Roadha Mihaaru
ރަޝިޔާގެ ހަނގުރާމައިގެ ގެއްލުން ޓޫރިޒަމަށް އިންތިހާއަށް

ރަޝިޔާގެ ހަނގުރާމައިގެ ގެއްލުން ޓޫރިޒަމަށް އިންތިހާ އަށް!

16 މެއި 2022

މި އަހަރު ފެށުނު އިރު ވެސް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރި އެއް މަންޒިލަކީ ރަޝިޔާ ސަރަަހައްދެވެ. އެހެން ނަމަވެސް ފެބްރުއަރީ މަހުގެ ތެރޭގައި އެ ގައުމާއި ޔޫކްރެއިނާ ދެމެދު ފެށި ހަނގުރާމައާ އެކު، ރަޝިޔާގެ ޓޫރިސްޓުންގެ އަދަދު ހަމަ ކުއްލިއަކަށް ދަށަށް ދާން ފެށި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރު ފެށުނު އިރު ވެސް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރި އެއް މަންޒިލަކީ ރަޝިޔާ ސަރަަހައްދެވެ. އެހެން ނަމަވެސް ފެބްރުއަރީ މަހުގެ ތެރޭގައި އެ ގައުމާއި ޔޫކްރެއިނާ ދެމެދު ފެށި ހަނގުރާމައާ އެކު، ރަޝިޔާގެ ޓޫރިސްޓުންގެ އަދަދު ހަމަ ކުއްލިއަކަށް ދަށަށް ދާން ފެށި އެވެ.

ރަޝިޔާގެ އިތުރުން ޔޫކްރެއިނަކީ ވެސް ރާއްޖެ އަށް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމަކަށް ވާއިރު، ހަނގުރާމައިގެ ސަބަބުން އެ ގައުމުން ވެސް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ކަންބޮޑުވާން ޖެހޭ ވަރަށް ދަށަށް ގޮސްފަ އެވެ. އެ މާކެޓް މިހާތަނަށް 11 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އަށް ރަޝިޔާއިން 52،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއަށްފަހު ވޭތުވެދިޔަ ދެ މަހު ރާއްޖެ އަށް ރަޝިޔާއިން އައިސްފައި ވަނީ 4،000 ޓޫރިސްޓުންނެވެ.

ރަޝިޔާގެ ޓޫރިސްޓުންނަކީ ޓޫރިޒަމް ދާއިރާގެ ނަންބަރުތައް ވަރަށް މަދުކޮށްދޭ، އަދި ރާއްޖޭގެ އިގްތިސާދަށް ވެސް މުހިންމު ގައުމަކަށް ވާތީ، އިގްތިސާދީ ގޮތުންނާއި ޓޫރިޒަމްގެ ލަނޑުދަނޑިތަކަށް ވެސް އޮތް އުންމީދު ވެސް މިހާރު ވަނީ ގެއްލިފަ އެވެ.

ރާާއްޖޭގެ ހައި އެންޑް ގިނަ ރިސޯޓުތަކަކަށް ޓޫރިސްޓުން ގެންނަ އޭޖެންސީ ރިސޯޓު ލައިފްގެ އޯނަރު މުހައްމަދު ޝާޒް ވަލީދު ވިދާޅުވީ، ކުރިން ދުވާލެއްގެ މައްޗަށް 600-1000 އާ ދެމެދުގެ ބެޑްނައިޓްސް ވިއްކި ނަމަވެސް ރަޝިޔާއިން ޓޫރިސްޓުން އައުން ހުއްޓާލުމުން އެ އޭޖެންސީން ދުވާލެއްގެ މައްޗަށް ވިއްކާ ބެޑްނަައިޓްސްގެ އަދަދު 150 އަށް ވެއްޓުނު ކަމަށެވެ. މިއީ އެ އޭޖެންސީ އަށް ކުރިމަތިވި ވަރަށް ބޮޑު ގެއްލުމެކެވެ. އެ އޭޖެންސީއަކީ އީސްޓާން ޔޫރަޕްގެ މާކެޓުން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ބައެކެވެ.

