Roadha Mihaaru
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"

އަލީ ވަހީދުގެ ރައްދު: އެއީ 3،000 ރުފިޔާގެ އިޝްތިހާރެއް

09 ޖޫން 2020

ރާއްޖޭގެ ހުއްޓިފައި އޮތް ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން ރޭ ބޭއްވި ހަރަކާތުގައި ދައްކާލި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުޅުއްވާފައިވާ އިޝްތިހާރުގެ ހަރަދާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް އޭނާ ރައްދު ދެއްވައިފި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުން އެ އިޝްތިހާރަށް ހަރަދުވީ އެންމެ 3،000 ރުފިޔާ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ހުއްޓިފައި އޮތް ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން ރޭ ބޭއްވި ހަރަކާތުގައި ދައްކާލި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުޅުއްވާފައިވާ އިޝްތިހާރުގެ ހަރަދާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް އޭނާ ރައްދު ދެއްވައިފި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުން އެ އިޝްތިހާރަށް ހަރަދުވީ އެންމެ 3،000 ރުފިޔާ އެވެ.

ފޭސްބުކް މެދުވެރިކޮށް ބޭއްވި މި އިވެންޓުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އަލީ ވަހީދު ކުޅުއްވައި، އަދި ރާއްޖޭގެ ޓޫރިޒަމްގެ ހާލަތާ ގުޅޭގޮތުން އޭނާ އަޑުއަޅުއްވާފައިވާ މިނިޓެއްހާ ދިގުމިނުގެ އިޝްތިހާރަށެވެ. ބޯ ވިއްސާރައިގައި ލޯންޗެއްގައި ދަތުރުކުރައްވާފައި ގޮސް، ރަށެއްގެ އަތިރިމަތީގެ ރީތި ފަސްގަނޑުމަތީގައި އިންނަވައިގެން ލެޕްޓޮޕުން އެއްޗެއް ލިޔުއްވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

ޓޫރިޒަމް އިޝްތިހާރުގައި އަލީ ވަހީދު ލޯންޗެއް ދުއްވަނީ

ޓޫރިޒަމް އިޝްތިހާރުގައި އަލީ ވަހީދު ލޯންޗެއް ދުއްވަނީ

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ހަދާފައިވާ އެ ވީޑިއޯ އާއްމުކުރުމާ އެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ވަރަށް ބޮޑަށް ފާޑުކިޔެ އެވެ. އެގޮތުން މާލީ ގޮތުން ގައުމު އަޑި އަޅާލާފައިވާ ދަނޑިވަޅެއްގައި އެ ފަދަ "އަގުބޮޑު" އިޝްތިހާރެއް ކުޅުނީ ކީއްވެތޯ އާއި އެކަމަށް ދިޔަ ހަރަދާ ގުޅޭގޮތުން ވެސް ބައެއް މީހުން ސުވާލު ކުރި އެވެ.

އިޝްތިހާރު އުފެއްދުމަށް ބޮޑު ހަރަދެއް ދާނެ ކަމަށް ލަފާކޮށް، އޭގެ ތަފްސީލު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަށް މީޑިއާއަކުން ހުށަހެޅި ފޯމަކަށް ރައްދު ދެއްވައި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޝްތިހާރުގައި އަގު ދައްކަން ޖެހުނީ ހަމައެކަނި އެއަށް މިއުޒިކް ހަދައިދިން ފަރާތަށް އެކަނި ކަމަށެވެ. އަދި އިޝްތިހާރަކީ ޓޫރިޒަމް މިނިސްޓްރީގެ ހަތަރު މުވައްޒަފެއްގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، މުޅި މި އިޝްތިހާރަށް ހަރަދުކުރަން ޖެހުނީ 194 ޑޮލަރު ނުވަތަ 3،000 ރުފިޔާ،" ރާއްޖެއާ މެދު ވިސްނަވާ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ހުއްޓިފައި އޮތް ޓޫރިޒަމް އަލުން ނަގާ ކޮޅަށް ޖަހަން، ދުނިޔޭގެ މަޝްހޫރު ބައެއް މީހުންގެ އެހީތެރިކަމާ އެކު، "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން"ގެ ނަމުގައި ބޭއްވި އެ ހަރަކާތް ލައްކައެއްހާ މީހުން ބެލި އެވެ.

ރާއްޖޭގެ ރީތި މަންޒަރުތައް ހިމެނޭ އެއް މިނިޓްގެ ގިނަ ކްލިޕްތަކެއް ލައިވްގައި ގެނެސްދިނެވެ. އަދި ރާއްޖެ އައިސްފައިވާ އެކި ފަންތިތަކުގެ ނުފޫޒު ގަދަ މީހުން ރާއްޖެއާ މެދު ދެކޭ ގޮތާއި އެ މީހުންގެ ތަޖުރިބާ ވެސް މި ކްލިޕްތަކުގައި ހިމެނެ އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓުމަކަށް ގެނައުމަށް ފަހު އަންނަ މަހު އަލުން ބޯޑަރު ހުޅުވާލަން ވަނީ ހަމަޖައްސައިފަ އެވެ.