Roadha Mihaaru

ޓޫރިޒަމްގެ ނަންބަރު މަތި، އެކަމަކު އަދިވެސް މަތިކޮށްލަންޖެހޭ!

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެންމެ މުހިއްމު އަމާޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ރާއްޖެއަށް ޓޫރިސްޓުން ގެންނާނެ އަދަދެވެ. މި އަހަރު ނިމޭ އިރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެ ކަމަށާއި އެ އަމާޒު ހާސިލުކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް އެ ދުވަހު އިއުލާނު ކުރެއްވި އެވެ.

ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

16 ސެޕްޓެމްބަރ 2025

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެންމެ މުހިއްމު އަމާޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ރާއްޖެއަށް ޓޫރިސްޓުން ގެންނާނެ އަދަދެވެ. މި އަހަރު ނިމޭ އިރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެ ކަމަށާއި އެ އަމާޒު ހާސިލުކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް އެ ދުވަހު އިއުލާނު ކުރެއްވި އެވެ.

އެ އަމާޒުގައި ކުރަން ނިންމި އެއް ކަމަކީ ޓޫރިޒަމް މިހާރު އެހާ ބޮޑަށް ތަރައްގީނުވެ އޮތް ހދ. އަތޮޅާއި ތ. އަތޮޅު ފަދަ އަތޮޅުތަކުގައި އިންވެސްޓް ކުރުމަށް ލުއިތައް ދިނުމާއި އެ ނޫން ލުއިތައް ވެސް ދީގެން ރިސޯޓުތައް ހެދުމުގެ މަސައްކަތް ފެށުމެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޭރުގެ އޮޕަރޭޝަން ފުޅާކުރަން ނިންމައި، މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނެސް، ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ސީދާ ދަތުރުތައް ފަށާނެ ކަމަށް އިއުލާން ކުރައްވާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އައީ 1.5 މިލިއަން ޓޫރިސްޓުންނެވެ. ސަރުކާރުގެ އަމާޒަށް ދާން ބާކީ މި އޮތް ދުވަސްތަކުގައި 8 ލައްކަ ޓޫރިސްޓުން ގެންނަން ޖެހެ އެވެ. އެ އަދަދު ހާސިލުކުރުމަށް، މި ހިނގާ ސެޕްޓެމްބަރު މަހާއި ކުރިއަށް އޮތް އޮކްޓޫބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހު ވެސް 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން ގެންނަން ޖެހެ އެވެ.

އަމާޒަށް ދިއުމަށްޓަކައި އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6،600 ޓޫރިސްޓުންނެވެ. މި ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖުކޮށް ރާއްޖެއަށް އަންނަނީ 4،700 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުތަކަށް ބަލާއިރު ވެސް ރާއްޖެއަށް ޓޫރިސްޓުން އެންމެ މަދުން އަންނަ އެއް މަހަކަށް ވެފައި ވަނީ ސެޕްޓެމްބަރު މަހެވެ. އެހެންވެ، މި މަހު ދެ ލައްކަ ޓޫރިސްޓުން ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ދާއިރާގެ އިސް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ.

މި މަހު، މިހާރު އަންނަ ޓޫރިސްޓުންގެ އަދަދަށް ބަލާ ނަމަ، މަސް ނިމޭ އިރު ދެ ލައްކަ ޓޫރިސްޓުން ހަމަކުރަން ދުވާލަކު އިތުރު 1،900 ޓޫރިސްޓުން ގެންނަން ޖެހެ އެވެ. އެއީ ގާތްގަނޑަކަށް 300 މީހުންގެ ޖާގައިގެ އިތުރު ހަ ފުލް ފްލައިޓެވެ. އެކަމަކު މިއީ މި ވަގުތުން ވަގުތަށް ކުރެވޭނެ ކަމެއްތޯ މިއީ އުފެދޭ އެންމެ ބޮޑު ސުވާލެވެ. މިއަދުން މިއަދަށް ރާއްޖެއަށް ޓޫރިސްޓުން އަންނަ މަންޒިލްތަކުން ހަ ފުލް ފްލައިޓް ގެނައުމަކީ ނަމްބަރުތަކެއްގެ ގޮތުގައި ލިޔެލައިގެން ހަމަޖެހޭނެ ކަމެއްހެނެއް ހީއެއް ނުވެ އެވެ.

ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުން ދަތުރުކުރާ ޓޫރިސްޓުން ލޯންޗަކަށް އަރަނީ:.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުން ދަތުރުކުރާ ޓޫރިސްޓުން ލޯންޗަކަށް އަރަނީ:.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިހާރު ވެސް އެވްރެޖުކޮށް ބޭރުގެ އެކި މަންޒިލްތަކުން ދުވާލެއްގެ މައްޗަށް ރާއްޖެއަށް 55 ފްލައިޓު ޖައްސަ އެވެ. އެހެންވެ، އިތުރު ފުލް ހަ ފްލައިޓާ އެކު ދުވާލަކު 65 ފްލައިޓު ބާއްވާ ނަމަ ފަސޭހައިން މި އަދަދު ހާސިލުވާނެ އެވެ.

މިދިޔަ ހަތަރު އަހަރު ވެސް ޓޫރިޒަމް ދާއިރާއިން ކަނޑައަޅާފައިވާ ބަޖެޓު ޓާގެޓަށް ވުރެ އިތުރަށް ޓޫރިސްޓުން ގެނެސްފައިވެ އެވެ. އެހެންވެ، މި އަހަރު އެކަން ހާސިލު ކުރުމަށް ވެސް އެމްއެމްޕީއާރްސީ އާއި ސަރުކާރަށް އެ ޕްރެޝަރު އެބަ އޮތެވެ.

ޓާގެޓަށް ދާން ޕްލޭނެއް ނެތް، އެއާލައިންތަކާ އެކު ކެމްޕެއިން ހިންގަންވީ

ކޮންމެ އަހަރެއް ވެސް ފެށޭ އިރު، ޓޫރިޒަމްގެ އަމާޒު ކަނޑައަޅާއިރު، އެއީ ކުރިއާލައި ޕްލޭނެއްގެ ތެރެއިން ހާސިލުވާނެ ކަންކަމެވެ. ޓޫރިޒަމް ދާއިރާ ޕްރޮމޯޓު ކުރުމަށް މި އަހަރު ކަނޑައަޅާފައި އޮތީ 154 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަހަރު ފެށުނު އިރު އެ ބަޖެޓު ދެ ގުނަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރީގެ އެމްއެމްޕީއާރުސީ ނުވަތަ މިހާރުގެ ނަމުން ނަމަ ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ. އެކަމަކު ސަރުކާރަށް ކުރިމަތިވެފައިވާ މާލީ އުނދަގޫ ހާލަތުގެ ތެރެއިން ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓަށް އިތުރަށް ފައިސާއެއް ކަނޑަނޭޅުނެވެ.

އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ، މިހާރު އޮތް ހިސާބުން އަހަރުގެ ޓާގެޓަށް ދާނެ ކަމުގެ މާބޮޑު އުންމީދެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، ޓާގެޓާ ހަމައަށް ދިއުމަށް މިވަގުތު ކުރެވޭނެ މާބޮޑު މަސައްކަތެއް ވެސް ނެތް ކަމަށެވެ.

