Roadha Mihaaru
މިމަހު 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ

މި މަހު 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ: މިނިސްޓަރު

30 އޯގަސްޓް 2020

އަންދާޒާ ކުރިވަރަށް ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފަށައިފި ކަމަށާއި އެގޮތުން މި ނިމޭ މަހު އެކަނި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 7،000 އަށް ވުރެ އިތުރުވާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންދާޒާ ކުރިވަރަށް ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފަށައިފި ކަމަށާއި އެގޮތުން މި ނިމޭ މަހު އެކަނި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 7،000 އަށް ވުރެ އިތުރުވާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަންދާޒާ ކުރިވަރަށް ޓޫރިސްޓުން ނާންނަނީ ކީއްވެގެންތޯ، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އޭރު އަންދާޒާ ހެދިއިރު ބެލީ ގައުމުތަކުގެ ބޯޑަރުތައް ހުޅުވައި ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ކަމަށާއި ނަމަވެސް ކަންކަން ހިނގަމުން ދިޔައީ އެގޮތަށް ނޫން ކަމަށެވެ.

"ބޯޑާތަކެއް ނުވެއް ހުޅުވުނު. ބޭރަށް ދަތުރު ކުރުމުގެ ސީދާ ގްރީން ލައިޓެއް ނުލިބޭ އަޅުގަނޑުމެންގެ މޭޖާ ސޯސް މާކެޓަކުންނެއް. އަޅުގަނޑުމެންނަށް އެންމެ ގިނައިން ޓޫރިސްޓުން މިފަހަކަށް އައިސް ޖެނެރޭޓް ކުރި ޗައިނާއިން އަދި ރާއްޖެ އަށް ސީދާ ޓްރެވަލް ކުރުމުގެ ހުއްދައެއް ނެތް. އިނގިރޭސިވިލާތާއި ޔޫރަޕުގެ އެހެން މާކެޓްތަކުގައި ވެސް އެބަހުރި އެ މީހުން އެނބުރި ރަށަށް ގޮސް ކަރަންޓީން ވާން ޖެހޭނެ ކަމުގެ ކަންތަކާ އެކުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

"އެ ފޯކާސްޓަކީ އޭރުގެ ހާލަތަށް ބަލާފައި ހަދާފައި އޮތް ފޯކާސްޓެއް. އެ ފޯކާސްޓް ބަދަލުވެފައި މިވަނީ ދުނިޔޭގެ ސޯސް މާކެޓްތަކަށް މިދެންނެވި ގޮތަށް އެ ގައުމުތަކުގެ ކޮވިޑްގެ ތަފާސްހިސާބު ބަދަލުވުމާއި އެއާލައިންތައް އޮޕަރޭޓް ކުރުމުގައި އައި ޑިލޭއާ އެކުގައި."

މިނިސްޓަރު ވިދާޅުވީ މިހާރު ޓޫރިސްޓުން އަންނާނެވަރު އަންދާޒާ ކުރަނީ ކޮންމެ ދުވަހެއްގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އެހެންކަމުން މިހާރުގެ އަންދާޒާއަކީ މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއްލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރުގެ ބާކީ އޮތްތަނުގައި އަންނާނޭ ބުނި ކަމަށް ވިޔަސް އަޅުގަނޑުމެން މި އަންދާޒާ ވެސް މިކުރަނީ ވަރަށް ބޮޑެތި ނޭންގޭ، ޔަގީން ނުވާ ފެކްޓާތަކެއްގެ ތެރޭގައި. އެއާލައިންތައް އިތުރުވެގެން އަންނާނެ ގޮތެއް ނޭންގެ. ސޯސް މާކެޓްތަކުގެ ކޮވިޑް ހާލަތު ވާނެ ގޮތެއް ނޭންގެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަންދާޒާ ކުރި ވަރަށް ފަތުރުވެރިން އަންނަމުން ދަނީ. އޮގަސްޓަށް އަޅުގަނޑުމެން އަންދާޒާ ކުރީ 6،000 ކަމަށް. މިއަދު އަޅުގަނޑަށް ލިބޭ އުފާވެރި ހަބަރަކީ 7،000 އަށްވުރެ މައްޗަށް އަރާނެ އޮގަސްޓްގެ އަދަދު."

