Roadha Mihaaru
ކުލި ނުދައްކާ 18 ރިސޯޓަކަށް ނޯޓިސް ދީފިން: މައުސޫމް

ކުލި ނުދައްކާ 18 ރިސޯޓަކަށް ނޯޓިސް ދީފިން: މައުސޫމް

30 މެއި 2022

ބިމު ކުލި ނުދައްކާ 18 ރިސޯޓަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބިމު ކުލި ނުދައްކާ 18 ރިސޯޓަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ކުލި ނުދައްކާ ރިސޯޓުތަކާ ދޭތެރޭ އޮންނަ އުސޫލުގެ ތެރެއިން ނޯޓިސް ފޮނުވަމުން ގެންދާ ކަމަށާއި އޭގެ ތެރެއިން އެއް ރިސޯޓެއްގެ ލައިސެންސް ހިފެހެއްޓުމުގެ އިހުތިޔާރު ވެސް ޓޫރިޒަމް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ.

މިހާތަނަށް 18 ރިސޯޓަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިޔަސް އެއީ ލައިސެންސް ބާތިލް ކުރުމުގެ ނޯޓިސް ކަމެއް ނުވަތަ ކިހާ މުއްދަތެއް ކަމެއް ވިދާޅެއް ނުވެ އެވެ.

މައުސޫމް ވިދާޅުވިގޮތުގައި އިގްތިސާދަށް ވިސްނާއިރު މުއައްޒަފުންތަކެއްގެ ވަޒީފާ ގެއްލުވާލައި، ރިސޯޓެއް ބަންދު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫނެވެ. އެހެންވެ، އެ ރިސޯޓުތަކާ މަޝްވަރާ ކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބެންޏާ އަޅަން ޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ އަދި ދައުލަތުގެ ހައްގުގައި އަޅާނަން،" މައުސޫމް ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީގެ ބޮޑުބަޔަކީ ޓޫރިޒަމްގެ ފައިސާ ކަމަށް ވާއިރު، ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓު ކުލި ނުދައްކާ މައްސަލަ ބޮޑުވެފައި ވަނިކޮށް، ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ކުރިން އިސްލާހެއް ހުށަހެޅި އެވެ. އެކަމަކު، އެ އިސްލާހާއެކު ދައުލަތަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ގަވަރުނަރާއި މާލީ އިދާރާތަކުން ލަފާދިނުމާ ގުޅިގެން އެ އިސްލާހު އަނބުރާ ގެންދަން ވަނީ ނިންމައިފަ އެވެ.