Roadha Mihaaru
ދެކުނު އޭޝިއާއިން ޓޫރިސްޓުން އައުން މަނާކޮށްފި

ދެކުނު އޭޝިއާއިން ޓޫރިސްޓުން އައުން މަނާކޮށްފި

11 މެއި 2021

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށް ދެކުނު އޭޝިއާއިން ރާއްޖެއަށް ޓޫރިސްޓުން އައުން މަނާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށް ދެކުނު އޭޝިއާއިން ރާއްޖެއަށް ޓޫރިސްޓުން އައުން މަނާކޮށްފި އެވެ.

އެޗްޕީއޭއިން ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ދެކުނު އޭޝިއާ ގައުމުތަކުގެ ޓޫރިސްޓުންނަށް ވިސާ ދޫކުރުން މެދުކަނޑާލަން އަންގައިފަ އެވެ.

ޓޫރިޒަަމް މިނިސްޓްރީން ބުނިގޮތުގައި އެޗްޕީއޭއިން މިގޮތަށް ނިންމާފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެވެ. އެގޮތުން، އިންޑިއާގައި ހާލަތު ގޯސްވެފައިވާއިރު ލަންކާއިން ވެސް ތަފާތު ވޭރިއަންޓުތައް އަންނަނީ ފެންނަމުންނެވެ.

މިދިޔަ ހަފުތާގައި އެޗްޕީއޭއިން ވަނީ ދެކުނު އޭޝިއާއިން ވޯކް ވިސާގައި ރާއްޖެ އަށް ނާދެވޭ ގޮތް ވެސް ހަދައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ރާއްޖެ ނާދެވޭގޮތް ހެދި ނަމަވެސް ރާއްޖޭގެ ޓޫރިޒަމަށް މާބޮޑު އަސަރެއް ނުކުރާނެ އެވެ. މި ވަގުތު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ދެކުނު އޭޝިއާގެ ގައުމަކަށް ހިމެނެނީ އިންޑިއާ އެކަންޏެވެ. އެހެންކަމުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާނީ އެ މާކެޓުންނެވެ.

ރާއްޖެ އަށް ފަހަކަށް އައިސް އާންމުކޮށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާގެ އިތުރުން ޔޫރަޕުގެ ގައުމުތަކުންނެވެ.