Roadha Mihaaru
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް

ރަޝިއާ އިން އައި ޓޫރިސްޓުންގެ އަދަދު ލައްކައިން މައްޗަށް

24 ޖޫން 2024

މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ލައްކައަކަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ލައްކައަކަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރަޝިއާ އަކީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މިދިޔަ އަހަރު ވެސް ރަޝިއާ އޮތީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން މިހާތަނަށް އައީ ޗައިނާއިންނެވެ. އެއީ، 113،000 ޓޫރިސްޓުންނެވެ.

ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން ވަނީ 91،000 ޓޫރިސްޓުން އައިސްފަ އެވެ. ހަތަރު ވަނައަށް އިޓަލީ އިން ޓޫރިސްޓުން އައިސްފައިވާ އިރު ފަސް ވަނައިގައި އޮތީ ޖަރުމަނުވިލާތެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ. އިންޑިއާގެ އިތުރުން ދެން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަނީ އެމެރިކާ އާއި ފްރާންސް އާއި ސްވިޒަލެންޑާއި ޕޮލެންޑެވެ. ޕޮލެންޑަކީ ރާއްޖެއަށް ޓޫރިސްޓުން އިތުރުވަމުން އަންނަ އާ މާކެޓެކެވެ. މިދިޔަ އަހަރު އެގައުމު އޮތީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ 14 ވަނައިގަ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 980،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އޭގެ ތެރެއިން 60 ޕަސެންޓު އަންނަނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުންނެވެ.

މި މަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ 88،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 9.5 ޕަސެންޓުގެ ކުރިއެރުމެކެވެ.