Roadha Mihaaru
ރިސޯޓުގެ މުހިއްމު ތަންތަން ހިންގަނީ "ކާޓެލް" ގޮތަށް

ރިސޯޓުތަކުގެ މުހިއްމު ތަންތަން ހިންގަނީ "ކާޓެލް" އެއް ގޮތަށް ކަމަށް ވިދާޅުވެ އަލީ ހުސެއިން ކަންބޮޑުވެއްޖެ

19 އެޕްރީލް 2023

ރިސޯޓުތަކުގެ މުހިއްމު ޑިޕާޓްމަންޓުތައް ހިންގަނީ "ކާޓެލް" އެއް ގޮތަށް ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިސޯޓުތަކުގެ މުހިއްމު ޑިޕާޓްމަންޓުތައް ހިންގަނީ "ކާޓެލް" އެއް ގޮތަށް ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ރިސޯޓު މެނޭޖަރުކަމާއި އެޗްއާރު މެނޭޖަރު އަދި ޗީފް އެކައުންޓެންޓުންގެ މަގާމަށް ދިވެހިން ހަމަޖެއްސުމާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އަލީ ހުސައިން ވަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވި އިރު ވެސް ރިސޯޓުތަކުގެ އިސް މަގާމުތަކަށް ދިވެހިން ތަމްރީނު ކުރެވޭނީ ކޮން ދުވަހަކުންތޯ ސުވާލު އުފައްދައިފަ އެވެ.

އޭނާ ވިދާޅުވީ، އެކި ދާއިރާތަކަށް މީހުން ތަމްރީނު ކުރަން ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމް ފެށީ ވެސް މުހިއްމު ކަންތައްތައް ނުކޮށް ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ އޯ ލެވެލް ނިންމާ ގޮތަށް ފައުންޑޭޝަން ހެދުމަށް ސަރުކާރުގެ ޔުނިވާސިޓީތަކާއި އަމިއްލަ ކޮލެޖުތަކުން ބާރު އެޅުމެވެ.

އެކަމަކު، އޭ ލެވެލް ނިންމުމަށް ފަހު، މަތީ ތައުލީމު ހާސިލް ކުރަން ސަރުކާރުން ވިސްނައި ދޭންޖެހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އެހެންވެ، ހާލަތު ބަދަލުކުރަން ދައުލަތުން "ހެސްކިޔާފައި" މަސައްކަތް ކޮށްގެން ނޫނީ މި ކަމެއް ކާމިޔާބީއެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ދިމާވި ކަމެއްގެ ތަޖުރިބާގެ އަލީގައި އަލީ ހުސައިން ވިދާޅުވީ، އޭސީސީއޭ އާއި ސީމާ ނިންމުމަށް ފަހު، ދެ ރައްޓެއްސަކު، ވަރަށް ގިނަ ރިސޯޓުތަކުގެ އެކައުންޓެންޓުގެ މަގާމަށް ކުރިމަތިލި ކަމަށާއި އެކަމަކު އެއްވެސް ތަނަކުން ވަޒީފާއެއް ނުލިބުނު ކަމަށެވެ.

"އެކައުންޓިންގެ ދާއިރާ އަށް ބެލިއަސް ވަކި ކާޓަލްއަކުން ހިންގާ ތަނެއް. ހަމަ އެ ގޮތަށް އެޗްއާރުގެ ދާއިރާ އަކީ ވެސް ވަކި ބަޔަކު ހިންގާ ތަނެއް. ވަކި ގައުމަކަށް ނިސްބަތްވާ ބަޔަކު މި ތަންތަން ހިންގަނީ. އަދި ޕާޗޭސް މެނޭޖަރުކަމަށް އަދި އަމުދުން ބަލައިފިއްޔާ މި ހިންގާނީ މުޅިން އެހެން ބަޔަކު،" އަލީ ހުސައިން ވިދާޅުވި އެވެ.

