Roadha Mihaaru
އަލިފުށީގެ ފަޅުގައި ރިސޯޓެއް ހަދަން އިއުލާނުކުރަނީ

އަލިފުށީގެ ފަޅުގައި ރިސޯޓެއް ހަދަން އަނެއްކާވެސް އިއުލާނުކުރަނީ

07 ސެޕްޓެމްބަރ 2021

ރ. އަލިފުށީގެ ފަޅުތެރޭގައި އޮންނަ އެއްތިނގިލީގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން އަންނަ އަހަރު އިއުލާނު ކުރާނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރ. އަލިފުށީގެ ފަޅުތެރޭގައި އޮންނަ އެއްތިނގިލީގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން އަންނަ އަހަރު އިއުލާނު ކުރާނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު، ޓޫރިޒަމް މިނިސްޓަރާ ކުރެއްވި ސުވާލަަކަށް ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، އެއްތިނގިލީގައި ރިސޯޓެއް ހަދަން ހުޅުވައިލާނީ އަލިފުށީ ފަޅުތެރެއިން ހިއްކަން ހަަމަޖެހިފައިވާ 10 ހެކްޓަރުގެ ބިމާ އެކުގައި ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިއްވި ސިޓީގައި މައުސޫމް ވިދާޅުވީ، އަލިފުށީ ފަޅުން ހިއްކާ ސަރަހައްދާ އެކު އެއްތިނގިލި ބީލަމަށް ލާނީ އޮކްޓޯބަރު 25، 2021 ގައި ކަަމަށެވެ.

އެއްތިނގިލީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސަައްކަތް ފެށޭނެ ތާރީހަކާ ބެހޭ ގޮތުން މައުސޫމަށް ސުވާލު ފޮނުއްވި، މެމްބަރު ހަސަން އަހުމަދަކީ އަލިފުށީ ދާއިރާގެ މެމްބަރުކަމަށް ނުވިޔަސް، އޭނާއަކީ އެ ރަށަށް އުފަން ބޭފުޅެކެވެ. އަލިފުށީ ދާއިރާގެ މެބްރަކީ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހަސަން އަހުމަދު ކުރިން ވިދާޅުވެފައި ވަނީ އެއްތިނގިލީގައި ރިސޯޓެއް ހަދަން ބަޔަކަށް ދޫކޮށްފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެހެންވެ، އޭނާ މައުސޫމަށް ސުވާލު ފޮނުއްވީ އެ ފަޅުގައި ރިސޯޓު ހަދަން ފެށޭނެ ތާރީހެއް ހޯދުމަށެވެ.

އެއްތިނގިލީގައި ރިސޯޓެއް ހަދަން 2007 ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް އިއުލާނުކުރި އެވެ. އެކަމަކު، އެ މަޝްރޫއަށް ފަހުން ވީ ގޮތެއް ނޭނގުނެވެ.

އަލިފުށީ ފަޅުން ހިއްކަން ހަމަޖެހިފައިވާ ބިމާ އެކު، އެއްތިނގިލިގައި ރިސޯޓެއް ހަދަން ބީލަމަށް ލާނެ ކަމަށް ސަރުކާރުން ބުނި އިރު، ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ މިދިޔަ ހަފުތާގައި ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް މިދިޔަ ބުދަދުވަހު އެ ކުންފުންޏާ ހަވާލުކުރީ އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތާ ވެސް އެކުގަ އެވެ.

އެމްޓީސީސީއާ އެކު ޕްލޭނިން މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އަލިފުށި ފަޅުން ހިއްކާނީ 50 ހެކްޓަރުގެ ބިމެވެ. އޭގެ ތެރެއިން 40 ހެކްޓަރުގެ ބިންް އެއާޕޯޓަށް ހާއްސަ ކުރާއިރު، އަނެއް 10 ހެކްޓަރު ބޭނުންކުރާނީ އަލިފުށީގެ ތަރައްގީ އަށް ކަމަށް، އެއްބަސްްވުމުގައި ސޮއިކުރި ދުވަހު ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެހެންވީމާ އެއްތިނގިއްޔާ އެކު ރިސޯޓް ހަދަން ބީލަމަށް ލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި 10 ހެކްޓަރުގެ ބިން ހިއްކާނީ ބެލެވޭ ގޮތުގައި އަދި ފަހުންނެވެ.