16 އޯގަސްޓް 2020
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މިހާރު މި އޮތް ގޮތުން ޗަމްޕާ ހުސެން އަފީފަށް ފެނިވަޑައިގަންނަވަނީ ވަރަށް ބޮޑު ގޮންޖެހުންތަކެކެވެ. މިއީ އޭނާ ވެސް ހީކުރެއްވި ފަދަ މަންޒަރެއް ނޫނެވެ. އެކަމަކު، ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ގިނަވަމުން ދިއުމުގެ ބިރާ އެކު، ޑިސެމްބަރު ހިސާބުގައި ވެސް ކުރީގެ ޓޫރިޒަމްއާ "ގާތަށް ވެސް ހިނގައިދާނެ" ކަމުގެ އުއްމީދު އޭނާއަކަށް ނެތެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މިހާރު މި އޮތް ގޮތުން ޗަމްޕާ ހުސެން އަފީފަށް ފެނިވަޑައިގަންނަވަނީ ވަރަށް ބޮޑު ގޮންޖެހުންތަކެކެވެ. މިއީ އޭނާ ވެސް ހީކުރެއްވި ފަދަ މަންޒަރެއް ނޫނެވެ. އެކަމަކު، ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ގިނަވަމުން ދިއުމުގެ ބިރާ އެކު، ޑިސެމްބަރު ހިސާބުގައި ވެސް ކުރީގެ ޓޫރިޒަމްއާ "ގާތަށް ވެސް ހިނގައިދާނެ" ކަމުގެ އުއްމީދު އޭނާއަކަށް ނެތެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ދިވެހި އެންމެ ބޮޑު އެއް އިންވެސްޓަރު އަފީފް، ފޯނުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާ ނަމަ އަންނަ ޑިސެމްބަރާއި އަންނަ އަހަރުގެ ޖެނުއަރީ މަހު ޓޫރިސްޓް އޮކިއުޕެންސީ "50 ޕަސެންޓަށް އެރިޔަސް އެ ވާނީ ކާމިޔާބީއަކަށް" ކަމަށެވެ.
ނަމަވެސް ކޮވިޑް-19ގެ ބަލިމީހުންގެ އަދަދު ރާއްޖޭގައި ކުއްލިއަކަށް މައްޗަށް ދާން ފެށުމާ އެކު، ކުރިން އުއްމީދުކުރި ގޮތާ ހިލާފަށް ޓޫރިޒަމަށް އެޅޭ ހިޔަނިން ސަލާމަތްވުމުގެ ބާރު "ދިވެހި ރައްޔިތުންގެ އަތްމަތީގައި އޮތް" ކަމަށް، އަފީފް ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި "މި ބަލީގެ ބޭސް" ރައްޔިތުންނަށް ވެސް އެނގެ އެވެ. އެއީ، ސިއްހީ ތަޖުރިބާކާރުން އަބަދުވެސް އިރުޝާދު ދެމުން އަންނަ ގޮތަށް، ސާފުތާހިރުކަމަށް އިސްކަން ދިނުމާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމަށް ކަމަށް ގަބޫލުކޮށް، ރާއްޖެއަކީ ކޮވިޑް-19 އިން ސަލާމަތްވެފައިވާ "ގްރީން ޒޯނަކަށް" ރައްޔިތުން މި ގައުމު ހަދައިފި ނަމަ، އޮތީ އުފާވެރި ދުވަސްތަކެއް ކަމުގެ އުއްމީދު ވެސް، އޭނާ ވަނީ ފާޅުކުރައްވައިފަ އެވެ.
"ރާއްޖޭގެ ހާލަތު ރަނގަޅުވިއްޔާ ޑިސެމްބަރު، ޖެނުއަރީގައި 50، 60 އަދި 70 ޕަސެންޓަށް ވެސް ހިނގައިދާނެ،" އަފީފް ވިދާޅުވި އެވެ.