މިދިޔަ އަހަރު ވެސް 86 މިލިއަން ޑޮލަރުގެ އާމްދަނީ ހޯދި އެ އޭޖެންސީގެ ވެރިޔާ ވަލީދު ވިދާޅުވި ގޮތުގައި، މިއީ މަޑުން ތިބެންވީ ވަގުތެއް ނޫނެވެ. ރާއްޖެ އެ ސަރަހައްދުގައި އިޝްތިހާރުކޮށް ޓޫރިސްޓުން ގެނެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމާ މެދު ވެސް ޝައްކު. އެހާ ވެސް ހާލަތު ދެރަކޮށް މިހާރު މިއޮތީ. -- ވަލީދު

"ވަރަށް ބޮޑު ގެއްލުމެއް ވަމުން ދަނީ. ކުރިން 17 ފްލައިޓް އަޅާ ސަރަހައްދެއް އެއީ މިހާރު ހަތް ފްލައިޓް ވެސް ހަފްތާއަކު ނާޅާ. އެހެންވީމަ އެ ސަރަހައްދުން އަންނާނެ ޓޫރިސްޓުން ވަރަށް މަދުވާނެ. ވަރަށް ގިނަ ބަޔަކަށް މީގެ ގެއްލުން އެބަވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަޝިޔާ ސަރަހައްދުގެ ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން އިސްކަން ނުދޭ ކަމަށެވެ. ކުރިން ވެސް އެ ސަރަހައްދު އެހާ ބޮޑަށް ކުރިއެރީ އަަމިއްލަ ވިޔަފާރި އޭޖެންސީތަކުގެ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. ހަނގުރާމަ ދިގު ދެމިގެންދާ ނަމަ ރާއްޖޭގެ ޓޫރިޒަމަށް މިހާރަށް ވުރެ ބޮޑު އަސަރެއްކޮށް ޓޫރިޒަމް ދާއިރާގެ ލޭންޑްސްކޭޕް ވަރަށް ބޮޑަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

"މި އަހަރު ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމާ މެދު ވެސް ޝައްކު. އެހާ ހާލު ދެރަކޮށް މިހާރު މިއޮތީ،" އޭނާ ވިދާޅުވި އެވެ.

ކުރިން ދެ މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފި ނަމަވެސް މިހާރު ސަރުކާރުގެ އަމާޒަކީ 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.

އިނަ މޯލްޑިވްސް ގެ އޯނަރު މުހައްމަދު ފިރާގު ވިދާޅުވީ، ރަޝިޔާ އަކީ އެ އޭޖެންސީ އަށް ވެސް މުހިއްމު މާކެޓެއް ކަމަށެވެ. އެ ސަރަހައްދުން ޓޫރިސްޓުން އައުން ހުއްޓާލުމުން ގާތްގަނޑަކަށް 30 ޕަސެންޓް ބުކިން ގެއްލުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އީސްޓާން ޔޫރަޕަކީ ހަައި އެންޑް މާކެޓެއް. އެ ސަރަހައްދުން ގިނައިން މިއަންނަނީ މަހުޖަނުން. އެހެންވެ އެމީހުން ނާންނާތީ ރިސޯޓުތަކުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ހާލަތުގައި އިންޑިއާ ފަދަ މަންޒިލްތަކުން އަންނަ ޓޫރިސްޓުން އިތުރުވުމަކީ ރާއްޖޭގެ ނަސީބު ކަމަށެވެ. އެހެން ނޫން ނަމަ ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ވެއްޓޭނެ ކަމަށާއި ހަނގުރާމަ ފަދަ ކަންކަަމަކީ ދިވެހިންގެ ކޮންޓްރޯލްގައި އޮތް ކަންކަމަށް ނުވާ އިރު އެހެން މާކެޓުތައް ފުޅާކުރަން ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ހާލަތު ދިގު ދެމިގެންދާ ނަމަ މުޅި ޔޫރަޕް އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

