Roadha Mihaaru
ވަކިކުރީ ފޭސްބުކް ޕޭޖް ހިންގާކަމުގެ ތުހުމަތުގައި!

ވަޒީފާއިން ވަކިކުރީ ފޭސްބުކް ޕޭޖް ހިންގާކަމުގެ ތުހުމަތުގައި!

30 ޑިސެމްބަރ 2019

ހދ. އަތޮޅު ހޮނޑާފުށި ރިސޯޓުގެ ވަޒީފާ އިން އޭނާ ވަކިކުރީ ފޭސްބުކް ޕޭޖެއް ކަމަށް ވާ ރިސޯޓް ބޯއީޒް މޯލްޑިވްސް ހިންގާކަމުގެ ތުހުމަތުގައި ކަމަށް، ރޭ އެ ރަށުން ފޮނުވާލި މުވައްޒަފު މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހދ. އަތޮޅު ހޮނޑާފުށި ރިސޯޓުގެ ވަޒީފާ އިން އޭނާ ވަކިކުރީ ފޭސްބުކް ޕޭޖެއް ކަމަށް ވާ ރިސޯޓް ބޯއީޒް މޯލްޑިވްސް ހިންގާކަމުގެ ތުހުމަތުގައި ކަމަށް، ރޭ އެ ރަށުން ފޮނުވާލި މުވައްޒަފު މިއަދު ބުނެފި އެވެ.

ރިސޯޓްގެ ސެކިއުރިޓީއެއްގެ މަގާމުގައި މަސައްކަތް ކުރަމުން އައި އަހުމަދު ޝިމްހާޒް ބުނީ ޑިއުޓީގައި ހުއްޓާ ރިސޯޓްގެ އެޗްއާރް މެނޭޖަރާއި ޖެނެރަލް މެނޭޖަރު އޭނާއާ ބައްދަލުކޮށް ކުރި އެއް ތުހުމަތަކީ ރިސޯޓް ބޮއީސް މޯލްޑިވްސް ފޭސްބުކް ޕޭޖު ހިންގަނީ އޭނާ ކަމަށެވެ. އަަނެއް ތުހުމަތަކީ "ރިސޯޓުގެ އަގުވެއްޓޭ ފަދަ ވާހަކަތައް ދެއްކުން" ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން އެ ޕޭޖުގެ ކަންކަމަކީ އެނގޭ ކަމެއް ނޫނޭ. ސާވިސް ޗާޖާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެމޭ. ރިސޯޓުގެ ވެސް އެއްވެސް މައުލޫމާތެއް ނުދެމޭ،" ޝިމްހާޒް ބުންޏެވެ.

"ދެން ޖެނެރަލް މެނޭޖަރު ވިދާޅުވި، އަޅުގަނޑު މައުލޫމާތުތައް ދޭ ވީޑިއޯއެއް އިން ވާހަކަ ވެސް. އެމީހުންނަށް އެކަން ފުލުހުންނަށް ވެސް ހުށަހެޅޭނެ ކަމަށް ވިދާޅުވި."

އެކަމަކު ތ. ގުރައިދުއަށް އުފަން ޝިމްހާޒް ބުނީ އެ ހުރިހާ ތުހުމަތުތަކަށް ވެސް އޭނާ އިންކާރުކުރި ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެ ވީޑިއޯ އޭނާއަށް ދައްކާފައެއް ނުވެ އެވެ. އެކަމަކު އޭނާގެ މައްސަލަ ފުލުހަށް ހުށައަޅައިފި ނަމަ، ކޮންމެ ދުވަހަކު އިތުރު ގަޑީގެ ފައިސާ ނުދީ، އަށް ގަޑިއިރަށް ވުރެ ގިނަ އިރު އޭނާ ލައްވާ މަސައްކަތްކުރުވާ ވާހަކަ ވެސް ބުނާނެ ކަމަށް، މެނޭޖަރުންނަށް އެ ވަގުތު ޝިމްހާޒް އެންގި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި ފ. ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލީ ކުންފުނި ކަމަށް ވާ ތްރީއޭއިން ހިންގާ ރިސޯޓްގެ މެނޭޖްމަންޓުން ފުރަތަމަަ އުޅުނީ، އޭނާ ބުނި ގޮތުގައި، ވަޒީފާއިން ވަކިކުރާކަށެއް ނޫނެވެ. އޭނާގެ ކިބައިން އެދުނީ އަމިއްލައަށް އިސްތިއުފާ ދޭން ކަމަށާއި ނަމަވެސް އެކަމަށް އިއުތިރާޒުކުރި ކަމަށް ބުންޏެވެ.

ރިސޯޓްގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ފެތުރުމުގެ ސަބަބު ދެއްކުމަށް ފަހު ޝިމްހާޒް ވަޒީފާ އިން ވަކިކުރީ ރޭގަ އެވެ. އޭނާގެ މުސާރައަށް ވާ 5،000ރ އާއި ސާވިސް ޗާޖަށް 36 ޑޮލަރު (555ރ) ދިނެވެ.

ރިޒޯޓް ބޯއީޒް މޯލްޑިވްސް ޕޭޖް މި ދުވަސްވަރު މަޝްހޫރު ވެގެން އުޅެނީ ރިސޯޓްތަކުގެ ސާވިސް ޗާޖާ މެދު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައަކުންނެވެ. އޭނާ ވިދާޅުވެފައި ވަނީ ރިސޯޓްތަކުން ސާވިސް ޗާޖު ދޭ ވަރާއި ވަޒީފާގައި ދިވެހިން ހިފަހައްޓާ މިންވަރު ރަނގަޅު ކަމަށެވެ.

ނަމަވެސް ގިނަ ރިސޯޓްތަކަކުން ސާވިސް ޗާޖު ބަރާބަރަށް ނުދިނުމުގެ ޝަކުވާ ކުރިންސުރެ އޮވެ އެވެ. އަދި ރާއްޖޭގެ ބައެއް ރިސޯޓްތަކުން ސާވިސް ޗާޖު ދިނުމުގައި ނަމޫނާ ދައްކާފައި ވެސް ވެ އެވެ.

އޭނާ ދެއްކެވި ވާހަކައިގެ މާނަ ނުބައިކޮށް ނެގޭ ނަމަ، އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް، މިނިސްޓަރު ފަހުން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ރިސޯޓް ބޯއީޒް މޯލްޑިވްސް ޕޭޖް މެދުވެރިކޮށް ބައެއް މީހުން ގެންދަނީ އަލީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އުމުރުން 29 އަހަރުގެ ޝިމްހާޒަކީ އެއް ވަޒީފާއެއްގައި މާ ގިނަ ދުވަހު އުޅޭ މީހެއް ނޫނެވެ. ހޮނޑާފުށީގެ ވަޒީފާއަށް އޭނާ ދިޔައީ މިދިއަ އޮކްޓޯބަރު މަހު އެވެ. އޭގެ ކުރިން، 2013 ގައި، ތ. އަތޮޅުގެ ރިސޯޓެއްގައި އަހަރެއްހާ ދުވަހު މަސައްކަތްކުރި އެވެ.

އެކަމަކު މި ދުވަސްވަރު އުފެދިގެން އުޅޭ މައްސަލަގަނޑުގެ ތެރޭގައި ޝިމްހާޒް ވަކިކުރުމުން ގިނަ ބައެއްގެ ފަޑުކިއުން ހޮނޑާފުށި ރިސޯޓަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.