Roadha Mihaaru
ރިސޯޓު ކުލި ކުޑަކުރިޔަސް ފައިދާ ބޮޑުވާނެ: މައުސޫމް

ރިސޯޓު ކުލި ކުޑަކުރިޔަސް ޓެކްސް އިން ލިބޭ ފައިދާ ބޮޑުވާނެ: މައުސޫމް

16 މެއި 2022

ރިސޯޓުތަކުގެ ކުލި ކުޑަކޮށްގެން ދައުލަތަށް ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރިސޯޓުތަކުގެ ކުލި ކުޑަކޮށްގެން ދައުލަތަށް ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި، އެކި ސަރަހައްދުތަކުގައި ހަދާފައިވާ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ، ދައުލަތަށް ފައިސާ ހޯދަން އެންމެ ފައިދާ ހުރި ގޮތަކީ ރިސޯޓުތަކުން ބިމު ކުލި ނެގުން ނޫން ކަމަށާއި ކުލި ކުޑަކުރުމުގެ ސަބަބުން އަލަށް ގިނަ ރިސޯޓުތައް ހުޅުވަން ފުރުސަތު ލިބި، ޓެކްސް ނިޒާމުގެ ތެރެއިން ލިބޭ ފައިދާ މާ ބޮޑު ވާނެ ކަމަށެވެ.

"އަލަށް ރިސޯޓުތައް ހެދީމާ ލިބޭ ޓެކްސްގެ އަދަދު ވަރަށް ބޮޑުވެގެން ދާނެ. ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ ދުރު މުސްތަގުބަލަށް ބަލާއިރު ދައުލަތަށް އަދި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ ވިޔަފާރި ބޮޑަށް ހިންގާލައި ޓެކްސް އިން ދައުލަތަށް ފައިދާ ލިބުން،" މައުސޫމް ވިދާޅުވި އެވެ.

މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އަލަށް ރިސޯޓުތައް ހެދުމުން ލިބޭ ޓެކްސްގެ އަދަދު ވަރަށް ބޮޑު ކަމަށެވެ. ކޮމިޓީ މަރުހަލާގައި އެ ބިލަށް ވާހަކަ ދައްކާއިރު އެ އަދަދުތައް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައި އެ އިސްލާހުތަކަކީ މަޖިލީހުން ފާސްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅި ސަބަބެއް ކަމުގައި ބިލުގައި ބުނެފައި ވަނީ މިނިމަމް ވޭޖުގެ ސަބަބުން ރިސޯޓުތައް ހިންގާ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ އަސަރު ކުޑަ ކުރުމަށް ކަމަށެވެ.