Roadha Mihaaru
ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުމުގެ އުސޫލު ބަދަލުކުރަނީ

ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރަން ފީ ނެގުމުގެ އުސޫލު ބަދަލުކުރަން ހުށަހަޅައިފި

14 އޯގަސްޓް 2024

ޓޫރިސްޓް ރިޒޯޓްތައް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުގެ މުއްދަތު އިތުރުކުރަން ފީ ދެއްކުމުގެ މުއްދަތަށް ބަދަލުތަކެއް ގެންނަން ޓޫރިޒަމާބެހޭ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

ޓޫރިސްޓް ރިޒޯޓްތައް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުގެ މުއްދަތު އިތުރުކުރަން ފީ ދެއްކުމުގެ މުއްދަތަށް ބަދަލުތަކެއް ގެންނަން ޓޫރިޒަމާބެހޭ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށް ދެވޭނީ ފެށިގެން 50 އަހަރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންނެވެ. އަދި އެއަށް ވުރެ މުއްދަތު އިތުރު ކުރެވޭނީ ދެ އަހަރު ދުވަސް ތެރޭގައި ފައިސާ ދައްކައި ނިންމަން އެއްބަސްވާ ނަމަ، އިތުރުކުރާ ކޮންމެ އަހަރަކަށް 100،00 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ. އަދި ދެ އަހަރު ދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކައި ނިންމަން އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ. އަދި އޭގެ އިތުރުން ދެ އަހަރު ތެރޭގައި ފަސް މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން މިހާރު ޖެހެ އެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު ހުށަހެޅުއްވި އިސްލާހުގައި އެ މާއްދާ ބަދަލުކުރަން ވަނީ ހުށަހަޅައިފަ އެވެ.

އިސްލާހުގައިވާ ގޮތުން؛

- ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރަން އެއްބަސްވާ ނަމަ، މުއްދަތު އިތުރު ކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދެއްކުން.

- ހަ މަސް ދުވަހަށް ފަހު ފައިސާ ދައްކާ ހަލާސްކުރަން އެއްބަސްވާ ނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 އެމެރިކާ ޑޮލަރު ދެއްކުން.

މިހާރު ގާނޫނުގައި އޮތްގޮތުން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއް ނެތް ނަމަ 49 އަހަރު ދުވަހަށް އިތުރު ކުރެވިދާނެ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި 5،000،000 ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށް ލާޒިމުވެ އެވެ. އަދި 99 އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާ ފަރާތްތަކަށް މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން މިހާރު ޖެހެ އެވެ.

އެ މުއްދަތު ވެސް އިސްލާހު ކުރަން ވެސް ހުށަހަޅާފައިވެ އެވެ. އިސްލާހު ހުށަހަޅާފައިވަނީ ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައްކަން ޖެހޭނެ ގޮތަށް ހެދުމަށެވެ. އަދި ހަ މަސް ދުވަހަށް ފަހު ދައްކާނަމަ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަންޖެހޭ ގޮތަށް ހެދުމަށް ހުށަހަޅާފައިވެ އެވެ.