"ތެލުގެ އަގު އުފުލި އިގްތިސާދީ ހާލަތު ދަށަށްދާ ނަމަ ޔޫރަޕް ސަރަހައްދުން ވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަދުވާނެ. މިހާރު ވެސް ޔޫރޯގެ އަގު މިވަނީ ވަރަށް ބޮޑަށް ވެއްޓިފައި. އެހެންވީމަ މީގެ އަހަރު ކޮންމެވެސް ސިފައެއްގައި ރާއްޖެ އަށް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުންތަކެއް ފުރަން އެއާޕޯޓަށް ވަންނަނީ-- ފޮޓޯ: މިހާރު

ޓޫރިސްޓުންތަކެއް ފުރަން އެއާޕޯޓަށް ވަންނަނީ-- ފޮޓޯ: މިހާރު

ރާއްޖޭގެ ފައިވް ސްޓާ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ، ރަޝިޔާއިން ޓޫރިސްޓުން އައުން ހުއްޓާލުމުން އެެ ރިސޯޓަށް އަންނަ ޓޫރިސްޓުންގެ އޮކިއުޕެންސީ 30 ޕަސެންޓް ދަށަށް ދިޔަ ކަމަށެވެ. ހަނގުރާމަ ކުރިއަށް ދިޔަ ނަމަވެސް ރަޝިޔާއިން ރާއްޖެ އަށް ޓޫރިސްޓުންނަށް އާދެވޭނެ މަގެއް ތަނަވަސް ކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ލެވެލްގައި އެބަޖެހޭ އެކަމާ ގުޅޭ މަޝްވަރާތައް ކުރަން. މިކަން ދިގުލައިގެންދާ ނަމަ ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިވެހިން ސޯޝަލް މީޑިއާގައި ވެސް ހަނގުރާމައާ ގުޅޭ ގޮތުން ވަކި ސައިޑެއް ނަމާ ހިޔާލު ފާޅުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. މިހާރު ރަޝިޔާ އިން އަންނަ ޓޫރިސްޓުން އެފަދަ ކަންކަމަށް ބަލާ ކަމަށާއި އެފަދަ ކަންކަމުގައި ވަކި ސައިޑެއް ނަގާ ނަމަ ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާނެ ކަމަށެވެ.

އެހެން މާކެޓުތަކަށް ގައުމު ހުޅުވާލަންވީ

ވަލީދު ވިދާޅުވީ، މި ހާލަތުގައި ރާއްޖޭގެ ގައުމީ އެއާލައިންގެ ހިދުމަތްތައް ފުޅާކުރަން ޖެހޭ ކަމަށެވެ. އޭރުން އެހެން ސަރަހައްދުތަކަށް ޓޫރިޒަމް ފުޅާ ކުރާ ފަސޭހަވާނެ ކަމަށެވެ.

