Roadha Mihaaru
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް

ރިސޯޓުތަކުގައި ބިދޭސީ މުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް އިތުރުކުރަން ހުށަހަޅައިފި

24 ޖެނުއަރީ 2024

ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 70 ޕަސެންޓަށް އިތުރުކޮށްދޭން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމް މިނިސްޓްރީގައި އެދިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 70 ޕަސެންޓަށް އިތުރުކޮށްދޭން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމް މިނިސްޓްރީގައި އެދިއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، މަޓީން ހުށަހަޅާފައި ވަނީ ބިދޭސީ މުވައްޒަފުން 70 ޕަސެންޓަށް އިތުރުކޮށް އަދި ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ އަދަދު 30 ޕަސެންޓަށް ދަށް ކޮށްދޭން ކަމަށެވެ. އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، ދިވެހި މުވައްޒަފުންގެ ރޭޝިއޯ އަށް ގެންނާނެ ބަދަލުތައް ދެނެގަތުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުގެ އަމާޒަކީ، ދިވެހި މުވައްޒަފުންގެ އަދަދު ޓޫރިޒަމް ދާއިރާގައި އިތުރު ކުރުމެވެ. އެހެންވެ، އުސޫލަށް ބަދަލުގެންނާނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތެއް ބެލުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

"ޕީޕަލް ފަސްޓް އެޗްއާރް ކޮންސަލްޓެންސީ" އިން ހެދި ދިރާސާއަކާ ހަވާލާދީ މަޓީ އިން ބުނީ 2023-2027 އާ ހަމައަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ވަރަށް ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުން ނެތް ކަމަށެވެ. އެ އިންޑަސްޓްރީ އަށް 2027 ވަނަ އަހަރު 78،000 މުވައްޒަފުން ބޭނުންވާ އިރު އޭގެ ތެރެއިން ދިވެހި މުވައްޒަފުންގެ ގޮތުގައި އުފެއްދޭނީ 18،000 މީހުން ކަމަށް ވެސް އެ ދިރާސާ އިން އެނގެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މި ވަގުތު 40،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ ގާތްގަނޑަކަށް 15،000 އެވެ.

ޓޫރިޒަމް މިިނިސްޓްރީގެ މިހާރުގެ އުސޫލުގައިވާ ގޮތުން ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހުންގެ 55 ޕަސެންޓާ ހަމަ އަށް ބިދޭސީން ގެންގުޅެވެ އެވެ. މި އުސޫލު އޮތް ނަމަވެސް، ކަނޑައަޅާފައިވާ ރޭޝިއޯ އަށް ވުރެ އިތުރަށް ރިސޯޓުތަކުގައި ބިދޭސީން މަސައްކަތް ކުރެ އެވެ.

ވަޒީފާ ދިނުމުގައި ރިސޯޓުތަކުން މިހާރު އެންމެ ބޮޑަށް ފެންނަ މައްސަލަ އަކީ ދިވެހިންނަށް ކުރެވޭ މަސައްކަތްތައް ވެސް ސަބް ކޮންޓްރެކްޓްގެ ގޮތުގައި އެހެން ކުންފުނިތަކަށް ދޫކޮށްގެން ބިދޭސީ މުވައްޒަފުންނަށް ގިނަ ވަޒީފާތައް ދިނުން ކަން ފާހަގަކުރެވިފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވެސް މީގެ ކުރިން ބުނެފައި ވެ އެވެ.