Roadha Mihaaru

ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށްފި

އެމްއެމްޕީއާރުސީން އިންޑިއާގެ 100 އަށް ވުރެ ގިނަ ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާ އެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ހާއްސަ އިވެންޓެއް ބާއްވައިފި އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ވެސް ހިމެނެ އެވެ.

ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި

އެމްއެމްޕީއާރުސީން އިންޑިއާގެ 100 އަށް ވުރެ ގިނަ ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާ އެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ހާއްސަ އިވެންޓެއް ބާއްވައިފި އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރުސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ސެލެބްރިޓީންނާއި އިންފްލުއެންސަރުން ހާއްސަކޮށްގެން "މޯލްޑިވިއަން ނައިޓް"ގެ ނަމުގައި މުމްބާއީގެ ފޯ ސީޒަންސް ހޮޓެލުގައި ހާއްސަ އިވެންޓެއް މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް އާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާ ވާހަކަދައްކަނީ.-- ފޮޓޯ: އެމްއެމްޕީއާރުސީ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް އާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާ ވާހަކަދައްކަނީ.-- ފޮޓޯ: އެމްއެމްޕީއާރުސީ

އެއީ، އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން އޯޓީއެމް މުމްބާއީއާ އެކު ސްޓްރެޓެޖިކް ގޮތެއްގައި އިންތިޒާމުކޮށް، ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ބޭއްވި އިވެންޓެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

"މޯލްޑިވިއަން ނައިޓް"ގައި ބައިވެރިވި މަޝްހޫރު ތަރިންގެ ތެރޭގައި ފަރާ ހާން، މޯނީ ރޯއީ، ފަރްދީން ހާން، ވިހާން ސަމާތު، އަންގަދު ބޭދީ، މަންދާނީ ކަރީމީ، ޝްރެޔާ ޕިލްގައުކަރް، ޝަޝަންކް ސަޖްވަން، ރިޗީ ޝާހް، ރުޗީ ސޯނީ، ޝިފާ މާޗަންޓް، ރާހުލް ޖަގްތިޔާނީ، ތޯމަސް ޕަސްކަލް، މޮނީޝާ، ބްރިންދާ ޝާހް، ސްޓެފަނީ ޓިމިންސް، ޕަރޭޝް އަދި ސަލްމާން މާޗަންޓް ހިމެނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި އިވެންޓުގައި ބައިވެރިވި އިންފްލުއެންސަރުންގެ ޖުމްލަ ސޯޝަލް މީޑިއާގެ ރީޗް ނުވަތަ ފޮލޯވާސް 200 މިލިއަނަށް ވުރެ ގިނަ ކަމަށެވެ. އެހެންވެ، މިއީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާ އެކު ބޭއްވި "މޯލްޑިވިއަން ނައިޓް".-- ފޮޓޯ: އެމްއެމްޕީއާރުސީ

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާ އެކު ބޭއްވި "މޯލްޑިވިއަން ނައިޓް".-- ފޮޓޯ: އެމްއެމްޕީއާރުސީ

މި އިވެންޓުގައި ބައިވެރިވި ސެލެބްރިޓީންނާއި އިންފްލުއެންސަރުން ކުރިއަށް އޮތް ތަނުގައި ޕްރޮމޯޝަނަލް ކެމްޕެއިންގެ ބައިވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

މި އިވެންޓުގައި ބައިވެރިވެވަޑައިގެންނެވި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު މާކެޓަކަށް ވާތީ، މި ހަރަކާތަކީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓަކަށް ވުމުން، އިންޑިއާގެ އިންފްލުއެންސަރުންނާއި އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާ އެކު، ސްޓްރެޓެޖިކް ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ ތެރެއިން އަޅުގަނޑުމެންގެ އައުޓްރީޗް އިތުރަށް ވަރުގަދަ ކުރުމާ މެދު އަޅުގަނޑުމެން ވަރަށް ޝައުގުވެރިވަން،" ޝިއުރީ ވިދާޅުވި އެވެ.

"މުމްބާއީގައި ބޭއްވި މޯލްޑިވިއަން ނައިޓަކީ އިންޑިއާގެ މާކެޓަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް. އަދި މި އަހަރުގެ އަޅުގަނޑުމެންގެ ކެމްޕޭންތަކުން ވަރަށް ފާހަގަކޮށްލެވޭ ނަތީޖާތަކެއް ލިބޭނެ ކަމަކާ މެދު އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް."

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާ އެކު ބޭއްވި "މޯލްޑިވިއަން ނައިޓް".-- ފޮޓޯ: އެމްއެމްޕީއާރުސީ

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާ އެކު ބޭއްވި "މޯލްޑިވިއަން ނައިޓް".-- ފޮޓޯ: އެމްއެމްޕީއާރުސީ

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް ވަނީ 130،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

އެމްއެމްޕީއާރުސީގެ މި އަހަރުގެ އަމާޒަކީ އިންޑިއާއިން ރާއްޖެއަށް 300،000 ޓޫރިސްޓުން ގެނައުމެވެ.