އެކަމަކު މިނިސްޓަރު ވިދާޅުވީ މިހާރު ޓޫރިސްޓުން އަންނަވަރަކީ ރާއްޖޭގެ އިގުތިސާދު ބައްޓަން ވެފައިވާ ވަރުން އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓޫރިޒަމް ކޮޅަށް ޖަހާފައި ރައްޔިތުންގެ ޖީބަށް ޑޮލަރު ވަދެފައި ރައްޔިތުންނަށް ހިނިތުންވުން އަންނާނީ ވަރަށް ބޮޑަށް މި އަދަދު އިތުރު ކުރެވިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ރަނގަޅު ސިނާރިއޯގައި މި އަހަރު ޖުމުލަ ގެނެވޭނީ ފަސް ލައްކަ ޓޫރިސްޓުން ކަމަށާއި އެއީ 2005 ވަނަ އަހަރަށް ވުރެ މަތީ އަދަދެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ އަހަރު ޓޫރިޒަމް ދަށަށް ދިޔައީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުންނެވެ.

"ސުނާމީ އައިއިރު ރާއްޖޭގައި އޮތީ އެންމެ 18،000 އެނދު. މިއަދު ރާއްޖޭގައި އެބަހުރި 51،000 ޓޫރިސްޓު އެނދު. އެހެންވީމަ އަޅުގަނޑުމެން ގެންނަން ޖެހޭ އަދަދު ވަރަށް ގިނަ،" އޭރު ވެސް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ އަންނަ އަހަރަކީ ވަރަށް ކާމިޔާބު އަހަރަކަށް ހެދުން ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީ ދަށަށް ގޮސްގެން ގައުމަށް ކުރިމަތިވެފައިވާ ހާސްކަން ފިލުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ރާއްޖެ ރައްކާތެރި މަންޒިލަކަށް ހެދުމަށް ކުރާ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެ އައިސްފައިވާ އެތައް މިލިއަން ޓޫރިސްޓުންނަށް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ޔަގީންވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ޓޫރިސްޓުންނަށް އެނގޭނެ ރާއްޖޭގެ ޖިއޯގްރަފީ އޮތްގޮތާއި ރާއްޖެއަކީ މިފަދަ ރޯގާއެއްގައި އައިސް އުޅެން މައްސަލައެއް އޮތް ގައުމެއް ނޫންކަން. ސީދާ އެ މީހުންގެ ރަށުން އަންނަ ގޮތަށް އައިސް އެއާޕޯޓަށް ޖައްސާލާފައި ސީދާ ވަކި އުޅަނދެއްގައި ރިސޯޓަށް އެހެން ނޫނީ ސަފާރީ ވެސަލް އަށް އެހެން ނޫނީ މުސްތަގުބަލުގައި ގެސްޓް ހައުސްތައް ހުޅުވީމަ އެތަންތަނަށް ވެސް އެ ބޭފުޅުންނަށް ޗުއްޓީ ހޭދަކޮށްލާފައި ކޮވިޑްގެ ބަލި މަޑުކަމުގެ ތެރެއިން އެ މީހުންނަށް ދާން އެއްވެސް އުނދަގުލެއް ނެތް ކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މުޅި އިގުތިސާދު ބަރޯސާ ވެފައިވަނީ ޓޫރިޒަމަށް ކަމަށް ވާއިރު ހއ. އިން ފެށިގެން އައްޑު އާ ހަމައަށް ވެސް މިހާރު އޮތީ މޮޅިވެރިކަން ކަމަށެވެ. ރައްޔިތުން އިންތިޒާރު ކުރަމުން އަންނަނީ ޓޫރިޒަމް ރަނގަޅު ވާނެ ދުވަހަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.