Roadha Mihaaru
މިޝްކާގެ މަރުގެ ތަހުގީގަށް ވަގުތުދީ ކޮމިޓީ ނިންމާލައިފި

މިޝްކާގެ މަރާ ގުޅިގެން ނަސީމަށް މެންބަރުންގެ ސުވާލެއް ނެތް؛ ވަގުތު ދިނުމަށް ފަހު ކޮމިޓީ ނިންމާލައިފި

07 ޖޫން 2021

ފަރުވާ ލިބުން ލަސްވެ، އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ކޮވިޑު-19 ގައި ނިއާވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ހާޒިރުކުރުމުން ޖަވާބުދާރީވާން އިތުރު ވަގުތު ދީ، މެންބަރުން އެއްވެސް ސުވާލެއް ނުކޮށް ކޮމިޓީ ނިންމާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފަރުވާ ލިބުން ލަސްވެ، އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ކޮވިޑު-19 ގައި ނިއާވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ހާޒިރުކުރުމުން ޖަވާބުދާރީވާން އިތުރު ވަގުތު ދީ، މެންބަރުން އެއްވެސް ސުވާލެއް ނުކޮށް ކޮމިޓީ ނިންމާލައިފި އެވެ.

މިޝްކާގެ މަރުގެ މައްސަލަ އާއި ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާގެ ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ނަސީމް ހާޒިރުކުރުމުން ވިދާޅުވީ މިޝްކާ މަރުގެ މައްސަލަ ބެލުމަށް ފަހު ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓްގައި ތަފްސީލް މައުލޫމާތުތައް ހިމެނޭނެ ކަމަށާއި އެއިން ވަރަށް ގިނަ ކަންކަން ސާފުވާނެ ކަމަށެވެ.

ނަމަވެސް މުޅި ތަހުގީގު ނުނިމޭ ކަމަށާއި ބަލަން ޖެހޭ ކަންކަމާއި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަދިވެސް ހުރި ކަމަށް ނަސީމް ވިދާޅުވި އެވެ. އެހެންކަމުން މައުލޫމާތުތައް ފުރިހަމަ ކުރުމަށް ފަހު ރަނގަޅަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ހަފްތާއެއްހާ ދުވަސް ބޭނުންވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ ގާތްގަނޑަކަށް ހަފްތާއެއްގެ ފުރުސަތެއް އަޅުގަނޑަށް ދެއްވަން. އެހާތަނަށް އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ. އެ ހިސާބުން އަޅުގަނޑު ތިބޭފުޅުންނާ ބައްދަލުކޮށްފަ މިކަންތައް ކުރުން ރަނގަޅުވާނީ،" ނަސީމް ވިދާޅުވި އެވެ.

މިޝްކާގެ މަރުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ކޮމިޝަނަށް ވެސް ދަންނަވާފައިވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

ކިތަންމެ ވަރަކަށް ޕަބްލިކް ޕްރެޝާ އޮތަސް އިންސާފުވެރި ގޮތަކަށް މިކަން ގެންދަން ޖެހޭނީ: ނަސީމް

އެ މައްސަލާގައި ނަސީމާ ސުވާލުކުރަން ފުރުސަތު ހުޅުވާލުމުން ކޮމިޓީ މެންބަރުންގެ ތެރެއިން ފުރުސަތަކަށް އެދިވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެކަންޏެވެ. އޭނާ ވެސް ވިދާޅުވީ މި މައްސަލައާ ގުޅިގެން ސައްހަ ނޫން ގިނަ ވާހަކަތަކެއް ދައުރުވެ، ނުބައި ބަޔަކު ކުށްވެރި ކުރުން ފަދަ ކަންކަން ހިންގަމުންދާ ކަމަށާއި އެހެންވެ ރަނގަޅު ގޮތަކީ ފުރިހަމަ މައުލޫމާތާއެކީ ކޮމިޓީގެ މަސައްކަތް ކުރިޔަށް ގެންދިޔުން ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ އެ މައުލޫމާތުތައް އެ ވިދާޅުވާ ޓައިމް ދީގެން މި މައްސަލަ ކުރިޔަށް ގެންދަން،" ރޮޒެއިނާ ވިދާޅުވި އެވެ.

އިތުރު މެންބަރަކު ފުރުސަތަކަށް އެދިވަޑައި ނުގަތުމުން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ތަހުގީގު ފުރިހަމަ ކުރުމަށް ހަފްތާއެއް ދިނުމަށް ނިންމަވައިފަ އެވެ.

މިދިޔަ މަހުގެ 28 ގައި ނެގި ސާމްޕަލްއިން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނު މިޝްކާގެ ހާލު ސީރިއަސްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރެ އެވެ. ހާލު ބޮޑުވާން ފެށުމުން އެމްބިއުލާންސް ފޮނުވައިދޭން އެތައް ފަހަރަކު އެދުމުން ވެސް އެކަން ކޮށްދީފައިވަނީ ދެ ގަޑިއިރާއި 25 މިނެޓު ފަހުންނެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ނެރުނު ރިވިއުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން މިޝްކާގެ އާއިލާއިން ދޮގު ކުރެ އެވެ. އަދި އެއިން ގިނަ މައުލޫމާތުތަކެއް އުނިކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ބައެއް ފަރާތްތަކުން ކުރެ އެވެ.

މިޝްކާ މަރުގެ މައްސަލާގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މިއަދާ ހަމަޔަށް ވެސް އެކަމާ ގުޅިގެން އެއްވެސް ފަރާތަކަށް ފިޔަވަޅެއް އެޅިކަމެއް ހާމަކޮށްފައެއް ނުވެ އެވެ.