ވަޒީފާގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރިސޯޓް މުވައްޒަފުންގެ އެވެ. ގިނަ ހައްގުތަކުން އަބަދުވެސް މަހްރޫމްވެފައިވާ، އެ ދާއިރާގެ މުވައްޒަފުންނަށް ވީ ވައުދުތަކުގެ މައްޗަށް ގާނޫނު އިސްލާހުކުރަން ހުށަހެޅީ ތަފާތުކުރުން ނައްތާލައި ހަމަހަމަކަން ގާއިމްކުރަން ކަމަށް ސަރުކާރުން ބުނެ އެވެ.
25 ފެބުރުއަރީ 2020
ވަޒީފާގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރިސޯޓް މުވައްޒަފުންގެ އެވެ. ގިނަ ހައްގުތަކުން އަބަދުވެސް މަހްރޫމްވެފައިވާ، އެ ދާއިރާގެ މުވައްޒަފުންނަށް ވީ ވައުދުތަކުގެ މައްޗަށް ގާނޫނު އިސްލާހުކުރަން ހުށަހެޅީ ތަފާތުކުރުން ނައްތާލައި ހަމަހަމަކަން ގާއިމްކުރަން ކަމަށް ސަރުކާރުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުގައި، ރިސޯޓްތަކުގައި ސާވިސް ޗާޖު މިހާރު ބަހާ އުސޫލަށް ބަދަލުތަކެއް ގެނެސް ހަރުދަނާކުރަން ވަނީ ނިންމައިފަ އެވެ. މި ބަދަލު ހުށަހެޅީ، ރިސޯޓް މުވައްޒަފުންގެ އަޑު އަހައި، މުވައްޒަފުންނާއި ވަޒީފާ ދޭ ފަރާތްތަކަށް ވެސް ގެއްލުން ނުވާނެ ގޮތަށް ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދެއްވަ އެވެ.
- ވަޒީފާ ދޭ ފަރާތަށް ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާ ނަމަ ފާއިތުވެފައިވާ މަހު ލިބުނު ފައިސާ ނުވަތަ އެ ފައިސާ އިން މި މާއްދާގެ (ށ.) ގައިވާ ގޮތުގެ މަތިން ވަޒީފާ ދޭ ފަރާތަށް ނަގާ އިދާރީ ފީ ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުން މިދާ މަސް ނިމުމުގެ ކުރިން އޭނާގެ މުވައްޒަފުންނަށް ބަހައި ނިންމަންވާނެ އެވެ.
- (ށ) ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން 1 ޕަސެންޓް އަށް ވުރެ ގިނަ ނޫން އަދަދެއްގެ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ނެގިދާނެ އެވެ.
- ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމައަށް ބެހުން. މަގާމުގެ ތަފާތަކަށް ނުވަތަ މުސާރައިގެ ތަފާތަކަށް ސާވިސް ޗާޖު ބެހުމުގައި ތަފާތުކުރުމެއް ނުގެންގުޅުން.
- މިހާރު ވެސް އޮންނަ ގޮތަށް ސާވިސް ޗާޖުގެ ގޮތުގައި ކުރީ މަހުގައި ލިބުނު ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން ބެހުން.
- މުވައްޒަފު މަސައްކަތް ކުރި ގަޑިއިރަކަށް ނިސްބަތްކޮށް ސާވިސް ޗާޖު ކަނޑައެޅުމުގެ އިޚްތިޔާރު ދީފައިވޭ. ގަޑިޖެހޭ މުވައްޒަފުންނާއި މަސައްކަތަށް ހާޒިރުނުވާ މުވައްޒަފުންގެ އަތުން ސާވިސް ޗާޖު އުނިކުރެވޭނެ ކަމަށް އެ އިސްލާހުގައިވޭ. އެކަމަކު ގާނޫނުން ހައްގުވާ ޗުއްޓީގައި ހުންނަ އިރު ސާވިސް ޗާޖު އިސްތިސްނާ ނުކުރެވޭނެ.
- ހިންގުމުގެ އިސް މަގާމްތަކުގައި ތިބޭ ފަރާތްތައް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން (ސާވިސް ޗާޖު ބެހުމުން) އިސްތިސްނާ ކުރެވިދާނެކަން. އަދި ބާކީ ތިބި މުވައްޒަފުންގެ މެދުގައި ބެހުން.
އެ އިސްލާހުގައި ފާހަގަކޮށްފައިވާ ގޮތުގައި ވަޒީފާގެ ގާނޫނުގެ 34 ވަނަ މާއްދާގައިވާ ގޮތުން ނަމަ، ހިންގުމުގެ އިސް މަގާމްތަކުގައި ތިބޭ މީހުން މިހާރު ވެސް ސާވިސް ޗާޖު ދިނުމުން ވަނީ އިސްތިސްނާކޮށްފަ އެވެ. އެހެންކަމުން ހުށަހެޅި ބަދަލާ އެކު އެކަން ދޫކޮށްލާފައި ވަނީ އިޚްތިޔާރީ ކަމެއްގެ ގޮތަށެވެ.