"އެކަމަކު އެ ހައްލު އޮތީ ރައްޔިތުންގެ އަތްމަތީގައި. ރާއްޖޭގައި އަނެއްކާ އަލަށް ސާޖެއް [ކޮވިޑް-19 ގެ ބަލިމީހުންގެ އަދަދު މައްޗަށް ދިއުން] ފެށިގެން މި އުޅެނީ. އަމިއްލައަށް އަޅުގަނޑުމެން އެކަން ދެނެގަނެގެން ރައްކާތެރިވިއްޔާ މިކަން ނުފެތުރޭނީ. އޭރުން ޓޫރިޒަމަށް ވެސް ރަނގަޅުވާނީ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުން ފެށިގެން، ސަރުކާރުގެ އިސް ވެރިންނާއި ޓޫރިޒަމް ދާއިރާ އާއި އެހެން ވިޔަފާރިވެރިންގެ އިތުރުން ގިނަ އާންމުން ވެސް، މާޗުމަހު ހިސާބުގައި ގަބޫލުކުރީ "މިއީ އެންމެ ތިން މަހުގެ ނުރައްކަލެއް" ކަމަށެވެ. އެންމެން ހިތްވަރުކޮށްލަންވީ ގާތްގަނޑަކަށް "ކުރިއަށް އޮތް ތިން މަސް" ކަމަށް، މާޗު 25 ގައި، ރައީސް ވިދާޅުވި އެވެ.
އެކަމަކު ކޮނޯރާވައިރަސްގެ ފެތުރުން ކޮންޓްރޯލްކުރެވޭ ވަރެއް ނުވި އެވެ. ދުނިޔެ އަދިވެސް މި އޮތީ އެ ވައިރަސްގެ އަނދިރިކަމުގެ ތެރޭގަ އެވެ. އިގުތިސާދުތައް ހުޅުވި، ދަތުރުފަތުރު ރަނގަޅަށް ފެށި، އިންސާނުންގެ ބިރު ކެނޑޭނެ ދުވަހެއް ލަފާކުރަން އުނދަގޫ މިންވަރަށް، އެކި ގައުމުތަކުގެ ހާލަތު ގޯހެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް މިއޮތީ ހިމެނިފަ އެވެ.
ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓުން ޓޫރިސްޓުން ފައިބަނީ: ޓޫރިޒަމް އަދި ފެންނަނީ ބަނަކޮށް .-- ފޮޓޯ: ނިޝާން އަލީ /މިހާރު
ކޮރޯނާވައިރަސް އާއި އެ ވައިރަސް އިން ޖައްސާ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހަތަރު މަސް ހޭދަވެ، ޖުލައި މަސް ކުރިމަތިވި އިރު ބެލެވުނީ ނުރައްކަލުން އަރައިގަނެވުނީ ކަމަށެވެ. މާލޭގައި ބަލި ފެތުރެން ފެށުމުން ލޮކްޑައުންއަކަށް ގޮސް ކުރި މަސައްކަތުން ބަލީގެ މައްޗަށް އޭރު ގަދަވެވުނެވެ. އެހެންކަމުން ޖުލައި 1 ގައި، ލޮކްޑައުންއަށް ލުއިތައް ދިނެވެ. އެކަމަކު މިހާރު މި އޮތީ އެ ލުއިތަކުގެ ސަބަބުން ބަލި ފެތުރުން ބޮޑުވެ، ރާއްޖޭގެ އެހެން ރަށްރަށުން ވެސް ޕޮޒިޓިވް ކޭސްތައް ފެނުން އިތުރުވެފަ އެވެ. އެހެންކަމުން މިއީ ރައްޔިތުން ގުޅިގެން، ހިތްވަރުނުކޮށް ސަލާމަތްވެވެން ނެތް ބަލިމަޑުކަމެއްކަން ޔަގީނެވެ. އަދި އެންމެން އެކައްޗެއް ކިޔައިގެން ބަލި ކޮންޓްރޯލްކޮށްގެން ނޫނީ ޓޫރިޒަމަށް ދިރުން ގެނެވޭކަށް ވެސް ނެތެވެ.
އެކަމަކު ރާއްޖޭގެ އިގުތިސާދުގެ މައި އިންޑަސްޓްރީއަށް މިހާރުގެ ހާލަތުން ވަރަށް ބޮޑު ހިޔަންޏެއް އެޅިއްޖެ އެވެ. ޖުލައި 15 ގައި ބޯޑަރުތައް އަލުން ހުޅުވާލައި، ޓުއަރިސްޓުން އަންނަން ފެށުމަކީ އުފާވެރި ހަބަރަކަށް ވިޔަސް، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްނުކުރުވޭތީ ރިސޯޓްތަކަށް އޮތް ބިރު ކުޑައެއް ނޫނެވެ.
އަފީފްގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ރިސޯޓްތައް ސެޕްޓެމްބަރު 1 ގައި ހުޅުވަން ކުރިން ނިންމި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި "ކެންސަލޭޝަން ބޮޑުކަމުން" މިހާރުގެ ޕްލޭނަކީ ގިނަ ރިސޯޓްތައް ޑިސެމްބަރު ހިސާބުގައި ހުޅުވުމެވެ. މިއީ 3،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކުންފުންޏަށް ވެސް ބޮޑު ގެއްލުމެކެވެ.
އަފީފް ވިދާޅުވި ގޮތުގައި އަންނަން ތިބި ޓޫރިސްޓުންނަށް ރާއްޖޭގެ ހާލަތު ވަރަށް މުހިންމެވެ. ރިސޯޓްތައް ވަކިވަކިން އޮތް ނަމަވެސް އޭގެ އެޑްވާންޓޭޖް، ފަސޭހައިން ފެތުރޭ ބަލިމަޑުކަމެއްގައި، ރާއްޖެއަށް ވެސް ނޯންނާނެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ. އޭގެ މިސާލު ވެސް ދެއްކެވި އެވެ.
"ސުނާމީ ކަހަލަ ކަމެއްގައި ބައެއް ރިސޯޓްތައް ހަލާކުވިޔަސް، ދެން ހުރި ރިސޯޓްތަކަށް ޓޫރިސްޓުން އަންނާނެ. އެކަމަކު ބައްލަވާ މިކަހަލަ ބައްޔެއް ފެތުރެނިކޮށް، ކިހިނެއްތޯ ޔަގީންކަން އޮންނާނީ އެއާޕޯޓުން ބަލި ނާރާނެކަން،" އަފީފް ވިދާޅުވި އެވެ.
"އެއާޕޯޓުން، ދެން އަނެއްކާ ލޯންޗަށް ނޫނީ ސީޕްލޭންއަށް. [އެހެންކަމުން] މިއީ އެތައް ބައެއްގެ ތެރެއިން ކުރާ ދަތުރުތަކެއް."
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުން ބަލި ކޮންޓްރޯލްކުރަމުން އަންނަ ވަގުތެއްގައި ރާއްޖޭގެ ހާލަތު ވެސް ރަނގަޅުކޮށްގެން ނޫން ގޮތަކަށް، މި ބޮޑު ގެއްލުމުން އަރައެއް ނުގަނެވޭނެ އެވެ.
މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައި މި އޮތީ އިގުތިސާދީ ގޮތުން ބޮޑު ވެއްޓުމެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުގެ ތާރީޚުގައި ވެސް، މިގޮތަށް ހުރިހާ ރިސޯޓެއް ބަންދުކޮށް، އެއްވެސް އާމްދަނީއެއް ނުލިބޭ ހާލަތަކަށް ގޮސްފައެއް ނުވެ އެވެ. އެކަމަކު އަފީފް ވިދާޅުވި ގޮތުގައި ކަންކަން ރަނގަޅުވާނެ ކަމުގެ އުއްމީދު ދޫކޮށްލައިގެން ނުވާނެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިހާރު ވެސް ރާއްޖެއަކީ "ގްރީން ޒޯނެއް" ކަމަށް ދައްކައިފި ނަމަ ރާއްޖެ އަންނާނެ މީހުން ބައިވަރެވެ.
ބަލި ކޮންޓްރޯލްކޮށް "މިއީ ގްރީން ޒޯނެކޭ [ބަަލި ނެތް ތަނެއް] ބުނެވޭވަރު ކޮށްފިއްޔާ ރާއްޖެ އަންނާނެ މީހުން ބައިވަރު، އިނގޭތޯ. މިއީ މާ ބޮޑު ކަމެއް ނޫން. އަޅުގަނޑުމެންގެ އަތުގައި އެކަން ކުރެވެން އޮތީ،" ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކަށް އިޝާރަތްކުރައްވައި އަފީފް ވިދާޅުވި އެވެ.
"އެ ބާރު އޮއްވާ އަޅުގަނޑުމެން އެކަން ނުކުރުން ވާނީ ވަރަށް ދެރަ ކަމަކަށް."
