Roadha Mihaaru
މިވަގުތު ރާއްޖޭގައި ތިބީ ހާހެއްހާ ޓޫރިސްޓުން

މިވަގުތު ރާއްޖޭގައި ތިބީ ހާހެއްހާ ޓޫރިސްޓުން: މިނިސްޓަރު

09 އެޕްރީލް 2020

ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ހެދި، ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، 27 ރިސޯޓެއްގައި ހާހެއްހާ ޓޫރިސްޓުން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ހެދި، ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، 27 ރިސޯޓެއްގައި ހާހެއްހާ ޓޫރިސްޓުން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، މިދިޔަ މަހުގެ 28 ން ފެށިގެން ރާއްޖެ އަށް އޮން-އެރައިވަލް ވިސާ ދޫކުރުން ވަނީ ހުއްޓާލައިފަ އެވެ. އަދި ދުނިޔޭގައި ދަތުރުފަތުރު ކުރުން ވަރަށް ބޮޑަށް މަދުވުމާ އެކު، ރާއްޖެ އަށް މިހާރު ޓޫރިސްޓުން އައުން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފަ އެވެ.

މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ޓޫރިޒަމް މިނިސްޓްރީން އެއްކޮށްފައިވާ ތަފާސްހިސާބުތާ ހަވާލާ ދެއްވައި އަލީ ވިދާޅުވީ، ރިސޯޓުތަކުގައި މި ވަގުތު ތިބީ 938 ޓޫރިސްޓުން ކަމަށެވެ.

ތަފާތު ސަބަބުތަކާ ގުޅިގެން، ގާތްގަނޑަކަށް 200 ޓޫރިސްޓުން ފުރޭ ގޮތް ނުވެފައި އެބަތިއްބެވެ. އެ މީހުން ބަލަހައްޓަނީ އަލީ ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީންނެވެ.

އޭނާ ވިދާޅުވީ، މިހާރު ރާއްޖޭގައި ތިބި ޓޫރިސްޓުންގެ ތެރޭގައި ގިނައީ ގައުމަށް އަނބުރާ ދާން ބޭނުން ނުވެ، މި ހާލަތުގައި ރާއްޖޭގައި ތިބެން ބޭނުންވެފައި ތިބި މަހުޖަނުން ކަމަށެވެ.

"މިހާރު ރިސޯޓުތަކުގެ ރޭޓުތައް އުޅެނީ ދުވާލަކަށް 300 ޑޮލަރާއި 900 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި. ޕްރައިވެޓް އައިލެންޑްތައް އެބައުޅޭ ދުވާލަކަށް 3،000 ޑޮލަރުގެ ވެސް،" އޭނާ ވިދާޅުވި އެވެ.

ލަގްޒަރީ ރިސޯޓުތަކުގެ ގޮތުގައި މަޝްހޫރު ގިނަ ރިސޯޓުތަކުގެ އަގުތައް ދަށްވެފައިވާ އިރު، ކޮވިޑް-19 ގެ ހާލަތުގެ ކުރިން ރާއްޖޭގައި ހިންގާފައިވް ސްޓާ ރިސޯޓުތަކުގެ އަގު އެވްރެޖުކޮށް އުޅުނީ 1،500 ޑޮލަރާއި 3،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ އިތުރުން އެންމެ މަތީ ފަންތީގެ ޕްރައިވެޓް އައިލެންޑްތަކުގެ އަގު 10،000 ޑޮލަރުން މަތީގައި ވެސް އުޅުނެވެ.

ޓޫރިޒަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ގާތްގަނޑަކަށް 70 ޕަސެންޓް ކަމަށް ވިޔަސް ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރާނެ ދާއިރާއަކީ މިއީ އެވެ. މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއްވެސް ވަރަކަށް ޓޫރިސްޓުން ނާންނަ ނަމަ، އިގްތިސާދު މައިނަސް 17 ޕަސެންޓަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާ ކުރެ އެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ޓޫރިޒަމް ދާއިރާ އަށް ހައްލުތަކެއް ގެނައުން މުހިއްމު ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވެ އެވެ.