މިއީ ރިސޯޓްތަކުން ނުވަތަ ވަޒީފާއަދާކުރާ މުވައްޒަފުން ނުރުހޭ ބަދަލެއް ނަމަ، މި ބަދަލު ނުގެނަޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، އިސްލާހު ހުށަހެޅި ބޭނުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް "މިހާރު"އަށް ތަފްސީލްކޮށްދެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި މައިގަނޑު އެއް ބޭނުމަކީ، މުވައްޒަފުންގެ މެދުގައި މިހާރަށް ވުރެން ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމްކުރުމެވެ. އެއާ އެކު ހުށަހަޅާފައިވާ ބަދަލުން މުވައްޒަފުން ޒިންމާދާރުކުރުވި، މަސައްކަތަށް ފަރުވާ ބަހައްޓައި ގަޑިނުޖެހޭ މުވައްޒަފުންނަށް ރިވާޑް ކަށަވަރުވެގެންދާނެ އެވެ.
މިނިސްޓަރު ވިދާޅުވީ ސާވިސް ޗާޖު ހަމަހަމައަށް ބަހާ ވާހަކަ ވަޒީފާގެ ގާނޫނުގައި ނޯންނަ ކަމަށާއި ސާވިސް ޗާޖު ބެހުމުގައި އެކި ރިސޯޓްތަކުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށެވެ. އެކި ރިސޯޓްތަކުގައި އެކި ލެވެލްތަކަށް ސާވިސް ޗާޖު ދެނީ ވަކި މިންވަރުތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލައެއް ނެތް، 99 ޕަސެންޓް ސާވިސް ޗާޖު ބަހާ. އެކަމަކު އެއީ އެކި މުވައްޒަފުންނަށް އެކި ވަރަށް. އެހެންވީމަ އަޅުގަނޑުމެން ބަދަލު ގެނެސް މި ބުނަނީ ހަމަހަމައަށް މުވައްޒަފުންގެ ތެރޭގައި ބަހަން ޖެހޭނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު
ސާވިސް ޗާޖު ބެހުމުގައި ވަޒީފާގެ އިސް މަގާމްތައް ގާނޫނުގައި އިސްތިސްނާކޮށްފައި އޮތް ކަން ފާހަގަކުރައްވައި ވިދާޅުވީ ރިސޯޓްތަކުން އިސްތިސްނާ ނުކޮށް ސާވިސް ޗާޖު ބަހަމުން އަންނަ ކަމަށެވެ. އަލަށް ގެންނަން ހުށަހެޅި އެއް އިސްލާހަކީ ރިސޯޓްތަކުގައި ވެސް އިސް މަގާމްތަކަކީ ކޮބައިކަން ކަނޑައެޅޭނެ ގަވާއިދެއް ހެދުމެވެ.
"ދެން އަޅުގަނޑުމެން މި ލިއުނީ އެމްޕޯޔަރު ބޭނުންވާ ކަމަށް ވަނީ ނަމަ އިސްތިސްނާ ކުރެވިދާނެއޭ. އަޅުގަނޑުމެންނާ ރިސޯޓްތަކުން ދިމާވާ ކުދިން ބުނޭ އެންމެ މަތީގައި ތިބި ޖެނެރަލް މެނޭޖަރު ފަދަ މަގާމްތަކަށް ސާވިސް ޗާޖު ދޭކަށް ނުޖެހޭނެއޭ. އަޅުގަނޑު ވެސް ގަބޫލުކުރަނީ އެންމެ ސީނިއޯރިޓީ ލެވެލްގައި ތިއްބެވި ބޭފުޅުންނަސް ސާވިސް ޗާޖު ބެހޭކަށް ނުޖެހޭނެއޭ،" ފައްޔާޒު ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް ލިބޭ އިތުރު ބޯނަސްތައް ވެސް. އަޅުގަނޑުމެން މި ލިއުނީ އިސްތިސްނާ ކުރެވިދާނެއޭ. މީގެ ކަންބޮޑުވުމަކީ ބައެއް ރިސޯޓްތަކުގައި ބުނެފާނެއޭ ސުޕަވައިޒަރު ލެވެލްއަކީ ވެސް ސީނިއާއޭ. އެކަމަށް ވެސް ހައްލެއް އެބަ އޮތް."
އެ ހައްލަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، އިސް މުވައްޒަފުންނަކީ ކޮބައިކަން މިނިސްޓްރީން ހަދާ ގަވާއިދުގައި ސާފުކޮށް ބަޔާން ކުރުމެވެ. މުސާރަ އާއި ލިބޭ އިނާޔަތްތަކަށް ބަލައި އިސް މުވައްޒަފުން ކަނޑައެޅުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އެ ގޮތަށް ކަނޑައަޅާ އިރު ވެސް އިންސާފުވެރި އުސޫލެއް ކަށަވަރުކުރައްވާނެ ކަމަށެވެ.