"ޓޫރިޒަމް ދާއިރާއަށް ހައްލެއް ހޯދުމަށް ރާއްޖޭގެ ނޭޝަނަލް އެއާލައިން ރަނގަޅު ފެންވަރަކަށް ގެންނަން ޖެހޭ. ވިލިމާލެ ބްރިޖަށް ބޮޑު އަދަދަކުން އިންވެސްޓް ކުރުމުގެ ބަދަލުގައި އިންވެސްޓް ކުރަންވީ އެއާާލައިންގެ ހާލަތު ރަނގަޅުކުރަން. އެހެން ނޫނީ ޓޫރިޒަމަށް އަންނާނެ އެއްވެސް ކުރިއެރުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އަށް ދަތުރުތައް ކޮށްގެން އެމިރޭޓްސް އާއި ގަތަރު އެއާލައިން އިން 900 މިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް ހޯދާ އިރު މިއީ ރާއްޖޭގެ ވަރުގަދަ އެއާލައިނެއް އޮންނަ ނަމަ ރާއްޖެ އަށް އެ ފައިސާ ހޯދޭނެ ފުރުސަތެއް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަމެއް ކުރަން ސަރުކާރުން މަސައްކަތް ނުކުރާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް. ރަޝިއާއިން މިއަހަރުގެ މިހާތަނަށް 57،000 ޓޫރިސްޓުން އައިސްފައިވޭ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް. ރަޝިއާއިން މިއަހަރުގެ މިހާތަނަށް 57،000 ޓޫރިސްޓުން އައިސްފައިވޭ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ދިވެހި ވަރުގަދަ އެއާލައިނެއް ބޭނުންވޭ. ބޭރުގެ އެއާލައިންތަކުން ދިންހާ އަގެއްގައި މިހާރު ދަތުރު ކުރަން މިޖެހެނީ. ދަތުރުފަތުރު ކުރުމުގައި ދިވެހިން އެބަ ކުރިއަށް ޖެހެންވޭ. އޭރުން ޓޫރިސްޓުން ކޮންމެ ސަރަހައްދަކުން ވެސް ރާއްޖެއަށް ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް މި ވަގުތު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމަކީ ރާއްޖެ އަށް މީގެ ކުރިން ވެސް ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމެކެވެ. އެކަމަކު އެ ގައުމުގެ ޓްރެންޑަކީ، ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި، މައްޗަށް ޖެހިލައިފައި ދަށްވެލައިފައި އަނެއްކާ ވެސް މައްޗަށް ޖެހިލުމެވެ. އެހެންވެ، ރާއްޖޭގެ ޓޫރިޒަމްގައި އެއީ އެހާ ބޮޑަށް ބަރޯސާ ވާން ޖެހޭ މާކެޓެއް ނޫން ކަމަށް ވަލީދު ވެސް ވިދާޅުވި އެވެ. އެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، "މެޗުއާ" ވެފައިވާ ނުވަތަ ގިނަ ދުވަސްވެ މާބޮޑު ކުރިއެރުމެއް ނުފެންނަ ގައުމަކަށް ވުމެވެ. އޭނާ ވިދާޅުވީ، މި ވަގުތު އިސްކަން ދޭންޖެހޭ ކުރިއަރަމުން އަންނަ މާކެޓުތަކަށެވެ. އެމްއެމްޕީއާރްސީން އިޝްތިހާރު ކުރުމުގައި ވެސް އެކަމަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މި ދާއިރާ ކުރިއަރުވަން މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ. މި ހާލަތުގައި އަމަލީ ސިފައެއްގައި ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިފްއަތު ވިދާޅުވީ، ސަރުކާރުން މި ހާލަތުގައި އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، މި ވަގުތު އިސްކަން ދޭންވީ އިންޑިއާ އާއި އެހެން މާކެޓުތައް ކުރިއަރުވަން ކަމަށެވެ.

"އެހެން ދިމާތަކުން ޓޫރިސްޓުން ގެނެވިއްޖެ ނަމަ ރާއްޖެއަށް ކުރާ އިމްޕެކްޓް ކުޑަކުރެވޭނެ. ހީވަނީ ރަނގަޅުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރަޝިޔާ އިން އަންނަ ޓޫރިސްޓުން އެހާ ބޮޑަށް މަދުވެފައިވާ އިރު މި ދުވަސްވަރަކީ އާންމުކޮށް ވެސް ރާއްޖެ އަށް މަދުން ޓޫރިސްޓުން އަންނަ ދުވަސްވަރެކެވެ. އެހެންވެ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރަށް މަދުވާނެ ކަމަށް ދާއިރާގެ އިސްވެރިން ގަބޫލުކުރެ އެވެ.