Roadha Mihaaru
ރިސޯޓުތަކުގެ ހިދުމަތްތައް ޗެކްކުރަން ފަށަނީ

ރިސޯޓުތަކުގެ ހިދުމަތްތައް ޗެކްކުރަން ފަށަނީ

17 ޖެނުއަރީ 2019

ރިސޯޓްތަކުގައި ދޭ ހިދުމަތްތައް ޓޫރިޒަމް މިނިސްޓްރީން އިންސްޕެކްޓް ކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިސޯޓްތަކުގައި ދޭ ހިދުމަތްތައް ޓޫރިޒަމް މިނިސްޓްރީން އިންސްޕެކްޓް ކުރަން ނިންމައިފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، ޓޫރިޒަމްގެ ފެސިލިޓީތަކުގައި އަމަލުކުރުމަށް ރަނގަޅު އުސޫލުތަކެއް ހުރި ނަމަވެސް އެ އުސޫލުތަކުގެ ތެރެއިން އެންމެ ފުރިހަމަ އަށް އިންސްޕެކްޓް ކޮށްފައި ނެތް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ ތެރެއިން ކުރިއަށް އޮތް ހަ މަހާއި އަށް މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ހުރިހާ ތަނެއް އިންސްޕެކްޓް ކުރާނެ ކަމަށް އަލީ ވިދާޅުވި އެވެ.

"ހުރިހާ ރިސޯޓެއް، ހުރިހާ ގެސްޓްހައުސެއް، ހުރިހާ ހޮޓަލެއް ހުރިހާ ސަފާރީއެއް ބެލިގެންދާނެ. ކޮށްފަ ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން،" އަލީ ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ނުވަ ޓޫރިސްޓުންނާއި ތިން ރިސޯޓު މުވައްޒަފަކު މަރުވެފައިވާ އިރު ޓޫރިސްޓުންގެ ގިނަ ބަޔަކު މަރުވެފައި ވަނީ ހިތާމަވެރި ހާދިސާތަކުގަ އެވެ. މީގެ އިތުރުން ދެ ރިސޯޓެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފަ އެވެ.

ގިލިލަންކަން ފުށީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގެ މުވައްޒަފުންނާއި މެނޭޖްމެންޓުގެ އިތުރުން ކައިރީގައި ހުރި ރިސޯޓުތަކުގެ އެހީތެރިކަމާ އެކު ވަރަށް ފުރިހަމަ އަށް އެ ހާލަތުގައި އަމަލުކޮށްފައި ކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިނިސްޓްރީގައި އޮންނަ އުސޫލުގެ ތެރެއިން އިންސްޕެކްޓްތައް ކުރިއަށް ގެންދާ ކަމަށެވެ. އެހެން ނަމަވެސް އުސޫލުތަކުގެ ތެރެއިން ރިސޯޓުތަކުގައި ކަމެއް ހިނގާ ހިނދަކު އެކަމެއް ވީ އެންމެ އަވަހަކަށް ޓޫރިޒަމް މިނިސްޓްރީ އަށް އެނގެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިންސްޕެކްޓް ކުރުމުގެ އިތުރުން މިހާރު އެކުލަވާލެވިފައިވާ ގަވައިދުތައް މުރާޖާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފަޔާ ރެގިއުލޭޝަނާއި ސޭފްޓީ ރެގިއުލޭޝަނާއި ވޯޓާ ސްޕޯޓްސް ރެގިއުލޭޝަނުގެ އިތުރުން ރިސޯޓް ރެގިއުލޭޝަނާއި ޓްރެވެލް އޭޖެންސީ ރެގިއުލޭޝަނާއި ގެސްޓްހައުސް ގަވައިދުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.

މި އުސޫލުތައް އިސްލާހު ކުރުމުގައި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުމުގެ އިތުރުން އާންމުންގެ ހިޔާލު ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.