އެ ގޮތަށް 30 މިނެޓް ވަންދެން އިނެވެ. އެ ހުރިހާ ވަގުތެއް ވެގެން ދިޔައިރު، ޖަލު ބަލަހައްޓަން ތިބި ފުލުހުންނަކަށް އެކަމެއް ނޭނގެ އެވެ.

އެހެންކަމުން، ގިނަ މީހުން ސުވާލު އުފެއްދީ އެހާ ނުރައްކާތެރި މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ އަމަލުތައް ފުލުހުން މޮނިޓާކުރި މިންވަރާ މެދު އެވެ.

މީގެ ކުރިން މާފުށީ ޖަލުގައި ބަންދު ކޮށްފައި ހުރި ގައިދީއަކު ނަމާދަށް ހުއްޓާ ޖަލުގެ ގޮޅީގައި މަރުވުމުން އެކަން ނޭނގި ގިނައިރުތަކެއް ހޭދަވި މައްސަލާގައި، ޖަލުތައް މޮނީޓާކުރުން ހަރުދަނާ ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އަތުހަރުގެ މަރާ ގުޅިގެން، ރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނާއެކު ހޯމް މިނިސްޓަރު އަލީ އިހުސާން ބޭއްވެވި ނުރަސްމީ ބައްދަލުވުމެއްގައި ގިނަ ނޫސްވެރިން މި ސުވާލު ފުލުހުންނާ އަމާޒުކުރި އެވެ. ނަމަވެސް، "އޮފް ދަ ރިކޯޑް" ގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުން މި ސުވާލަކަށް ޖަވާބެއް ނުދެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް ރަނގަޅު ކަން ނުވަތަ ގޯސްކަން ވެސް ނިންމޭނީ އެ މައްސަލާގައި ތަހުގީގު ނިމުނުންނެވެ. އެ މައްސަލަ ހިިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ދޫނިދޫ ގޮޅީގައި އަތުހަރު ދަންޖެހޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ނޫސްވެރިންގެ އިތުރުން އަތުހަރުގެ އާއިލާއަށް ވަނީ ދައްކައިފަ އެވެ. އެ ވީޑިއޯ ނޫސްވެރިންނަށް ދެއްކި މައިގަނޑު މަގުސަދަކީ އަތުހަރު މަރުވީ ފުލުހުން އަނިޔާކޮށްގެން ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

އެ ވީޑިއޯއިން އަތުހަރު ގޮޅި ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރާ މަންޒަރާއި ދަން ޖެހުމުން އޭނާގެ ހަރަކާތް ހުއްޓޭ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު ވީޑިއޯއިން ފެނުނު މަންޒަރުތަކުން އެންމެ ބޮޑަށް ސުވާލު އުފެދެނީ ފުލުހުން އަމަލު ކުރި ގޮތާ މެދު އެވެ.

އަތުހަރު: އޭނާ މަރުވި ގޮތް އެޗްއާރްސީއެމް އިން ދަނީ ތަހުގީގު ކުރަމުން

އަތުހަރު: އޭނާ މަރުވި ގޮތް އެޗްއާރްސީއެމް އިން ދަނީ ތަހުގީގު ކުރަމުން

އަތުހަރު ދަންޖެހެން މަސައްކަތް ކުރަމުންދިޔަ މަންޒަރު ޖަލު ގޮޅީގައި ހުރި ސީސީޓީވީ ކެމެރާގެ ވީޑިއޯ ފުޓޭޖުން ސާފުކޮށް ފެނެ އެވެ. ނަމަވެސް، 24 ގަޑިއިރު ވަގުތުން ބެލޭ ގޮތަށް ހުރި ކެމެރާއިން ފެންނަ އެ މަންޒަރު އެވަގުތު އެއްވެސް ފުލުހަކަށް ފާހަގައެއް ނުވި އެވެ.

