Roadha Mihaaru
ހޯމް ސްޓޭގެ ފައިދާ އިން ރަށް ކުރިއެރުވޭނެ: މިނިސްޓަރު

ހޯމް ސްޓޭއަކީ ފައިދާވާނެ، ރަށް ކުރިއެރުވެން އޮތް މޮޑެލްއެއް: މިނިސްޓަރު

16 އޮކްޓޯބަރ 2021

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ހަފުތާ ބަންދުތައް މިހާރު ހާއްސަ ކުރައްވަނީ ރަށްތަކަށެވެ؛ ހޯމް ސްޓޭގެ ވިޔަފާރި ތައާރަފުކޮށް، ފައިދާ ހޯދެން އޮތް ކަން ކިޔައި ދެއްވުމަށެވެ.

ފަޒީނާ އަހުމަދު ޅ. ނައިފަރުން ފަޒީނާ އަހުމަދު

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ހަފުތާ ބަންދުތައް މިހާރު ހާއްސަ ކުރައްވަނީ ރަށްތަކަށެވެ؛ ހޯމް ސްޓޭގެ ވިޔަފާރި ތައާރަފުކޮށް، ފައިދާ ހޯދެން އޮތް ކަން ކިޔައި ދެއްވުމަށެވެ.

ރަށްރަށަށް ޓޫރިޒަމް ފުޅާކުރަން މި ސަރުކާރުގެ ސިޔާސަތާ އެކު ރާއްޖޭގައި އަލަށް ތާއަރަފު ކުރަން އުޅޭ މި މޮޑެލްއަކީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނާ އެކު ޓޫރިސްޓުން ޗުއްޓީ ހޭދަކުރުމެވެ. މި ކަމަށް ހުރި ފުރުސަތުތަކާ ގުޅޭ މަޝްވަރާތައް މި ހަފުތާ ބަންދުގައި އޮތީ ޅ. އަތޮޅުގަ އެވެ.

މިނިސްޓްރީގެ ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޓީމަކާ އެކު ނައިފަރަށް އިއްޔެ ވަޑައިގެން މިނިސްޓަރު ވަނީ ހޯމް ސްޓޭގެ ފައިދާ އާއި އޮތް ފުރުސަތުތަކުގެ ވާހަކަ ދައްކަވައި ހިޔާލު ހޯއްދަވައިފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ޓޫރިޒަމް ދާއިރާ އިން ބައިވެރިވި އެވެ.

މިއީ، ރައްޔިތުންނަކީ ފުދުންތެރި، ރަށް ކުރިއެރުވޭނެ މޮޑެލްއެއް. -- މިނިސްޓަރު

މިނިސްޓްރީގެ އަމާޒަކީ އަންނަ ޖެނުއަރީން ފެށިގެން ރާއްޖެ އަށް ހޯމް ސްޓޭ ތައާރަފު ކުރުމެވެ.

"އަޅުގަނޑުމެން މި ދަނީ ތި ބޭފުޅުންގެ އަތަށް ބޯޅައެއް ދީފައި. އެ ބޯޅަ ތި ބޭފުޅުން ކުޅޭނެ ގޮތަކުން [ފައިދާވާން އެބައޮތް] އަޅުގަނޑުމެން މި ތިބީ އެ ފައިދާއަށް ފަހިކޮށްދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އަށް އަލަށް ތައާރަފުކުރާ މި މޮޑެލްގައި، ނައިފަރަށް ބެލިއަސް މި ރަށުގެ މެހްމާނު ދާރީއަކީ އެކަމަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މި ކޮންސެޕްޓަކީ އެންމެ ކުރިއްސުރެން ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތެއް ކަމަށާއި ކުރިން ރިޔަލު ދޯނިތަކުގައި ފުރައިގެން އެއް ރަށުން އަނެއް ރަށަށް ދިއުމުން ދެނީ ހިތް ހަލާސް ހިދުމަތެއް ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭރުއްސުރެން ދިވެހިންގެ ސަގާފަތެއްގެ ގޮތުގައި އޮތް މިކަން ފުޅާވަމުން އަންނައިރު، ޓޫރިޒަމް ދާއިރާގެ ތެރެއިން ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ބޭނުން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ބާރުތަކާ އެކު ހޯމް ސްޓޭގެ ޕްރޮޓެކްޓް ކޮންމެ ރަށެއްގައި ވެސް ކުރިއަށް ގެންދެވިދާނެ އެވެ. މިއީ، ރައްޔިތުންނަކީ ފުދުންތެރި، ރަށް ކުރިއެރުވޭނެ މޮޑެލްއެއް ކަމަށް ވިދާޅުވި އެވެ.

ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. ހަފުތާ ބަންދުތަކުގައި ރަށްތަކަށް ދަތުރުކުރައްވައި މިނިސްޓަރު ގެންދަވަނީ ހޯމް ސްޓޭގެ ފައިދާ ކިޔައި ދެއްވަމުން. -- ފޮޓޯ/ މިހާރު

ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. ހަފުތާ ބަންދުތަކުގައި ރަށްތަކަށް ދަތުރުކުރައްވައި މިނިސްޓަރު ގެންދަވަނީ ހޯމް ސްޓޭގެ ފައިދާ ކިޔައި ދެއްވަމުން. -- ފޮޓޯ/ މިހާރު

"ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އެކަން ކުރެވެން އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމް ސްޓޭގެ ފުރުސަތުތައް ކިޔައިދީ، އެކަން ކުރިއެރުވުމުގައި އެހީވާން ޓޫރިޒަމް މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށެވެ. ކައުންސިލްތައް ހުވާކުރުމާ އެކު ޖެހިގެން އައި ދުވަހު އެ މިނިސްޓްރީން އިސް ނަގައިގެން މަސައްކަތްތައް ފެށީ ބޮޑު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"ހޯމް ސްޓޭ ވިޔަފާރި، އޭގެ ޒާތުގައި ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނާ ހަމައަށް މި ގެނެވެނީ. އަޅުގަނޑުމެން ބޭނުންވޭ ބޭރު ފައިސާ, މިއީ އެއް މަގު," ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނައިފަރުގައި ވެސް ހޯމް ސްޓޭއަށް ފަހިވާނީ އެކެއް ނުވަތަ ދެ ހޮޓާ ތަރައްގީ ކުރެވިގެންނެވެ. މި ކޮންސެޕްޓްގައި އަންހެންގެ ދައުރު ބޮޑުކޮށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވުން މިހާރަށް ވުރެން ވެސް ބޮޑުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް ސްޓޭ ވިޔަފާރި، އޭގެ ޒާތުގައި ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނާ ހަމައަށް މި ގެނެވެނީ. އަޅުގަނޑުމެން ބޭނުންވޭ ބޭރު ފައިސާ, މިއީ އެއް މަގު. -- ޑރ. މައުސޫމް

ހޯމް ސްޓޭ ތައާރަފު ކުރުމުގެ ވާހަކައާ އެކު ޓޫރިސްޓުންގެ އަމަލުތައް ރަށުގެ ތެރޭގައި ރަނގަޅުވާނެތޯ ސުވާލު އުފައްދާ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރަނގަޅަށް ރެގިއުލޭޓް ކުރެވޭނެ ކަމަށެވެ. އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާ އިންތަކާއި މިންތަކަށް ޓޫރިސްޓުން އަމަލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހޯމް ސްޓޭއާ ގުޅޭ މަޝްވަރާތަކަށް ފަހު ޑރ. މައުސޫމް ވަނީ ނައިފަރުގައި ތިން ބުރީގެ ގެސްޓް ހައުސްއެއް ހުޅުއްވައި ދެއްވައިފަ އެވެ.