Roadha Mihaaru
ކްރިޕްޓޯ ފައިސާއަށް ހުއްދަ ނުދޭތީ ސަލީމުގެ ނުރުހުން

ކްރިޕްޓޯ ކަރަންސީއަށް ހުއްދަ ނުދޭތީ ބަންދު ސަލީމުގެ ނުރުހުން އެމްއެމްއޭއަށް

15 ސެޕްޓެމްބަރ 2022

ޓޫރިޒަމްގެ ދާއިރާ ފުޅާކުރަން ރާއްޖޭގައި ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯ ކަރަންސީ ބޭނުން ކުރަން އަވަހަށް ފެށުން މުހިއްމު ކަމަށް ސަރުކާރުގެ ގިނަ ކުންފުނިތަކެއް ހިންގުމުގައި އިސްކޮށް އުޅުއްވި އަދި ޓްރެވަލް އޭޖެންސީ ސީޕްރިއާގެ ފައުންޑާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ކުނރުބާ މޯލްޑިވްސް އިން ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމްގެ ދާއިރާ ފުޅާކުރަން ރާއްޖޭގައި ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯ ކަރަންސީ ބޭނުން ކުރަން އަވަހަށް ފެށުން މުހިއްމު ކަމަށް ސަރުކާރުގެ ގިނަ ކުންފުނިތަކެއް ހިންގުމުގައި އިސްކޮށް އުޅުއްވި އަދި ޓްރެވަލް އޭޖެންސީ ސީޕްރިއާގެ ފައުންޑާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވެއްޖެ އެވެ.

ކުރުނބާގައި މިއަދު ކުރިއަށްދާ ރިސޯޓް ޖެނެރަލް މެނޭޖަރުންގެ ފޯރަމްގައި ސަލީމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ކްރިޕްޓޯ ކަރެންސީ ތައާރަފް ނުވާންވީ ސަބަބެއް ނުވިސްނޭ ކަމަށާއި މިފަދަ ޒަމާނީ ކަންކަމުގައި މަރުކަޒީ ބޭންކް އެމްއެމްއޭ ފަހަތުގައި އުޅޭތީ ހިތާމަ ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކްރިޕްޓޯ ކަރަންސީ ބޭނުން ކުރުމާ ގުޅޭ ގޮތުން އިންޑިއާ، ސިންގަޕޫރު، ޗައިނާ އާއި މެލޭޝިއާ ފަދަ ގައުމުތަކުން ގާނޫނާއި ގަވައިދުތައް އެކުލަވައިލި އިރު އެކަން ރާއްޖޭގައި ކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

"މިކަމަށް އަަވަހަށް ހައްލެއް ހޯދަން ޖެހޭ. އެހެން ނޫނީ ރާއްޖެއަށް މުހިއްމު ފުރުސަތުތަކެއް ގެއްލިދާނެ،" އޭނާ ވިދާޅުވި އެވެ.

ޖީއެމް ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ރިފާތު ޖަލީލު ވާހަކަދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޖީއެމް ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ރިފާތު ޖަލީލު ވާހަކަދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސަލީމް ވިދާޅުވީ ހިދުމަތް ހޯދާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ޗޮއިސް ދޭން ޖެހޭ ކަމަށެވެ. ކަސްޓަމަރުން ފައިސާ ދައްކާނެ ގޮތްތައް ލިމިޓް ކުރުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރޮސްރޯޑުގައި ހިންގާ ހާޑް ރޮކް އާއި ސައި ލެގޫން ރިސޯޓުން ވަނީ ހިދުމަތް ހޯދުމުގައި ބައެއް ކްރިޕްޓޯ ކަރަންސީތައް ބޭނުން ކުރެވޭނެކަމަށް މިދިޔަ އަހަރު ބުނެފަ އެވެ. އެހެން ނަމަވެސް އެމްއެމްއޭއިން ވަނީ އެކަން ހުއްޓުވާފަ އެވެ.

މިއަދުގެ ޕެނަލްގައި ބައިވެރިވި ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ޗެއާމަން ރިފާތު ޖަލީލު ވިދާޅުވީ، ގައުމުގެ މަރުކަޒީ ބޭންކްތަކުން ކްރިޕްޓޯ ކަރަންސީއަށް އެހާ ބޮޑަށް އަހުލުވެރި ނުވި ނަމަވެސް ރާއްޖޭގައި އެފަދަ ނިޒާމެއް ގެންނަން ޖެހޭ ކަމަށެވެ. ސަބަބަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަކީ އެންމެ ފަހުގެ މާލީ ކަންކަމަށް އަހުލުވެރިވެފައިވާ މީހުން ކަމަށާއި އެހެންކަމުން ޑިޖިޓަލް ފައިސާ ބޭނުން ކުރަން ޖެހޭ ކަމަށެވެ.

"މާލީ ކަންކަމުގެ މުސްތަގްބަލް ބިނާ ކުރެވެން އޮތީ ކްރިޕްޓޯއަށް. އެހެންވީމަ އެ ބޭނުން ކުރެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޑިޖިޓަލް ކަރަންސީއަށް ދުނިޔޭގައި މަގްބޫލުކަން އިތުރުވަމުން އަންނަ އިރު ގިނަ ގައުމުތަކަކުން އަންނަނީ ކްރިޕްޓޯ ކަރަންސީ ބޭނުން ކުރެވޭނެ އުސޫލުތައް އެކުލަވައިލަމުންނެވެ. ކްރިޕްޓޯ ކަރަންސީއަކީ އެއްވެސް ބައެއްގެ ކޮންޓްރޯލެއް އޮންނަ ފައިސާއެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ޑިޖިޓަލް ފައިސާއަށް އޮތް ޑިމާންޑް ބޮޑުވެ، އަގުތައް އަންނަނީ އުފުލެމުންނެވެ.