އެ ކެމެރާގެ ފުޓޭޖްތައް ފުލުހުން ވަގުތުން މޮނީޓާ ކުރަމުން ނުދަނީ ކީއްވެތޯ ވެސް ނޫސްވެރިން ސުވާލުކުރި އެވެ. އެކަމަކު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެ ސުވާލު ޖަވާބުދޭން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވި އެވެ. ނަމަވެސް ޖަލު ގޮޅިތަކުގެ މަންޒަރުތައް ބަލަން ބަހައްޓާފައި ހުންނަނީ ވަރަށް ކުޑަ ސްކްރީނަކަށް ވާތީ ގައިދީންގެ ހަރަކާތްތައް މޮނިޓާކުރަން ފުލުހުންނަށް ފަސޭހަ ނޫނެވެ.

ޖަލުގައި އެކަނި އޮންނަ މީހަކަށް ނަފްސާނީ ގޮތުން ކުރާ އަސަރެއްގެ ސަބަބުން އަމިއްލައަށް މަރުވުން ފަދަ ކަމެއް ކޮށްފާނެތީ، ބައެއް ކަހަލަ ތަކެއްޗަކީ ގޮޅިއަށް ވެއްދުން މަނާ ތަކެއްޗެވެ. އެފަދަ ވިސްނުމެއް ގެންގުޅޭ ގައިދީންނަށް ބައެއް ތަކެތި މަނާކުރާ އުސޫލެއް އޮވެ އެވެ. ނަމަވެސް އަތުހަރަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމުގެ އެއްވެސް މެޑިކަލް ލިޔުމެއް ފުލުހުންނަށް ލިބިފައިނުވާތީ އޭނާއާ މެދު އެފަދަ ގޮތަކަށް ބަލައިގެން، މޮނީޓާކުރަމުން ގޮސްފައިނުވާ ކަން ފުލުހުން ރޭ ބުންޏެވެ.

ނަމަވެސް އަތުހަރު ހައްޔަރުކުރި ރޭ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ފުލުހުންނަށް އިންޒާރު ދެމުން ދިޔައިރު، އޭނާގެ އަނެއް އަތުގައި އޭނާގެ ކަރަށް އަމާޒުކޮށްފައި ހުރި ވަޅިއެއް އޮތެވެ. އެފަދަ ވީޑިއޯއެއް ރޭ ފުލުހުން ނޫސްވެރިންނަށް ވެސް ދެއްކި އެވެ.

އެހެންކަމުން، އަތުހަރަކީ އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުމުގެ ވިސްނުމެއް ނެތް މީހެއް ކަމަށް ފުލުހުން ނިންމި ގޮތާ ސުވާލު އުފެދެ އެވެ.

އަންހެން މީހާ ސަލާމަތް ކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު، އޭނާ ދޫކޮށްލި ނަމަވެސް، ފަހުން ހާލަތު ގޯސްވުމުން އަނެއްކާވެސް އައިޖީއެމްއެޗްއަށް ގެންދިޔަ އެވެ. އޭނާގެ ބޮލުގެ ދެ ފަރާތުގައި ބޭސްވެސް އަޅާފައިވެ އެވެ. އައިޖީއެމްއެޗްގެ އޮބްޒަވޭޝަންގައި ބޭއްވުމަށް ފަހު އަތުހަރު ދޫކޮށްލީ އޭނާގެ ރިޕޯޓްތައް ނޯމަލް ކަމަށް ބުނެ އެވެ. އޭނާ ގޮޅީގައި ދަންޖެހެން މަސައްކަތް ކުރީ އައިޖީއެމްއެޗުން ޖަލަށް ބަދަލު ކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