"މިހާރު މިކަމަށް ކުރެވޭނެ މާބޮޑު ކަމެއް ނުފެނޭ. ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް މާބޮޑަށް މަދީ. ބަޖެޓު ނެތް ކަމަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ، އަމާޒަށް ވާސިލު ނުވެވުނު ނަމަވެސް މިދިޔަ އަހަރަށް ވުރެ ޓޫރިސްޓުން އަންނަ ވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާގެ އަންދާޒާ އަކީ އަހަރު ނިމޭ އިރު 2.1 މިލިއަން ޓޫރިސްޓުން އައުމެވެ. މިދިޔަ އަހަރު ރާއްޖެއަށް އައީ ދެ މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިޒަމްގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 9.7 ޕަސެންޓު އިތުރެވެ. އަދި ފެބްރުއަރީ މަސް ނޫން ކޮންމެ މަހަކު ވެސް ޓޫރިސްޓުން އައި ވަރު މިދިޔަ އަހަރަށް ވުރެ އިތުރެވެ. މި އަހަރު އެވްރެޖުކޮށް ދުވާލަކު 6،000 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

ވެލާނާ އެއާޕޯޓުގައި ރިސޯޓުތަކުގެ ރެޕުން ހަރަކާތްތެރި ވަނީ:.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އެއާޕޯޓުގައި ރިސޯޓުތަކުގެ ރެޕުން ހަރަކާތްތެރި ވަނީ:.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފިރާގު ވިދާޅުވީ، ރިސޯޓުތަކާއި ޓޫރިޒަމް ހިދުމަތްދޭ އެހެން ތަންތަނެކޭ އެއްގޮތަށް ޓޫރިޒަމް ދާއިރާ ޕްރޮމޯޓު ކުރުމުގައި ވިޒިޓް މޯލްޑިވްސް އިން ހިންގާ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށެވެ. މި އަހަރު ޓާގެޓަށް ނުދާނެ ކަމަށް ބެލެވެނީ އެފަދަ ހަރަކާތްތައް މަދުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ މަހު ހަމައެކަނި ފްލައިދުބާއީ އިން އެކަނި 14،000 ޓޫރިސްޓުން ގެނެވުނު. މީގެން ވެސް އެބަ އެނގޭ ރާއްޖެ އަށް ޓޫރިސްޓުން އަންނަކަން. ބޭނުންވަނީ އެއާލައިންތަކާ އެކު ކެމްޕެއިންތައް ހިންގުން. އެކަން އުޅެނީ ދަށްކޮށް،" އޭނާ ވިދާޅުވި އެވެ.

ޓާގެޓަށް ދާން ދުވާލަކު 19 ފުލް ފްލައިޓް އަންނަން ޖެހޭ

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންސީ، ރިސޯޓު ލައިފްގެ ވެރިޔާ ޝާޒް ވަލީދު ވިދާޅުވީ، އަދަދުތަކަށް ބަލާއިރު މި އަހަރުގެ އަމާޒަށް ދިއުމަށް އޮތީ ވަރަށް ހަނި ފުރުސަތެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، 2.3 މިލިއަން ޓޫރިސްޓުންނަކީ ރާއްޖެއަށް ނުގެނެވޭނެ އަދަދެއް ނޫނެވެ. އެކަމަކު މިވަގުތު އެ އަދަދާ ހަމައަށް ދާން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް ޝާޒް ވިދާޅުވި އެވެ.

"ރިސޯޓުތަކާއި ޓޫރިޒަމް ހިދުމަތްދޭ ތަންތަނެކޭ އެއްގޮތަށް ސަރުކާރުން ވެސް މާކެޓިން އަށް ހަރަދު ކުރަން އެބަ ޖެހޭ. މި ވަގުތު ދައުލަތުގެ މާކެޓިން ބަޖެޓު މާ ކުޑަ. މާކެޓިން އަށް އެބަ ޖެހޭ ހަރަދުތައް ކުރަން. މި ބުނަނީ ފުޓްބޯޅަ ކްލަބްތަކަށް ހަރަދު ކުރާށެކޭއެއް ނޫން. އެޖެންސީތަކާއި އެއާލައިންތައް ގެންނަން ހަރަދުތައް ކުރަންވީ،" އޭނާ ވިދާޅުވި އެވެ.

