18 ފެބުރުއަރީ 2022
ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ސަރުކާރުން ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި، ޓޫރިސްޓުންނަށް ކިޔާފައިވާ މަރުހަބާއާއެކު، ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ކުރީގެ ހާލަތަށް ޓޫރިޒަމް ދާއިރާ ރުޖޫއަ ކުރެވޭނެ ކަމަަށް ޓޫރިޒަމްގެ އެއް ބާނީ އަދި ކްރައުން ކޮމްޕެނީގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ސަރުކާރުން ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި، ޓޫރިސްޓުންނަށް ކިޔާފައިވާ މަރުހަބާއާއެކު، ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ކުރީގެ ހާލަތަށް ޓޫރިޒަމް ދާއިރާ ރުޖޫއަ ކުރެވޭނެ ކަމަަށް ޓޫރިޒަމްގެ އެއް ބާނީ އަދި ކްރައުން ކޮމްޕެނީގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެ އެވެ.
"...ސަރުކާރުން ވެސް އަޅުގަނޑުމެންނަށް ބޭންކުން ލާރި ހަމަޖައްސައިދިން. މި ގޮތަށް އޮކިއުޕެންސީ އޮންނަ ނަމަ ކުރިއަށް އޮތް ހައެއްކަ މަހުން ކުރީގެ ހާލަތަށް ކެޗަޕް ކުރެވޭނެ، ބޭންކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން،" މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޓޫރިޒަމްގެ އޮކިއުޕެންސީ މި ވަގުތު އުޅެނީ 70 ޕަސެންޓްގަ އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ މަތިވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު ފެށުނު ފަހުން ދުވާލަކު އެވްރެޖުކޮށް 4،300 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރެ އެވެ.
މި މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ވެސް 171،982 ޓޫރިސްޓުން އައިސްފައި ވެ އެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު 2020 ވަނަ އަހަރު އަލުން ހުޅުވި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ޓޫރިސްޓުން އައީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 7،668 ޓޫރިސްޓުން އައި ކަމަަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެ އެވެ.
ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި އަޑިގުޑަންތަކުން އަރައިގަތުމަށްޓަކައި ސަރުކާރު މެދުވެރިވެ، އެކި ވިޔަފާރިތަކަށް ވަނީ ލޯނު ހަމަޖައްސައިދީފަ އެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ އަށް ހާއްސަ އިސްކަމެއް ދިނެވެ.
ޗަމްޕާ އަފީފް މިދިޔަ ބުދަ ދުވަހު "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޓޫރިޒަމް ވިޔަފާރީގައި މިދިޔަ 50 އަހަރު އެންމެ ބޮޑު ގެއްލުމެއް ވީ ކޮވިޑާ ގުޅިގެން ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ޓޫރިޒަމްގެ ވިޔަފާރީގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވީ ކޮވިޑްގެ ހާލަތު މުޅި ދުނިޔެ އާއި ރާއްޖޭގައި ވެސް އެންމެ ބޮޑަށް ގޯސްވި ދުވަސްވަރު ކަމަށާއި އެކަމަކު މި ސަރުކާރުގެ ރޭވުންތެރިކަމުން އެކަމުން މިހާރު އަރައިގަނެވޭނެ މަގުފަހިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރީގައި ބޮޑު ގެއްލުމެއް ލިބުނުއިރު، އެއީ ޓޫރިޒަމްގެ މިދިޔަ 50 އަހަރުގައި ވެސް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށެވެ.
އަފީފް ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށްޓަކައި ރާއްޖޭގެ ބޯޑަރު ސަރުކާރުން ވަރަށް އަވަހަށް ހުޅުވައިލުމަކީ އެޅި އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 2020 ގަ އެވެ. އެ އަށް ފަހު ބޯޑަރު އަލުން ހުޅުވައިލީ އެ އަހަރުގެ ޖުލައި މަހު އެވެ. ސަރުކާރުގެ އެ ނިންމުމަށް ގިނަ ބަޔަކު މިހާރު ވެސް ތައުރީފު ކުރާއިރު، ރާއްޖެއަކީ ކޮވިޑާއެކު އިގްތިސާދު އަލުން ހިންގުމަށްޓަކައި ދުނިޔޭގައި ވެސް އެންމެ އަވަހަށް ބޯޑަރު އަލުން ހުޅުވައިލި އެއް ގައުމެވެ.
