Roadha Mihaaru
ނުހެދި ހުރި 88 ރިސޯޓުން އަހަރަކު 26ބިލިއަން ގެއްލޭ

ނުހެދި ހުރި 88 ރިސޯޓުން އަހަރަކު 26 ބިލިއަން ރުފިޔާ ގެއްލޭ!

13 އޮކްޓޯބަރ 2023

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން 88 ރަށެއްގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން 1.7 ބިލިއަން ޑޮލަރު (26 ބިލިއަން ރުފިޔާ) ކޮންމެ އަހަރަކު އިގްތިސާދަށް ނުލިބި ގެއްލޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން 88 ރަށެއްގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން 1.7 ބިލިއަން ޑޮލަރު (26 ބިލިއަން ރުފިޔާ) ކޮންމެ އަހަރަކު އިގްތިސާދަށް ނުލިބި ގެއްލޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން" ގައި ވާ ގޮތުން ރާއްޖޭގެ ޓޫރިޒަމް ފުޅާވެ، ކުރި އަރަމުން އައި ނަމަވެސް، ހަދަން ފަށާފައި ހުރި، ނުނިމި އެތައް ރިސޯޓެއް އެބައޮތެވެ. އެ ރިސޯޓުތަކުގެ ސަބަބުން ޓޫރިޒަމްގެ ދާއިރާ އިން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަށްވެ، ރިސޯޓުތަކުން އުފެދެން ޖެހޭ ވަޒީފާތައް ނުއުފެދި ޓޫރިޒަމުން އިގްތިސާދުގެ އެހެން ދާއިރާތަކަށް ނުސީދާ ގޮތުން ލިބޭ މަންފާތައް ލިބުމަށް ހުރަސް އެޅޭ ކަން ރިޕޯޓުގައި ފާހަގަކުރި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އެންމެ ގިނަ ރިސޯޓުތައް ނުހެދި ހުއްޓިފައި ވަނީ، ކ. އަތޮޅުގައި ކަމަށެވެ. އެ އަތޮޅުގައި މަސައްކަތް ހުއްޓި، އޮޕަރޭޝަން ނުފެށި 29 ރިސޯޓެއް އެބަ އޮތެވެ. ރާއްޖޭގައި މިހާރު އެންމެ ގިނަ ރިސޯޓް ހިންގަނީ ވެސް ކ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ހިދުމަތް ދޭ ރިސޯޓުތަކުގެ އަދަދު 55 އަށް އަރަ އެވެ.

ރިސޯޓު ހެދުން ހުއްޓިފައިވާ ރަށްތައް ދެވަނަ އަށް އެންމެ ގިނައީ ގއ. އަތޮޅުގަ އެވެ. އެ އަތޮޅުގައި މަސައްކަތް ހުއްޓިފައި ވާ 10 ރަށް އެބަ އޮތެވެ. ލ. އަތޮޅުގެ ހަތް ރަށެއްގެ މަސައްކަތް ހުއްޓިފައި ވާއިރު ބ. އަތޮޅާއި ނ. ގައި ވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސް، ހިދުމަތް ދޭން ނުފަށާ އޮތް ފަސް ރަށް އެބަ އޮތެވެ.

ރާއްޖޭގައި މި ވަގުތު 173 ރިސޯޓެއް ހިންގަ އެވެ. ނުހެދި ހުރި ރިސޯޓުތަކާ މެދު ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައި ވެ އެވެ. މި ސަރުކާރުން ވެސް ވަނީ މި މައްސަލަ ހައްލު ކުރަން އެކި ފަހަރުތަކުގެ މަތިން މަސައްކަތްތަކެއް ކޮށްފަ އެވެ.