Roadha Mihaaru
ބައިލައްކަ ޓޫރިސްޓުންނާއެކު ރާއްޖޭގެ 1 ވަނަ ރަޝިއާއަށް

ރާއްޖޭގެ އެއް ވަނަ ރަޝިޔާއަށް، ބައި ލައްކަ ޓޫރިސްޓުން އަތުވެއްޖެ

14 މާޗް 2023

މިއަހަރު ފެށުނީއްސުރެ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު، ރަޝިޔާއިން މިހާތަނަށް 50،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަހަރު ފެށުނީއްސުރެ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު، ރަޝިޔާއިން މިހާތަނަށް 50،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 12 ޕަސެންޓު ހިއްސާވަނީ ރަޝިޔާ އެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 428،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 24 ޕަސެންޓް އިތުރު އަދަދެކެވެ.

ރަޝިޔާގެ އިތުރުން ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ، އިންޑިއާ އިން މިއަހަރުގެ މިހާތަނަށް 45،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުން 40،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތިން ގައުމުގެ އިތުރުން ދެން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިޓަލީ އާއި ޖަރުމަނާއި ފްރާންސާއި އެމެރިކާ އާއި ޗައިނާ އާއި ސްވިޓްޒަލެންޑާއި ޕޮލެންޑުންނެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 64 ޕަސެންޓު ހިއްސާވަނީ މިގައުމުތަކުންނެވެ.

ރާއްޖެއަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،700 ޓޫރިސްޓުން އާދެ އެވެ.

ރާއްޖޭގައި 60،000 އެނދު ތަރައްގީކޮށްފައި ވާއިރު މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ އަމާޒު ހިފައިފަ އެވެ. މިވަގުތު ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރަށް ބަލާއިރު އަހަރު ނިމޭ އިރު އެ އަދަދަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ޗައިނާ ޓޫރިސްޓުން އަންނަން ފެށުމުން މިއަހަރު ލަފާކުރި އަދަދަށްވުރެ 10 ޕަސެންޓު އިތުރަށް ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފަ އެވެ.