Roadha Mihaaru

މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް އިންޑިއާގެ ރައްޔިތެއް

ރާއްޖޭގެ މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް އިންޑިއާގެ ރައްޔިތަކު ހޮވިއްޖެ އެވެ.

އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

07 ޖޫން 2025

ރާއްޖޭގެ މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް އިންޑިއާގެ ރައްޔިތަކު ހޮވިއްޖެ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް ހޮވުނީ އިންޑިއާގެ ޕަޓްނާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް އެވެ. އެއީ އޭނާ ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރެވެ. އިންޑިއާގެ އެއާލައިނެއް ކަމުގައިވާ އިންޑިގޯއިން އޭނާ ޗުއްޓީ ހޭދަކުރުމަށް އައީ ފިރިމީހާއާ އެކު ބަނޑޮސް އައިލެންޑް ރިސޯޓަށެވެ.

މިދިޔަ އަހަރު އެއް މިލިއަން ވަނަ ޓޫރިސްޓު ހަމަވީ ޖޫން 27 ގަ އެވެ. އެހެންވެ، މި އަހަރު އެ އަދަދު މި ހަމަވީ، އޭގެ ދެ ހަފްތާ ކުރިންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް މިލިއަން އެހާ އަވަހަށް ހަމަވި ފުރަތަމަ ފަހަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އިންޑިއާއަކީ މިވަގުތު ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 56،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. މިދިޔަ އަހަރު ނިމުނު އިރު ވެސް އިންޑިއާ އޮތީ ރާއްޖޭގެ ހަ ވަނައިގަ އެވެ. އިންޑިއާ އަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ގައުމެވެ.

ސިޔާސީ ގޮތުން ދެގައުމުގެ ދެމެދުގައި ހިނގި ނުތަވަސްތަކާ އެކު، އޭރު އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ބޮއިކޮޓް ކުރުމަށް ގޮވާލުމާ އެކު، އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް މަދުވި އެވެ. އެކަމަކު، އޭގެ ފަހުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، އަނެއްކާ ވެސް އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ހާއްސަ ކެމްޕެއިންތަކެއް ހިންގަމުންނެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މި އަހަރުގެ ކުރީކޮޅު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާއަށް ހާއްސަ ކެމްޕެއިންތައް އިތުރުކޮށް މާކެޓު ފުޅާކުރުމަށް މުހިއްމު މަސައްކަތްތަކެއް ރާވާފައިވާއިރު، އަހަރު ނިމޭ އިރު ރާއްޖޭގެ ގަދަ ތިނަކަށް އިންޑިއާ އެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރަށް ވުރެ 8 ޕަސެންޓުގެ އިތުރުވުމެވެ. މި ޖޫން މަހުގެ މިހާތަނަށް ވަނީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓު އިތުރަށް ޓޫރިސްޓުން އައިސްފަ އެވެ. މި ވަގުތު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ޗައިނާ އާއި ރަޝިއާ އިން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.1 މިލިއަން ޓޫރިސްޓުން ގެނައުމެވެ.