Roadha Mihaaru
ޓޫރިސްޓުން އިތުރުވާނީ ކޮވިޑް ނަންބަރު ދަށްކުރެވިގެން

ޓޫރިސްޓުން އިތުރުވާނީ ކޮވިޑް ނަންބަރު ދަށްކުރެވިގެން: މައުސޫމް

27 އޯގަސްޓް 2020

ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރެވޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކޮށްގެން ކަމަށް އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރެވޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކޮށްގެން ކަމަށް އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ރޭ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުކަން ފާހަގަކުރެއްވުނު ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި މި އަދަދު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަދަދު އިތުރު ކުރެވޭނީ ދިވެހިން ގުޅިގެން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވިގޮތުގައި މި ވަގުތު ބޮޑަށް ބަލަންވީ ޗުއްޓީ ހޭދަ ކުރަން އަންނަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ އަދަދަށެވެ. އެގޮތުން، މިހާތަނަށް އެ އަދަދު 50 ޕަސެންޓު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ރާއްޖޭގައި ހޭދަ ކުރާ ދުވަސްތަކަށް ބަލާއިރު ފަހެއް ނުވަތަ ހައެއް ނުވަތަ ހަތް ދުވަސް އެވްރެޖްކޮށް މި ސްޕެންޑް ކުރަނީ. މިހާރު މިދިޔަ ދުވަސްކޮޅަށް ބަލާއިރު ވަރަށް ދިގު. އަޅުގަނޑުމެން މި އުއްމީދު ކުރަނީ ގެސްޓަކު ރިސޯޓުގައި ހޭދަ ކުރާ ދިގުމިން އިތުރުވެގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިސްޓުން ރިސޯޓުގައި ހޭދަ ކުރާ މުއްދަތު އިތުރު ކުރުމުގެ ސަބަބުން ޓޫރިސްޓުން ހަރަދު ކުރާ ޑޮލަރު އިތުރުވެ އިގްތިސާދަށް ފައިދާވާނެ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު އައި ދެ ޓޫރިސްޓަކު އެރައިވަލް ޓާމިނަލުން ނުކުންނަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު އައި ދެ ޓޫރިސްޓަކު އެރައިވަލް ޓާމިނަލުން ނުކުންނަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރާގޮތުގައި މި އަހަރުގެ ބާކީ ދުވަސްތަކުގައި ދުވަސްތަކުގައި ރާއްޖެއަށް 120،000 ޓޫރިސްޓުން ގެނެވޭނެ އެވެ. ނަމަވެސް މިކަމުގައި ޓުރިސްޓު ފެސިލިޓީތަކކުގެ އެއްބާރުލުން ބޭނުންވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތަކީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ވާދަވެރި ދުވަސްތަކަކަށް ވުމުން ޓޫރިސްޓު ފެސިލިޓީތަކުގެ އަގުތައް އެކަށީގެންވާ ވަރަކަށް ކުޑަކުރުމަކީ އެޅިދާނެ ފިޔަވަޅެއް ކަމަށެވެ. އަދި ޓޫރިސްޓުން ގެނައުމަށް ދާއިރާގެ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

"ހުރިހާ ގައުމުތަކުން ވެސް މާކެޓު ތެރެއަށް ވަންނާނެ. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ވާދަވެރި ވަރެއްގައި އަގުތައް ހިފަހައްޓަން. އެގޮތުން، އަޅުގަނޑު އިލްތިމާސްކުރަނީ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުން އިންޑަސްޓްރީ އަށް ގެއްލުންވާ ގޮތަށް އަގުތައް ތިރިނުކޮށް، އެންމެން އެއްބަސްވާ އަދަދެއްގައި އަގުތައް ހިފަހައްޓަން،" މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާއިރު މިހާތަނަށް ޓޫރިސްޓުންނަށް ހިދުމަތް ދެމުން އަންނަނީ ރިސޯޓުތަކާއި ސަފާރީތަކުންނެވެ. ރަށްތަކުގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެންދިއުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. ނަމަވެސް މިހާރު އެ ތަނަތަން ހުޅުވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.