އޭނާ ވިދާޅުވި ގޮތުގައި މިހާރު މި އޮތް ގޮތަށް ރާއްޖެ ކުރިއަށް ދާ ނަމަ ޑިސެމްބަރާއި ޖެނުއަރީ ހިސާބުގައި ވެސް ގިނަ ރިސޯޓްތައް އޮންނާނީ ބަންދުވެފަ އެވެ. އޭނާގެ އެންމެ ބޮޑު ބިރަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ. އެ ބަދުނަސީބާ ކުރިމަތިވެއްޖެ ނަމަ، އޭނާ ވިދާޅުވީ، ގިނަ ބަޔަކަށް މުސާރަ ދެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށެވެ.
ބޯޑަރު އަލުން ހުޅުވާލަން ޖުލައި 15 ގައި ބޭއްވި ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުން ބައިވެރިވަޑައިގަންނަވަނީ: ރާއްޖޭގެ ހާލަތު ރަނގަޅުނުކޮށް، ޓޫރިޒަމްގެ އިންޖީނު ރޮލެއް ނުކުރެވޭނެ - ފޮޓޯ: ނިޝާން އަލީ /މިހާރު
"އަޅުގަނޑު އެންމެ ބިރުގަންނަ ކަންތައް އެއީ. މިހާ ހިސާބަށް އަޅުގަނޑުމެން މިއައީ 30 ޕަސެންޓް، 50 ޕަސެންޓް އުނިކޮށްފައި ވެސް މުސާރަ ދެމުން. އެކަމަކު ޑިސެމްބަރު، ޖެނުއަަރީގައި ރިސޯޓްތައް ބަންދުކުރާ ނަމަ ދެން ކިހިނެއްތޯ ހަދާނީ؟" އަންނަން ތިބި ޓޫރިސްޓުންނަށް ރާއްޖޭގެ ބަލީގެ ހާލަތު ގޯސްކޮށް ފެނިއްޖެ ނަމަ ކުރިމަތިވާނެ ދަތި ހާލަށް އިޝާރާތް ކުރައްވަމުން އަފީފް ވިދާޅުވި އެވެ.
ޓޫރިޒަމް ހިނގައިނުގަނެ ރާއްޖޭގެ އިގުތިސާދުގެ އިންޖީނު ބާރެއް ނުކުރެވޭނެ އެވެ. އެއީ ހަގީގަތެވެ. އެކަމަކު އެ އިންޖީނު ހިންގޭނީ ކޮވިޑް-19ގެ ބަލި ރާއްޖޭގައި ކޮންޓްރޯލްކުރެވިގެންނެވެ. ރައްޔިތުންގެ އަތްމަތި ދަތިވެ، ސަރުކާރު ފައިސާއަށް ޖެހި، ހާލަތު ގޯހުން ގޯހަށް ދިއުން ހުއްޓުވަން، އާ އަަޒުމަކާ އެކު މަސައްކަތް ނުފަށައި، ހަމައެކަނި އުއްމީދު ކުރިޔަކަސް، މި އަޑިގަނޑުން އަރައިގަނެވޭކަށް އަދި ނެތެވެ.
އަފީފް ވިދާޅުވި ގޮތަށް "އެ ބޭސް އޮތީ އަޅުގަނޑުމެންގެ އަތުގަ" އެވެ. ރާއްޖެއަކީ ޓޫރިސްޓުންނަށް "ގްރީން ޒޯނެއް"ގެ ގޮތުގައި ދައްކައިދިނުމާ އެކު، ޓޫރިސްޓް އެނދުތައް ފުރާލެވިދާނެ އެވެ. އެކަމަކު މިހާރު މި އޮތީ އެ ހާލަތު ނޫންކަން ޔަގީނެވެ. ޓޫރިޒަމަށާއި މުޅި ގައުމަށް އޮތް ހިތާމައަކީ ވެސް އެ އެވެ.
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި 88 ރިސޯޓުން އަހަރަކު 26ބިލިއަން ގެއްލޭ
ޓޫރިޒަމަށް ހަތަރު ބިލިއަންގެ އިންވެސްޓްމަންޓް ހޯދާނަން:މުއިއްޒު
ހަ މަސް ތެރޭގައި ކުރީގެ ހާލަތަށް ދެވޭނެ: އަފީފް
ހޯމް ސްޓޭގެ ފައިދާ އިން ރަށް ކުރިއެރުވޭނެ: މިނިސްޓަރު
ޓޫރިޒަމް ހީކުރި ގޮތަކަށް ނޫން، ހުރަސްތައް ގިނަ
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި