Roadha Mihaaru
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ

"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ

08 އޯގަސްޓް 2024

ދުނިޔޭގެ މަގްބޫލްކަން ހޯދާފައިވާ ކެއްކުމުގެ އެންމެ ބޮޑު ޝޯ، "މާސްޓަ ޝެފް" ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ މަގްބޫލްކަން ހޯދާފައިވާ ކެއްކުމުގެ އެންމެ ބޮޑު ޝޯ، "މާސްޓަ ޝެފް" ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޝެފުންނަށް 35،000 ޑޮލަރުގެ މުސާރައެއް ދޭ ރިސޯޓުތައް ވެސް ރާއްޖޭގައި ހިންގާ ކަމަށެވެ. މިއީ، ކުރިއަރިވަން ޖެހޭ ދާއިރާއެއް ކަން ފާހަގަކުރައްވައި، އެ ދާއިރާ އަށް ދިވެހިން އިތުރު ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދާއިރާގެ މީހުންނާ އެކު ޕްލޭނެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މިނިސްޓަރުން ވިދާޅުވީ ޝެފުންގެ އިތުރުން ޖެނެރަލް މެނޭޖަރުންނާއި ސޭލްސް ޑައިރެކްޓަރުންނާއި އޮޕަރޭޝަންސް މެނޭޖަރުންގެ މަގާމަށް ދިވެހިން އިތުރު ކުރަން ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެކަން ކުރައްވާނީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަ ޓްރެއިނިންތަކެއް ދީގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އަވަހަށް ޕީއެސްއެމްއާ އެކު މަޝްވަރާ ކުރާނަން މިކަމަށް އިންޓްރެސްޓް އުފެއްދުމަށްޓަކައި މާސްޓަ ޝެފް ޝޯ ރާއްޖެއަށް ގެންނަން. ބައެއް ރިސޯޓުތަކުގެ ބޭފުޅުންނާ މިހާރު މަޝްވަރާ ވެސް ކޮށްފިން. ބައެއް ބޭފުޅުން ވިދާޅުވި މިކަމުގައި ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"މާސްޓަ ޝެފް" އަކީ 1990 ގައި އިނގިރޭސިވިލާތުން އުފަންވި ކައްކާ ރިއަލިޓީ ޝޯއެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުންނާ އެކު މި ޝޯ ބާއްވަ އެވެ.

ފައިސަލް ވިދާޅުވީ، އެފަދަ ޝޯއެއްގެ ތެރެއިން ޕްރޮފެޝަނަލް ޝެފުން އުފެއްދޭނެ ކަމަށާއި ޒުވާނުންގެ ތެރޭގައި މި ދާއިރާއަށް ޝައުގުވެރިކަން ވެސް އިތުރު ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ގިނަ ދިވެހިން މިހާރު މަސައްކަތް ކުރަނީ އާދައިގެ ވަޒީފާތަކުގައި ކަމަށް ވިޔަސް 3،000-4،000 ޑޮލަރުގެ މުސާރައެއް ލިބޭ ވަޒީފާތަކުގައި ދިވެހިންގެ އަދަދު އިތުރުކުރަން ވެސް އިސްކަމެއް ދެއްވާނެ އެވެ.

"މިކަމުގައި ޕޭޕަރު ތައްޔާރުކޮށްގެން، ކޮބައިތޯ މިކަން ފަންގްޝަނަލްކޮށް ކުރެވޭނެ ގޮތަކީ. މިސާލަކަށް ރާއްޖެއަކީ ވޯލްޑް ލީޑިން ޑެސްޓިނޭޝަނަށްވާ އިރު ހޮސްޕިޓަލިޓީ ދަސްކުރަން އަޅުގަނޑުމެން ބޭރުގެ ޔުނިވާސިޓީއަކަށް ދިއުމަށް ވުރެ ރާއްޖޭގެ ރިސޯޓެއްގައި އެ ކުއްޖާ ޓްރެއިންކޮށްފިއްޔާ މާ ޕްރެކްޓިކަލް ވާނެ ހެން އެ ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.