އޭނާއަކީ އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ދީފައިވާނެ މީހެއް ކަމަށް ފުލުހުންނަށް ވަޒަން ނުކުރެވި އޮތް ނަމަވެސް، އޭނާގެ ހާލަތު ގޯސްވެދާނެ ކަން ފުލުހުންނަށް ލަފާ ކުރެވެން ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް އަތުހަރުގެ ގޮޅި މޮނީޓާކުރަމުން ގޮސްފައިނުވާ ކަން ރޭ ފުލުހުން ދެއްކި ވީޑިއޯއިން ހާމަވެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަތުހަރު ހުރި ގޮޅި ފެންނަ ހިސާބުގައި ވެސް ފުލުހަކު ނެތެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ފެށީ އާދިއްތަ ދުވަހުގެ އިރުއޮއްސި 6:32 ހާއިރު އެވެ. އޭނާގެ ހަރަކާތް ގޮސް، އެއްކޮށް ހުއްޓުނު ކަމަށް ބެލެވެނީ 6:38 ހާއިރު އެވެ. ނަމަވެސް އެ މަންޒަރު އެންމެ ފުރަތަމަ ފެނުނީ އޭގެ 30 ވަރަކަށް މިނެޓްފަހުން އެ ގޮޅިއާ ދިމާލަކަށް އައި ފުލުހަކަށެވެ. އޭނާ ވަގުތުން އެ ގޮޅި ހުޅުވުމަށްފަހު އެތަނަށް ވަދެ އެވެ. އަދި ދެން ތިބި ފުލުހުން އެތަނަށް 7:02 ގައި ގޮސް، ދަން ޖެހިފައި ހުރި އެތި ބުރިކޮށްލަ އެވެ. އޭރު އެއްވެސް ހަރަކާތެއް ނެތެވެ.

އޭނާ ގޮޅީގެ ތެރޭގައި ބޭއްވުމަށްފަހު، ފުލުހުން ފުރަތަމަ ތިބީ އެތަނުގައި މަޑުކޮށްގެންނެވެ. އެވަގުތު އަވަސް ފަރުވާދޭން އެއިން އެއްވެސް ފުލުހަކު މަސައްކަތެއް ނުކުރެ އެވެ. އަދި ކުޑައިރުކޮޅެއް ފަހުން ސްޓްރެޗާއަކަށް ލައިގެން ގެންދިޔައީ ދޫނިދޫގެ މެޑިކަލް ސެންޓަރަށެވެ. އޭނާ ގޮޅިން ނެރެގެން ގެންދިޔައީ 7:05 ގަ އެވެ.

އޭގެފަހުގައި ލޯންޗުގައި މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނީ އެވެ. ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވެފައިވަނީ އިއްޔެ ހަވީރު 4:08 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ރޭގެ 7:02 ގަ އެވެ. އޭގެ އަށް މިނިޓް ފަހުން 7:14 ގައި އަތުހަރު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި އަދި 7:25 ައި އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައި ވެ އެވެ. އެހެންކަމުން އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނިޓެވެ. އެކަމަކު، އޭނާ އެންމެ ފަހުން ދިރިހުއްޓާ ފުލުހުންނަށް ފެނުނު ވަގުތެއް ބުނެފައެއް ނުވެ އެވެ.

ފުލުހުން ވަނީ އަތުހަރު މަރުވެފައިވާ ގޮތް ކަށަވަރު ކުރަން އޮޓޮޕްސީއެއް ހަދަން ނިންމައިފަ އެވެ.

އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އެކުގައި ދިރިއުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމުންނެވެ. އަތުހަރުގެ ލޯބިވެރިޔާ އަކީ ޕޮލިސް ރެކްރޫޓެކެވެ. ލޯބިވެރިޔާ ކަރުގައި ވަޅި ޖައްސައިގެން އަދި އަނެއް އަތުން އަމިއްލަ ކަރުގައި ވަޅި ޖައްސައިގެން ހުއްޓާ އެރޭ އަތުހަރު ހައްޔަރުކުރީ ސައިކަލުގެ ފަހަތުގައި އިނދެގެން ދަނިކޮށް ފުލުހަކު އޭނާގެ ފަހަތުން ގޮސް ބޮލުގައި މުގުރުން ޖަހައި، ވައްޓާލުމަށްފަހު އެވެ.

އަތުހަރަކީ އަކީ މީގެ ކުރިން ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ. ނަމަވެސް މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަތުހަރުގެ ހުކުމް ލުއިކޮށް އޭނާ މިނިވަން ކޮށްފައި ވަނީ ސެޕްޓެމްބަރު 2، 2022 ގަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާއެކު އެވެ.