Roadha Mihaaru
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 67 ޕަސެންޓު ދަށަށް

ރާއްޖެ އަށް މިދިޔަ އަހަރު ޓޫރިސްޓުން އައި އަދަދު 67 ޕަސެންޓު ދަށަށް

31 ޖެނުއަރީ 2021

ރާއްޖެ އަށް މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު 2019 އާ އަޅާ ބަލާއިރު 67 ޕަސެންޓު ދަށްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު 2019 އާ އަޅާ ބަލާއިރު 67 ޕަސެންޓު ދަށްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ރާއްޖެ އަށް އައީ 555،213 ޓޫރިސްޓުންނެވެ. އެކަމަކު، އޭގެ ކުރީ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރީ 1.7 މިލިއަން ޓޫރިސްޓުންނެވެ.

ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު ދަށްވެފައި ވަނީ ކޮވިޑް-19ގެ ސަބަބުން ހަތަރު މަސް ދުވަސް ވަންދެން ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް މެދުކަނޑައިލުމަކީ ވެސް ޓޫރިސްޓުން އައި އަދަދު ދަށްވުމުގެ ސަބަބެކެވެ.

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ، ޗައިނާ އިން ކުރަމުން އައި ދަތުރުތަށް މިދިޔަ އަހަރު މެދުކަނޑައިލި ގޮތަށް އަދި ވެސް ދަތުރުތައް އަލުން ނުފަށަ އެވެ. ނަމަވެސް އެ ގައުމުގެ ބޯޑަރު ހުޅުވާލުމާއެކު، ރާއްޖެ އަށް ޓޫރިސްޓުން ގެންނަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ޗައިނާގައި މިހާރު ވެސް ރާއްޖެ އިޝްތިހާރު ކުރަން ތަފާތު ހަރަކާތްތައް ރާއްޖެ އިން ކުރިއަށް ގެންދެ އެވެ.

އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓު ރިޕޯޓުން ދައްކާގޮތުން، މިދިޔަ އަހަރު ޓޫރިސްޓުން އައި އަދަދު 67 ޕަސެންޓު ދަށްވިއިރު، ޓޫރިސްޓް ބެޑް ނައިޓުގެ އަދަދު ވެސް ވަނީ 63 ޕަސެންޓަށް ދަށްވެފަ އެވެ. ނަމަވެސް 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ދުވަހުގެ އަދަދު ވަނީ 18.5 ދުވަހަށް އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ލަފާކުރީ 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓޫން އަންނާނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ އަދަދު 500،000 އަށް ދަށްވާނެ ކަމަށް ފަހުން ލަފާ ކުރި އެވެ.

އެ މިނިސްޓްރީން ލަފާކުރާގޮތުގައި މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް އަންނާނެ އެވެ.