Roadha Mihaaru
ހޮސްޕިޓަލް ބޯޑުތައް އުފެއްދީ ނުފޫޒު ފޯރުވަން: އަފީފް

ހޮސްޕިޓަލް ބޯޑުތައް އުފެއްދީ ނުފޫޒު ފޯރުވަން، ރައްޓެހިންނަށް ވަޒީފާ ދޭން: އަފީފް

29 މާޗް 2022

ސަރުކާރުން ހޮސްޕިޓަލްތަކުގެ ބޯޑު އުފައްދާފައި ވަނީ ހިންގުން ރަނގަޅުކުރަން ނޫން ކަމަށާއި ވަކި ބައެއްގެ ނުފޫޒު ބާއްވަން ކަމަށް ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުން ހޮސްޕިޓަލްތަކުގެ ބޯޑު އުފައްދާފައި ވަނީ ހިންގުން ރަނގަޅުކުރަން ނޫން ކަމަށާއި ވަކި ބައެއްގެ ނުފޫޒު ބާއްވަން ކަމަށް ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަތަކާ ބެހޭ ގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ ސަރުކާރުން ސިއްހީ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރި ނަމަވެސް ސަރުކާރުގެ ތެރެއިން ވަކި ބަޔަކު މުށުތެރޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ވަކި ބޯޑެއް ހަދައިގެން ވަކި މިނިސްޓަރަކު ބުނާ ގޮތަށް މިކަންތައްތައް ކުރުމުގެ ބޭނުމަކީ ކޮބައިތޯ. އެއީ އޭނާގެ ޖާހަތާއި ބާރު ދެއްކުން. އޭނަ ބޭނުންވާ ބަޔަކަށް ވަޒީފާ ދިނުން މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އަފީފް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ވެސް ބޯޑެއް އޮންނަ ކަމަށާއި ނަމަވެސް އަދި މި ރިޔާސީ ދައުރުގެ ތެރޭގައި އެ ބޯޑު ބައްދަލު ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ. އެ ބޯޑުގެ މަތިން ހުންނަނީ ރައީސް އޮފީހުގެ މިނިސްޓަރެއް ކަމަށާއި ހުރިހާ ތަނެއް ހިނގަން ޖެހެނީ އެ މިނިސްޓަރުގެ ބާރުން ކަމަށް އަފީފް ވިދާޅުވި އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލާ ގުޅޭ ގޮތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ މި ސަރުކާރުން އެ ހޮސްޕިޓަލަށް ގެނައި މައިގަނޑު ބަދަލަކީ "އެކީ އުޅޭ ރައްޓެހިންތަކަކަށް ވަޒީފާތަކެއް ދިނުން" ކަމަށެވެ. އަދި ބޯޑެއް އެކުލަވާލުމަށް ފަހު ހޮސްޕިޓަލް ނުހިންގޭ ފަދަ ގާބިލް ނޫން ފަރާތްތަކެއް ލައިގެން މުޅި ހޮސްޕިޓަލް ހަލާކު ކޮށްލި ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

"ހޮސްޕިޓަލް މިހާ ބޮޑަށް ހަލާކު ވެގެން ދިޔައީ އެއްވެސް ހިންގުންތެރި ކަމެއް ނެތް ފަރާތްތަކެއް ނަގައިގެން ބޯޑެއް އެކުލަވައިލުން،" ސިރާޖު ވިދާޅުވި އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ސިޓީއެއް ފޮނުއްވި ކަމަށާއި ނަމަވެސް އެ މިިނިސްޓްރީގެ ޖަވާބަކީ "މިހާރު ހުންނާނީ ބޯޑަކާ ހަވާލު ކޮށްފައޭ" ކަމަށް ސައީދު ވެސް ވިދާޅުވި އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ޖެހުނީ ސަރުކާރުން އަޅާނުލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ހޮސްޕިޓަލްތަކުގެ ހިންގުން ހެލްތު މިނިސްޓްރީ އިން ވަކިކޮށް ބޯޑެއްގެ ދަށަށް ބަދަލު ކުރުމަށެވެ. އެގޮތުން 2020 ވަނަ އަހަރު އައިޖީއެމްއެޗް ހޮސްޕިޓަލް ވެސް ބޯޑެއްގެ ދަށަށް ބަދަލުކުރި އެވެ. އެއަށް ފަހު ބޮޑެތި ރަށްރަށުގައި ހުންނަ ހޮސްޕިތަލްތަކަށް ވެސް މިހާރު ވަނީ ބޯޑެއް އެކުލަވާލާފައިވަ އެވެ.