Roadha Mihaaru
ރާއްޖޭގެ އެއްވަނަ އަނެއްކާވެސް ރަޝިއާ އަށް

އެއް މަސް ފަހުން އަނެއްކާ ވެސް ރާއްޖޭގެ އެއްވަނަ އަށް ރަޝިއާ

23 ޖުލައި 2023

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އެއްމަސް ފަހުން އަނެއްކާވެސް ރަޝިއާ ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އެއްމަސް ފަހުން އަނެއްކާވެސް ރަޝިއާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ރަޝިއާ އިން ވަނީ 119،000 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ ޖޫން މަހުން ފެށިގެން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ވެފައި އޮތީ އިންޑިއާ އެވެ. އެ ގައުމުން ވަނީ 118،000 ޓޫރިސްޓުން އައިސްފަ އެވެ.

ޖޫން މަހުގެ ކުރިން، މި އަހަރު ފެށުނީއްސުރެ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެއްގެ ޝަރަފު އޮތީ ރަޝިއާގެ އަތުގަ އެވެ. ރާއްޖެއަށް ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެއްގެ ގޮތުގައި އޮތީ އިނގިރޭސި ވިލާތެވެ. އެ ގައުމުން ރާއްޖެ އަށް 85،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ވަނީ އެއް މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 13 ޕަސެންޓުގެ ކުރި އަރައިފަ އެވެ.

އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް 5،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި އިޓަލީ އާއި ފްރާންސާއި އެމެރިކާ ހިމެނެ އެވެ. އެ ލިސްޓަށް މުޅިން އަލަށް ވަނީ އޮސްޓްރޭލިއާ ވެސް އަރައިފަ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ވަނީ 18،600 ޓޫރިސްޓުން އައިސްފަ އެވެ.