Roadha Mihaaru

ޓޫރިޒަމް ދާއިރާ އަށް އެހީތެރިވުމަށް އުފައްދާ ޓްރަސްޓު ފަންޑުގެ ގަވާއިދު އާންމުކޮށްފި

ޓޫރިޒަމް ދާއިރާ އަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ދީ އަދި އެ ދާއިރާ ކުރިއެރުވުމަށްޓަކައި އުފައްދާ ޓޫރިޒަމް ޓްރަސްޓް ފަންޑާ ބެހޭ ގަވާއިދު މިއަދު އާންމުކޮށްފި އެވެ.

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި

ޓޫރިޒަމް ދާއިރާ އަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ދީ އަދި އެ ދާއިރާ ކުރިއެރުވުމަށްޓަކައި އުފައްދާ ޓޫރިޒަމް ޓްރަސްޓް ފަންޑާ ބެހޭ ގަވާއިދު މިއަދު އާންމުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްގީކޮށް، އެ ދާއިރާގެ ފެންވަރު ދަމަހައްޓައި އަދި އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތަކަށް ހޯދައިދިނުން ކަމަށެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ގާބިލްކަން އިތުރު ކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެ ސިނާއަތު ތަރައްގީ ކުރުމަށް އިންވެސްޓް ކުރުމަކީ ވެސް ފަންޑުގެ މަގުސަދެއް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައި ވެ އެވެ.

ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު ބަހާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ:

1- ޓޫރިޒަމް މިނިސްޓްރީން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާ އާއި އެ ނޫން ވެސް ފައިސާ.

2- ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ސީއެސްއާރުގެ ގޮތުގައި ފަންޑަށް ދޭ ފައިސާ.

3- ފަންޑުން އުފައްދާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ.

4- އާންމުކޮށް އިއުލާނުކޮށްގެން ހުޅުވާ ބީލަންތަކުގައި ތަމްރީނުތަކަށް ދޭ ފައިސާ.

ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް އަދި ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުގެ މަތިން ޓޫރިޒަމް މިނިސްޓްރީންނެވެ.

ޓްރަސްޓް ފަންޑު ހިންގަން ހަތް މެމްބަރުންގެ ހާއްސަ ކޮމިޓީއެއް ވެސް އުފައްދަން ޖެހެ އެވެ. މިނިސްޓަރު އެ ކޮމިޓީ އެކުލަވައިލައްވަން ޖެހެނީ ހާއްސަ ދާއިރާތަކަކަށް އިސްކަން ދެއްވައިގެންނެވެ. އެއީ:

1- ރައީސް އޮފީސް.

2- ޓޫރިޒަމް މިނިސްޓްރީ.

3- ފިނޭންސް މިނިސްޓްރީ.

4- އިކޮނޮމިކް މިނިސްޓްރީ.

5- ބަންޑާރަ ނައިބުގެ އޮފީސް.

6- ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީ.

7- ޓެކްސް އިދާރާ، މީރާ

އެ ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓަން ޖެހެނީ ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް މިނިސްޓްރީންނެވެ. އެހެންވެ، ކޮމިޓީ އަށް ހާއްސަ ސެކްރެޓޭރިއޭޓެއް ޓޫރިޒަމް މިނިސްޓްރީން ގާއިމްކޮށްދޭން ޖެހެ އެވެ.

ފަސް އަހަރުގެ މުއްދަތަށް އުފައްދާ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ޒިންމާތަކެއް ވެސް ގަވާއިދުގައި ބަޔާންކޮށްފައި ވެ އެވެ. އޭގެ އިތުރުން ފަންޑަށް ޖަމާކުރާ ފައިސާ ހަރަދު ކުރަންޖެހޭ ގޮތް ގަވާއިދުގައި ހިމަނާފައި ވެ އެވެ. އެއީ:

1- ޓޫރިޒަމް ސިނާއަތް ތަރައްގީ ކުރުމުގެ ހަރަކާތްތަކަށް.

2- ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށް އިންވެސްޓް ކުރުން.

3- ޓޫރިޒަމް ދާއިރާގެ މީހުންގެ ގާބިލްކަން އިތުރު ކުރަން ތައުލީމާއި ތަމްރީނު ޕްރޮގްރާމް ހިންގުން.

4- އާންމު އިޖުތިމާއީ ފައިދާ ލިބޭ ހަރަކާތްތައް ހިންގުން.

5- ފަންޑު ބޭނުންކުރަން ޖެހޭނީ ފަންޑު ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތިން.

ގަވާއިދުގައިވާ ގޮތުުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ރިޕޯޓު އެ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި ރައީސަށާއި ރައްޔިތުންގެ މަޖިލިހަށާއި ފިނޭންސް މިނިސްޓްރީ އަށާއި އޮޑިޓަ ޖެނެރަލަށް ޓޫރިޒަމް މިނިސްޓްރީން ހުށަހަޅަން ޖެހެ އެވެ. އެ ފަރާތްތަކަށް އެ ރިޕޯޓުތައް ހުށަހަޅާތާ ދެ މަސް ދުވަހުގެ ތެރޭގައި ފަންޑު އޮޑިޓަ ޖެނެރަލް އޮޑިޓްކޮށް، އެ ރިޕޯޓު ރައްޔިތުންގެ މަޖިލިހަށް ވެސް ފޮނުވަން ވާނެ ކަމަށް ގަވާއިދުގައި ވެ އެވެ.