Roadha Mihaaru
ދެކުނު އޭޝިއާއިން ޓޫރިސްޓުން ނޫނީ އައުން މަނާކޮށްފި

ދެކުނު އޭޝިއާ އިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި، ޓޫރިސްޓުން އިސްތިސްނާ

08 މެއި 2021

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން، މާދަމާއިން ފެށިގެން، ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން ނޫން މީހުން ރާއްޖެ އައުން މަނާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން، މާދަމާއިން ފެށިގެން، ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން ނޫން މީހުން ރާއްޖެ އައުން މަނާކޮށްފި އެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނެފައިވާ ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް ވެސް މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން މާދަމާ އިން ފެށިގެން މަނާވާނެ އެވެ.

އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން މިގޮތަށް އަމަލުކުރަން ޖެހޭނެ އެވެ.

މި ފިޔަވަޅުތައް އެޅި ނަމަވެސް އެޗްޕީއޭއިން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި ވޯކް ޕާމިޓް ހޯލްޑަރުންނަށް ރާއްޖެ އާދެވޭނެ އެވެ.

ދެކުނު އޭޝިއާއިން ރާއްޖެ އަށް ޓޫރިސްޓުން ނޫން މީހުން އައުން މަނާކޮށްފައިވަނީ މި ސަރަހައްދުގައި ކޮވިޑް-19ގެ އާ ސްޓްރެއިންތަކެއް އުޅޭތީ ކަމަށްބެލެވެ އެވެ. އަވަށްޓެރި އެހެން ގައުމުތަކުގައި ވެސް މިހާރު ކޮވިޑްގެ ހާލަތު ދަނީ ގޯސްވަމުންނެވެ. މީގެ ތެރެއިން އެންމެ ހާލަތު ގޯސްވެފައިވަނީ އިންޑިއާގަ އެވެ.

ރާއްޖޭގައި ވެސް ވަނީ ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މިހާތަނަށް 34,134 މީހަކަށް ބަލި ޖެހި 83 މީހަކު ވަނީ މަރުވެފައި ވާއިރު ބަލި ޖެހޭ މީހުންނާއި މަރުވި މީހުންގެ އަދަދު މި ދުވަސްވަރު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފަ އެވެ.