Roadha Mihaaru
ޝަންގްރިއްލާ ހުޅުވާ ދުވަހަކީ މިނިސްޓަރަށް ބޮޑު ދުވަހެއް

ޝަންގްރިއްލާ އަލުން ހުޅުވާ ދުވަހަކީ މިނިސްޓަރަށް ބޮޑު ދުވަހެއް

16 މެއި 2022

އެންމެ އުފާވާނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހުޅުވާ ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެންމެ އުފާވާނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހުޅުވާ ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ޝަންގްރިއްލާ ރިސޯޓް ބަންދުކުރި ފަހުން މިއަދާ ހަމައަށް ވެސް އެ ރިސޯޓު އޮތީ ނުހުޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ސަރުކާރުން އެ ކުންފުންޏާ އެކު އެގްރީމަންޓުތައް ހަދާފައި ހުރި ގޮތުން ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށާއި އެ ކުންފުންޏަށް 68 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ދައްކަން ޖެހިފައިވާ ކަމަށެވެ.

ޓޫރިޒަމް ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުން އެ މައްސަލަ ހައްލުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"[އެކަމަކު އެ ރިސޯޓް ހުޅުވޭނެ] ސީދާ ތާރީހެއް ދަންނަވަން ވަރަށް ބޭނުންވިޔަސް ނޭނގެ. އަޅުގަނޑަށް އެންމެ ބޮޑު އުފަލެއް ލިބޭނީ ޝަންގްރިއްލާ ހުޅުވިގެން،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް އަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝަންގްރިއްލާ އާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވޭ ކަމަށާއި ނަމަވެސް ފެންނަނީ އެ މަސައްކަތް ނުވެފައި އޮންނަތަން ކަމަށެވެ.

ޓޫރިޒަމް ގާނޫނަށް ގެންނަ ކޮންމެ އިސްލާހެއް ވެސް ގުޅިފައި އޮންނަނީ ތާށިވެފައި އޮންނަ ކޮންމެވެސް މައްސަލައަކާ ކަމަށާއި ނަމަވެސް ގާނޫނު އިސްލާހު ކުރުމުން ވެސް މައްސަލަތައް ހައްލު ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޝަންގްރިއްލާ ރިސޯޓުގައި ސަރުކާރުގެ 30 ޕަސަންޓު އޮވެ، ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި ގިނަ ދުވަސް ވާތީ ދައުލަތުން ވަނީ ހިއްސާ ދޫކޮށްލަން ނިންމައިފަ އެވެ. ޓޫރިޒަމް ގާނޫނު އިސްލާހު ކުރަނީ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑަށް ގަނެވޭ ގޮތަށް މަގުފަހި ކުރުމަށެވެ.

މައުސޫމް މީގެ ކުރިން ވިދާޅުވެފައި ވަނީ ހިއްސާ ދޫކޮށްލެވޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށް ފަހު ހިއްސާ ދޫކޮށްލައި، މި އަހަރުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓު ހުޅުވާނެ ކަމަށެވެ.