އަފީފް ވިދާޅުވިގޮތުގައި، އޭރު ބޯޑަރު ނުހުޅުވި ނަމަ ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތަށް ގެންދިއުމަށް ދަތިވީހެވެ.
ގިނަ ކުންފުނިތަކެއްގެ ހިއްސާއާއެކު ޓޫރިޒަމްގެ ވިޔަފާރި ކުރައްވާ އަފީފް ވިދާޅުވީ ރާއްޖެ އަށް ކޮވިޑް ފެތުރުނުއިރު، ވިޔަފާރީގައި ބޮޑެތި އިންވެސްޓްމެންޓްތަކެއް އޭނާ ކުރައްވާފައިވާއިރު، މިފަދަ ބޮޑު ކާރިސާއަކަށް މާލީ ގޮތުން އޭރު ތައްޔާރުވެފައި ނެތް ކަމަށެވެ. އެކަމަކު، ދެން މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކަން ކުރާނެ ގޮތް މިހާރު ވަރަށް ރަނގަޅަށް ދަސްވެއްޖެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެހާއި މިހާރުގެ ހާލަތު އެންމެ ގާތުން ތަޖުރިބާ ކުރައްވާ އަފީފް "މިހާރު" ގެ ނޫސްވެރިންނާ މިދިޔަ ބުދަ ދުވަހު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިދިޔަ އަހަރު ވެސް 60 މިލިއަން ޑޮލަރު ވާނެ އިންވެސްޓްކޮށްފައި. މި ވަރުގެ ބޮޑު ރިސްކެއް މި ނަގަނީ. ބޭންކުން ބޮރޯ ކޮށްގެން މި ކަންކަން ކުރަނީ. އަނބުރާ ދައްކަން ވެސް ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ، ޓޫރިޒަމް ވިޔަފާރީގައި އުޅުއްވާ ބޭފުޅުން ނަންގަވާ "ރިސްކް ފެކްޓާ" ވިސްނައިގަތުމަށް ގިނަ ބަޔަކަށް އެހާ ފަސޭހައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު [ތިން ބިލިއަން ރުފިޔާ] ގެ ދަރަނި ބޮލުގައި އަޅައިގެން އުޅެން ޖެހޭއިރު ކޮވިޑާ ގުޅިގެން ވިޔަފާރި ހުއްޓުމުން ގޮތް ހުސްވި ކަމަށެވެ.
އަފީފު ހިންގާ ރިސޯޓުތަކުގައި 3،000 މުވައްޒަފުން ތިބޭ އިރު އެ މީހުންނަށް މުސާރަ ދިނުމުގައި އޭނާ އަށް ވެސް ދަތިތަކެއް ކުރިމަތިވި އެވެ. ސީދާ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 50 ޕަސެންޓްގެ މުސާރަ ދިން އިރު ރިސޯޓުން ބޭރުގައި ތިބި މުވައްޒަފުންނަށް ދިނީ 30 ޕަސެންޓެވެ.
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ހަނިމާދޫ އެއާޕޯޓުން ފައިދާވާން 8،000އެނދު ބޭނުންވޭ
ޓޫރިސްޓުން އިތުރަސް އާމްދަނީން 3 ބިލިއަން ގެއްލިއްޖެ
ކްރިޕްޓޯ ފައިސާއަށް ހުއްދަ ނުދޭތީ ސަލީމުގެ ނުރުހުން
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!
20 ޕަސެންޓަށް އޮކިއުޕަންސީ ވެއްޓި ރިސޯޓްތައް ފުނޑެނީ