Roadha Mihaaru
މިއީ ޓޫރިސްޓުން އަތުން ޓެކްސް ނަގަންވީ ވަގުތެއް ނޫން

މިއީ ޓޫރިސްޓުންގެ އަތުން ޓެކްސް ނަގަންވީ ވަގުތެއް ނޫން: އަލީ ވަހީދު

25 މެއި 2020

މިއީ ރަނގަޅު ވިސްނުމެއްގައި ޓޫރިސްޓުންނަށް ގައުމުތައް ހުޅުވާލަންވީ ވަގުތު ކަމަށާއި ޓޫރިސްޓުންގެ އަތުން ޓެކްސް ނަގަންވީ ވަގުތު ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއީ ރަނގަޅު ވިސްނުމެއްގައި ޓޫރިސްޓުންނަށް ގައުމުތައް ހުޅުވާލަންވީ ވަގުތު ކަމަށާއި ޓޫރިސްޓުންގެ އަތުން ޓެކްސް ނަގަންވީ ވަގުތު ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވާ އިރު ރާއްޖެ އަލުން ހުޅުވައިލާ އިރު އަންނަ ޓޫރިސްޓުންގެ އަތުން ޓެކުހެއް ނެގުމަށް އިގްތިސާދީ ކޮމިޓީން ޓޫރިޒަމް މިނިސްޓްރީ އަށް ލަފާދީފައިވެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ، ޔޫއެންޑަބްލިއުޓީއޯ އިން ބޭއްވި ހާއްސަ ވީޑިއޯ ކޮންފަރެންސް (ވެބިނާ) ގައި ޓޫރިޒަމަށް ކޮށްފައިވާ އަސަރުތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާ ހެދި ރާއްޖޭގެ އިގްތިސާދަށް އަގު ނުކުރެވޭ މިންވަރެއްގެ ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. މި ހާލަތުގައި މުޅި އިގްތިސާދު ހުއްޓުމަކަށް އައިސް އާންމުންގެ ދިރިއުޅުން ވެސް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ގައުމުތަކަށް ކުރިމަތިވެފައިވާ ހާލަތެކޭ އެއްގޮތަށް ރާއްޖެ އިން ވެސް މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިގްތިސާދީ ހަރަކާތްތައް ފަށައިގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި މުޅި ދުނިޔެ ވެސް ސަމާލުވާންވީ އިތުރަށް މި ބަލީގެ ހާލަތު ގޯސްވިޔަނުދީ ހުރިހާ ފަރާތްތައް ގުޅިގެން ގައުމުތަކުގެ ބޯޑަރުތަކާއި އެއާޕޯޓުތަކާއި އަދި ޓޫރިޒަމް ފެސިލިޓީތަކުގައި ބައިނަލްއަގްވާމީ އެއް މިންގަނޑުތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ އިގްތިސާދަށް ކަމަށް ވޯލްޑް ބޭންކުން ވެސް ބުނެފައިވެ އެވެ. ސަބަބަކީ ރާއްޖޭގެ އިގްތިސާދު ޓޫރިޒަމް ދާއިރާއަށް އިންތިހާއަށް ބަރޯސާވެފައިވާ އިރު މި ހާލަތުގައި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ކުރުން އެއްކޮށް ހުއްޓިފައި އޮތުމެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު އިތުރަށް ގޯސް ނުވާ ނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލައި ރިސޯޓުތައް ވެސް ހުޅުވުމަށް ހުއްދަ ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުމަށްޓަކައި އެކަން ކުރުމުގައި ހާއްސަ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.