Roadha Mihaaru
މި މަހު ގިނައީ ރަޝިއާ ޓޫރިސްޓުން

މި މަހު ގިނައީ ރަޝިއާ ޓޫރިސްޓުން

28 ޖެނުއަރީ 2022

މި މަހު އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކަށް ރަޝިއާ ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި މަހު އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކަށް ރަޝިއާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ރަޝިއާއިން 20،200 ޓޫރިސްޓުން އައިސްފައިވެ އެވެ. ކޮވިޑްގެ ބަލިމަޑުކަން ފެތުރުނު ފަހުން، ރަޝިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެގައުމުން މިދިޔަ އަހަރު 220،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 10،600 އެވެ.

އިންޑިއާއަކީ މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 290،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް 109،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 76،000 ޓޫރިސްޓުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ހެދި ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު ރާއްޖެއަށް މިހާރު ގިނަ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަން ފެށުނު 2020 ވަނަ އަހަރު އައީ ފަސް ލައްކަ ޓޫރިސްޓުންނެވެ.

ރާއްޖޭގައި މިވަގުތު 167 ރިސޯޓަކުންނާއި 800 ގެސްޓްހައުސް އަދި 157 ސަފާރީން ޓޫރިސްޓުންނަށް ހިދުމަތްދެ އެވެ.