ޝާޒް ވިދާޅުވީ، ރާއްޖޭގެ އެޖެންސީތަކާ ގުޅިގެން މި ވަގުތު އެންމެ ފަސޭހައިން ޓޫރިސްޓުން ގެނެވޭނެ މާކެޓުތަކަށް އަމާޒުކޮށް ބޮޑެތި ކެމްޕެއިންތައް ހިންގުން މުހިއްމު ކަމަށެވެ. އެކަމަކު އެފަދަ ކެމްޕެއިންތަކުގެ ނަތީޖާ ނެރުމަށް ވަގުތު ނަގާނެ ކަމަށް އޭނާ ވެސް ގަބޫލު ކުރެ އެވެ.

"އަސްލު ސެޕްޓެމްބަރު މަހާއި ޖޫން މަސް ފަދަ މަސް މަހަކީ އަބަދުވެސް ލޯ ސީޒަން. އެ ފަދަ މަސްތަކަށް ތައްޔާރުވުމަށް ކުރިއާލައި ކެމްޕެއިންތައް ރާވާ ނަމަ އެ މަސްތަކުގެ އަދަދުތައް ވެސް އިތުރުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޝާޒް ވިދާޅުވީ، ޓޫރިޒަމްގެ ކަންކަން ކަމުގައި ޖިއޯ ޕޮލިޓިކްސްގެ ދޫކޮށްލައި، ރާއްޖެއަށް އެންމެ ފައިދާވާ މަންޒިލްތަކާ ގުޅުން ސަރުކާރުތަކުން ގުޅުން ބަދަހި ކުރުން ވެސް ވަރަށް މުހިއްމު ކަމަށެވެ. އޭނާ މިސާލު ނެންގެވީ ރަޝިއާއިންނެވެ. އެއީ މިދިޔަ ފަސް އަހަރު ވެސް އެންމެ ރަނގަޅު ކުރިއެރުމެއް ފެންނަ މާކެޓެވެ. އެ މާކެޓު މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި އެ ސަރަހައްދުގެ އިތުރު ގައުމުތަކުން ވެސް ސީދާ ފްލައިޓުތައް އެޅުން ވަރަށް މުހިއްމު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝިއުރީ ވިދާޅުވީ، މިދިޔަ އަހަރު ވެސް އަމާޒަށް ދާން އެތައް ގޮންޖެހުމެއް ކުރިމަތިވި ކަމަށާއި މި އަހަރު ވެސް އެ ހިސާބަށް ދާން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ލާސްޓް މިނިޓް ބުކިންތަކަށް އަމާޒުކޮށް، ބުކިންޑޮޓްކޮމްއާ އެކު ހާއްސަ ކެމްޕެއިނެއް ފެށުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މިހާރު

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މިހާރު

އެ މަސައްކަތްތަކާ އެކު އަމާޒަށް ދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިމާވެފައިވާ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މާލީ ގޮތުން ގައުމަށް ކުރިމަތިވި އުނދަގޫތައް ކަމަށެވެ. އެ ދަތިތަކާ އެކު ވެސް ޓޫރިޒަމްގެ އަމާޒު ހާސިލު ކުރުމަށް ވިޒިޓް މޯލްޑިވްސް ކުންފުނިން ގިނަ މަސައްކަތްތައް ކުރާ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒު ހާސިލު ނުވި ނަމަވެސް، ނަންބަރުތަކުން ފެންނަނީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވާ މަންޒަރެވެ. ރައީސްގެ އަމާޒުގެ ގޮތުގައި 2.3 މިލިއަން އިއުލާނު ކުރެއްވިއިރު، ބަޖެޓު ފޮތުގައި ލިޔެފައި ވަނީ 2.2 މިލިއަން ޓޫރިސްޓުނެވެ. އެ ހިސާބަށް ދިއުމަށްޓަކައި ކުރިއަށް އޮތް ހަތަރު މަހު ޓޫރިސްޓުން ގެނެވޭ ވަރު އިތުރު ކުރުން ވަރަށް މުހިއްމެވެ. ބޮޑެތި މަސައްކަތްތަކާ އެކު، ބަޖެޓުގެ އަދަދު ވެސް މައްޗަށް ޖައްސަން ޖެހެ އެވެ.