Roadha Mihaaru
ރަޝިއާގެ ޓޫރިސްޓުން އިތުރުވާން ފަށައިފި

ރަޝިއާގެ ޓޫރިސްޓުން އިތުރުވާން ފަށައިފި

03 ސެޕްޓެމްބަރ 2022

ރާއްޖެ އަށް ރަޝިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް ރަޝިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި ވަގުތު ރަޝިއާ އޮތީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ ލިސްޓުގެ ދެ ވަނައިގަ އެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 123،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިތަ މަހެއްހާ ދުވަހު އެ ގައުމުން ރާއްޖެ އަށް 20،000 ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވެ އެވެ. އެ ތިން މަހުން ފެށިގެން ރަޝިއާ އިން އަންނަ ޓޫރިސްޓުން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ޓޫރިސްޓުން އައުން އެހާ ބޮޑަށް އިތުރުވީ، ރަޝިއާ އަށް ދަތުރުކުރާ ފްލައިޓުތައް ވެސް އިތުރުވުމުގެ ސަބަބުންނެވެ. މިދިޔަ ތިން މަހު ރަޝިއާ އިން 40،000 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. ނަމަވެސް ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ހެދި ރާއްޖެ އަށް އެ ސަރަހައްދުން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް މަދުވި އެވެ. މާޗު މަހުގެ ނިޔަލަށް ރަޝިއާ އިން 52،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް އެއް މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ. އެ ގައުމުން 153،000 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. ރަޝިއާ އިން ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އިނގިރޭސި ވިލާތުގެ މީހުންގެ އަދަދަކީ 122،000 އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ.