Roadha Mihaaru
"އަމާޒަކީ މިނިމަމް ވޭޖަށްވުރެ ރަނގަޅު ގޮތެއްވުން"

އަމާޒަކީ މިނިމަމް ވޭޖަށް ވުރެން ރަނގަޅު ގޮތެއް މުވައްޒަފުންނަށް ހޯދައިދިނުން: މައުސޫމް

10 ނޮވެމްބަރ 2021

މިނިމަމް ވޭޖްގެ ވާހަކަ ދެއްކުން މުހިއްމު ނޫން ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ އެއަށް ވުރެން ރަނގަޅު މުސާރައެއް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ލިބޭނެ ގޮތް ހެދުން ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިމަމް ވޭޖްގެ ވާހަކަ ދެއްކުން މުހިއްމު ނޫން ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ އެއަށް ވުރެން ރަނގަޅު މުސާރައެއް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ލިބޭނެ ގޮތް ހެދުން ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައެޅިއިރު ޓޫރިޒަމް ދާއިރާއަށް ކަނޑައެޅީ 8،000ރ. އެވެ. ސާވިސް ޗާޖާއަކު މަހަކު 12،000ރ. ނުލިބޭ މުވައްޒަފަކު މަދުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވެ އެވެ.

އެކަމަކު ޓޫރިޒަމް ދާއިރާއަށް ކަނޑައެޅި އަދަދު މަދުވެގެން މުވައްޒަފުންގެ ހިތްހަނުޖެހުން އެބައޮތެވެ. ބައެއް މުވައްޒަފުން ބުނާ ގޮތުގައި މިނިމަމް ވޭޖް ކަނޑައެޅީ އެއްބަސްވި އަދަދުން 900ރ. އުނިކޮށްފަ އެވެ.

މިނިސްޓަރު މައުސޫމް ވެސް ގަބޫލުކުރައްވަނީ މިނިމަމް ވޭޖަކަށް ލިބޭ 8،000ރ. އިން އެއްވެސް މީހަކަށް ދިރިއުޅުމުގެ ކަންކަން ހަމަނުޖެއްސޭނެ ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ އާއި ސާދާ ދިރިއުޅެއް އުޅެވޭނެ ވަރުގެ އުޖޫރައިގައި ތަފާތު ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް "މިހާރު"އަށް ވިދާޅުވީ އޭނާގެ އަމާޒަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަރާމު ދިރިއުޅެއް އުޅެވޭނެ ވަރުގެ އާމްދަނީއެއް ހޯދައިދިނުމަށް ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތުން ރިސޯޓުތަކުގެ މުވައްޒަފުން ހިމެނޭނީ އެންމެ ބޮޑެތި ވިޔަފާރީގެ ލިސްޓުގަ އެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖަކީ 8،000ރ. އެވެ.

"މީހުން ވަޒީފާ އަދާ ކުރަނީ އާމްދަނީއެއް ހޯދައިގެން އަރާމު ދިރިއުޅެއް އުޅެވޭ ވަރަށް. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަރާމު ދިރިއުޅުމެއް އުޅެފައި ޖީބުގައި ބާކީ ފައިސާ ހުންނަވަރުގެ އާމްދަނީއެއް ހޯދައިދޭން މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވި ގޮތުގައި އެ މަގު ފަހިކޮށްދިނުމަށް ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތަކަށް ދިވެހިން ހަމަޖައްސައި ޓޫރިޒަމް ދައިރާގެ ވިޔަފާރިއަށް ދިވެހިން އިތުރު ކުރަން އިސްކަން ދެއްވާނެ އެވެ.

މިނިމަމް ވޭޖު ތަންފީޒު ނުވާނެ ކަމަށް ބުނެ ފާޑު ކިޔާ ފަރާތްތަކަށް މައުސޫމް ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑަނޭޅޭނެ ކަމަށް ވެސް އޭރު ވާހަކަ ދެއްކި ކަމަށެވެ. އެކަމަކު އެކި ދާއިރާތަކަށް އަދަދުތައް ކަނޑައަޅައި ވޭޖް މިހާރު އިއުލާންކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިމަމް ވޭޖަށް އަމަލުކުރަން ޖެހޭނީ އަންނަ އަހަރުން ފެށިގެންނެވެ. މިއީ ތަންފީޒު ނުވާނެ ކަމެއް ކަމަށް ވެސް ވާހަކަ ދައްކާ ކަމަށާއި އެކަމަކު އަމަލު ކުރަން ނުފަށަނީސް އެގޮތަށް ވާހަކަދެއްކުމުގެ އެއްވެސް މާނައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް މިދިޔަ ހޯމަ ދުވަހު ވަނީ ކަނޑައަޅައިފަ އެވެ. ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭން ޖެހޭ އިރު މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ. ދޭން ޖެހޭނެ އެވެ. ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ. ދޭން ޖެހޭ އިރު ސިވިލް ސާވިސްގައި މަސައްކަތް ކުރަ މުވައްޒަފުންނަށް މަހަކު 7000ރ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ހަމަޖައްސާފައިވެ އެވެ.