ހާޒިރުނުވާ ދުވަސްތަކަށް މުސާރަ ކެނޑޭނެ ކަމަށް ލިއުނީ ހުއްދަ ނުކުރާ ގޮތަށް ސަލާމް ބުނުން ނުވަތަ ޗުއްޓީގައި ހުރުމަށެވެ. ގަޑި ޖެހޭ މުވައްޒަފަށް ސާވިސް ޗާޖު ކަނޑާ ގޮތަށް ނިންމީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ދެން ތިބި މުވައްޒަފުންގެ ފައިދާއަށެވެ.
ގަޑިޖެހޭ މުވައްޒަފުންގެ އަތުން ކެނޑޭ ސާވިސް ޗާޖު ބަހަން ނިންމާފައި ވަނީ ދެން ތިބޭ މުވައްޒަފުންގެ މެދުގައި ކަމަށާއި އެއީ "ވަރަށް ރަނގަޅު ބަދަލެއް"ގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.
"މިސާލަކަށް އެއް މަހުގެ ސާވިސް ޗާޖު ބަހާއިރު، ގަޑިޖެހިގެން އަންނަ ފަރުވާކުޑަ މުވައްޒަފުންނާއި ރަނގަޅަށް ގަޑިއަށް އަންނަ މުވައްޒަފުންނާ އެއްވަރަކަށް އެބަ ދޭ ސާވިސް ޗާޖު. އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ އިންސާފުވެރި ގޮތެއް ކަމަށް. އަދި ޑިސިޕްލިން މެއިންޓެއިންކުރަން އެޅޭ ރަނގަޅު ފިޔަވަޅެއް ވެސް ނޫން އެއީ،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާހު ހުށަހަޅާފައި މިހާރު އޮތް ގޮތުން، ސާވިސް ޗާޖުން އުނިކުރެވޭ އަދަދު ބެހިގެންދާނީ ދެން ތިބި މުވައްޒަފުންގެ މެދުގައި ކަން ކަށަވަރުކުރުވެގެންދާނެ ކަމަށެވެ.
ސާވިސް ޗާޖާ ގުޅޭ ގޮތުން ނުކުންނަ މައްސަލަތަކަށް ބަލައި މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރަން ވެސް ވަނީ އިސްލާހުގެ ތެރޭގައި ހިމަނައިފަ އެވެ. އެގޮތުން ސާވިސް ޗާޖުގެ މައުލޫމާތު ބެލެހެއްޓުން ވަޒީފާ ދޭ ފަރާތަށް ވަނީ ލާޒިމްކޮށްފަ އެވެ. ސާވިސް ޗާޖުގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ އާއި އެ މަހު މަސައްކަތް ކުރި މުވައްޒަފުންނާއި މަސައްކަތް ކުރި ވަގުތާއި ސާވިސް ޗާޖުން މުވައްޒަފަށް ހައްގުވާ މިންވަރު އަދި ވަޒީފާ ދޭ ފަރާތުން ސާވިސް ޗާޖު ދިން އަދަދު ބަލަހައްޓަންވާނެ ކަމަށް އިސްލާހުގައިވެ އެވެ. މި މައުލޫމާތު މަހަކު އެއްފަހަރު ލޭބަ ރިލޭޝަންސް އޮތޯރިޓީ އަށް ފޮނުވަން ލާޒިމްކޮށްފައިވާ އިރު، މައުލޫމާތު ދޭން ދެކޮޅުހަދައި އެ އޮތޯރިޓީގެ އެންގުމަކާ ޚިލާފުވެއްޖެ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރަން ހުށަހަޅާފައިވެ އެވެ.
އެންމެ ރަނގަޅު ހައްލުގެ ގޮތުގައި ފެނިވަޑައިގެން ހުށަހެޅުއްވި އިސްލާހުތައް ގެންނާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މުވައްޒަފުން ވެސް އެގޮތަށް ރުހޭ ނަމަ އެވެ.
ރިސޯޓުގެ މުހިއްމު ތަންތަން ހިންގަނީ "ކާޓެލް" ގޮތަށް
ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ނުކުރަން ނިންމައިފި
ރިސޯޓު ކުލި ކުޑަކުރިޔަސް ފައިދާ ބޮޑުވާނެ: މައުސޫމް
އަލިފުށީގެ ފަޅުގައި ރިސޯޓެއް ހަދަން އިއުލާނުކުރަނީ
އަތޮޅުތެރޭގެ ޓޫރިޒަމް ބިމު ކުއްޔަށް ބަދަލު ގެންނަނީ
ރިސޯޓު މުވައްޒަފުންގެ ދަފްތަރު މޭ ޑޭގައި ލޯންޗްކުރަނީ
ކާށިދޫ އާއި ކެލާ ފަޅުގައި ރިސޯޓުހަދަން އިއުލާނުކޮށްފި
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