"އެހެންވީމާ، ވަކި ބަޔަކު ކޮންޓްރޯލް ކޮށްގެން، ވަކި ބަޔަކަށް ނޫނީ ވަޒީފާ ނުލިބޭ ތަންތަން މި ހުރީ."

އަލީ ހުސައިން ވިދާޅުވިގޮތުގައި، މަޖިލީހުގެ މެމްބަރެއްގެ ހިއްސާ އޮންނަ ރިސޯޓުގެ ބޭރު ޕާޗޭސް މެނޭޖަރު ވަކިކުރުމަށް ފަހު، އެ ތަން ސީދާ އެ މެމްބަރުގެ ބެއްލެވުމުގެ ދަށުން ހިންގަން ފެށުމުން އަހަރަކު ތިން މިލިއަން ޑޮލަރު ސަލާމަތްވާން ފެށި އެވެ.

އެކަމަކު، އެއީ ކޮން މެމްބަރެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ވިދާޅުވީ ޖާބިރު ހުށަހެޅުއްވީ ވަރަށް މުހިއްމު ގަރާރެއް ކަމަށެވެ. އެ ވާހަކަ ތަކުރާރުކޮށް ވެސް ދައްކަންޖެހެނީ ހާލަތު ބަދަލުނުވާތީ ކަމަށާއި ރާއްޖޭގެ މައި އިންޑަސްޓްރީގެ ފޮނި މީރު ކަން ދިވެހިންނަށް ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކުގައި ބިދޭސީންނަށް ތިބެވޭނީ 55 ޕަސެންޓަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސާކިއުލާއިން އެންގިއަސް މި ފަހުން ނެރުނު ބޯހިމެނުމުގެ ނަތީޖާއިން ދައްކަނީ އެހެން މަންޒަރެކެވެ.

މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ރިސޯޓުތަކުގައި 70 ޕަސެންޓު ބިދޭސީން 30 ޕަސެންޓު ދިވެހިން އުޅޭ ކަމަށް ބޯހިމެނުމުގެ ނަތީޖާ އިން ދައްކާ ކަމަށެވެ.

އެކަމާ ގުޅިގެން އަލީ ހުސެއިން ވިދާޅުވީ އެއީ އެކަން ވާނެ ގޮތް ކަމަށެވެ. ކޮންމެ ސަރުކާރެއްގައި ވިޔަސް ޓޫރިޒަމް މިނިސްޓަރަކު ބ. އަތޮޅަށް ވަޑައިގަންނަވާ ނަމަ ހުންނަވާނީ ސޮނެވާ ފުށީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުން ދިރިއުޅޭ ރަށެއްގައި ދުވަހަކު ވެސް މަޑެއް ނުކުރައްވާނެ. މިކަން ބަދަލު ނުވާހާ ހިނދަކު އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން މި ކުރަން އުޅޭ ކަންތައްތަކެއް ބަދަލެއް ނުވާނެ، ހަގީގީ އިސްލާހެއް ނުގެނެވޭނެ." އަލީ ހުސައިން ވިދާޅުވި އެވެ.

އެކަމަކު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، އޭނާގެ ތާއީދު އެ ގަރާރަށް ނެތް ކަމަށެވެ. ވިދާޅުވީ އެ މަގާމުތައް ހަމައެކަނި ދިވެހިންނަށް ހަމަޖައްސައިފި ނަމަ ޓޫރިޒަމް އިންޑަސްޓްރީ ފުނޑުފުނޑުވާނެ ކަމަށެވެ.

ޗުއްޓީއަށް ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުންނަކީ އިނގިރޭސިން ވާހަކަ ދައްކަން އެނގޭ ބަޔަކަށް ނުވާތީ، އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާ އަދި ޖަރުމަނު ފަދަ ބަސްތަކުން ވާހަކަ ދައްކާ މީހުން ތިބެން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސް މަގާމުތަކަށް ދިވެހިން ބޭނުންވާ ކަމަށެވެ. އެކަމަކު، ދާއިރާ ހަލާކުވެދާނެތީ މި ގަރާރަށް ތާއީދުނުކުރައްވަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.