Roadha Mihaaru
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި

ކޮވިޑް-19 އާ ގުޅިގެން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދޭން ސަރުކާރުން އިލްތިމާސްކޮށްފި

25 ޖޫން 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބަންދު ކޮށްފައިވާ، ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ގައި ހުޅުވާލައި، ރިސޯޓުތައް އަލުން ހިންގަން ފަށާއިރު، އިގްތިސާދީ ދަތިކަމާ ގުޅިގެން އެ ތަންތަނުން ވަކިކޮށްފައިވާ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން ރޭ އިލްތިމާސްްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބަންދު ކޮށްފައިވާ، ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ގައި ހުޅުވާލައި، ރިސޯޓުތައް އަލުން ހިންގަން ފަށާއިރު، އިގްތިސާދީ ދަތިކަމާ ގުޅިގެން އެ ތަންތަނުން ވަކިކޮށްފައިވާ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން ރޭ އިލްތިމާސްްކޮށްފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ އިން ވަކިކުރި މީހުންނަށް އިސްކަންދިނުމުގެ އިލްތިމާސް ރިސޯޓުތަކަށް ފޮނުވީ "ނިއު ނޯމަލް" ގައި އެ ތަންތަން ހިންގުމުގެ ގައިޑްލައިނާ އެކު ކަމަށެވެ. އެ އިލްތިމާސާ އެކު، ރިސޯޓުތަކުން އަމަލުކުރާ ގޮތް ސަރުކާރުން ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމަށް ރިސޯޓުތަކުން އެދެން ޖެހޭ ހާލަތްތައް ވެސް އަންނާނެ ކަމަށާއި އެ މުވައްޒަފުންނާ މެދު އަމަލުކޮށްފައިވާ ގޮތް އެފަދަ ހާލަތްތަކުގައި ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓްރީގެ އެހީތެރިކަަމަށް ރިސޯޓުތަކުން އެދެން ޖެހޭނެ ހާލަތެއްގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ކުލި ނުދެއްކި ލަސްވާ ހާލަތެވެ.

ރޭގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.

ރޭގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.

"ޓޫރިޒަމް މިނިސްޓްރީގެ ކައިރިއަށް ވެސް ހަމަ ރިސޯޓުތަކުން ވެސް އަންނަން ޖެހޭނެ ބައެެއް ފަހަރު ރެންޓް ނުދެއްކިގެން، ލަސްވެގެން އެހީތެރިކަމަަށް އެދި. އަޅުގަނޑުމެން މި ކަންކަމުގައި [މުވައްޒަފުންގެ ކަންތައްތަކުގައި] އަމަލުކުރި ގޮތް ބަލާނަން. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިހާބު ކޮށްފައި އޮތް ރައްޔިތުންގެ ސަރުކާރެއް. އެހެންވީމާ ރައްޔިތުންނަށް އަމަލުކުރާ ގޮތަކަށް ،ރައްޔިތުންގެ ސަރުކާރަކުން އެ ފަރާތަކާ ދޭތެރޭ ވެސް އަމަލުކުރާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ނަމަވެސް މުވައްޒަފުންގެ މައްސަލައިގައި ވިސްނަވަނީ ރަނގަޅަށް ކަމަށާއި އެކަމުގެ ހައްލު އޮތީ މުވައްޒަފުންނާއި ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކޮވިޑުން އަރައިގަތުމަށްޓަކައި އެ ތިން ފަރާތް ބައިވެރިވާ މަޝްވަރާ އަށް ދާނެ ކަމަށް ވިދާޅުވި އެވެ.

"ރިސޯޓުގައި މަސައްކަތްކުރި މުވައްޒަފަކާ ދޭތެރޭ ގޯސްކޮށް އަމަލުކުރި ރިސޯޓަކަށް އަޅުގަނޑަކަށް ހީއެއް ނުވޭ ދުވަހަކު ވެސް ކާމިޔާބީއެއް ލިބޭނެ ހެނެއް. ފަތުރުވެރިން ވެސް ބަލާނެ އެ ރިސޯޓެއްގައި މަސައްކަތްކުރި މީހުންނާ ދޭތެރޭގައި އަމަލުކުރީ ކިހިނެތްތޯ،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މުވައްޒަފުންނާ މެދު ގާނޫނާ ހިލާފަށް ކުރާ ކަންތައްތައް ބެލުމުގެ މެންޑޭޓް އޮތީ ލޭބާ ޓްރައިބިއުނަލަށެވެ. އެހެންވީމާ ރިސޯޓަކާ މެދު ފިޔަވަޅު އެޅޭނީ އެ އިދާރާ އިން ނިމިގެން ކަމަށާއި އެގޮތަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެ ކަން ކުރަން ތައްޔާރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.