Roadha Mihaaru
ރާއްޖެ އަންނަ މީހުން ވައިރަސްއަށް ޓެސްޓްކުރަން ފަށައިފި

ރާއްޖެ އަންނަ މީހުން ވުހާން ވައިރަސް އަށް ސްކްރީން ކުރަން ފަށައިފި

22 ޖެނުއަރީ 2020

ޗައިނާ އިން ފެނުނު ފެއާ ވައްތަރެއްގެ ކޮރޯނޯވައިރަސް އެކި ގައުމުތަކުން ފެނި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން، ރާއްޖެ އަށް އަންނަ މީހުން ވެސް އެ ވައިރަސް އަށް ޓެސްޓްކުރަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޗައިނާ އިން ފެނުނު ފެއާ ވައްތަރެއްގެ ކޮރޯނޯވައިރަސް އެކި ގައުމުތަކުން ފެނި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން، ރާއްޖެ އަށް އަންނަ މީހުން ވެސް އެ ވައިރަސް އަށް ޓެސްޓްކުރަން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަށް އެތެރެވާ މީހުން ސްކްރީންކުރަން ފެށީ ހަމަ އެކަނި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި ރާއްޖޭން އަދި އެބަލި ފެނިފައި ނުވާ ކަމަށެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.

ވުހާން ވައިރަސް އަކީ ޗައިނާއިން ފެތުރެން ފެށި ވައިރަހަކަށް ވާ އިރު، އެ ގައުމަކީ ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވާ މީހުން ސްކްރީން ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އޮފް މޯލްޑިވްސް އިން ވަނީ ފަށާފަ އެވެ. މިފިޔަވަޅުތަކަކީ ހަމަ އެކަނި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއް ކަމާއި ރާއްޖޭންް އަދި [އެބަލީގެ] ކޭސް އެއް ފެނިފައި ނުވާކަން އެންމެހާ ދަތުރުވެރިންނަށް ކަށަވަރުކޮށްދެމެވެ،" ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ކޮރޯނާ ވައިރަސްގެ އާ ވައްތަރު، ޗައިނާގެ ވޫހާން ސިޓީ އިން ފެނުނު ފަހުން އެ ބަލީގައި މިހާތަނަށް ނުވަ މީހަކު، އެ ސިޓީން ވަނީ މަރުވެފަ އެވެ. އަަދި ޗައިނާގެ އެކި ސަރަހައްދުތަކުން އެ ވައިރަސްގެ ސަބަބުން ބަލިވި މީހުން ފެނުން ގިނަވެ، އެމެރިކާ ފަދަ ބައެއް ގައުމުތަކަށް ވެސް މިހާރު ވަނީ ވައިރަސް ފޯރައިފަ އެވެ.

ކޮރޮނޯވައިރަސް އަކީ އާންމުކޮށް ޖަނަވާރުތަކުގައި އުޅޭ ވައިރެހެކެވެ. އިންސާނާގެ ހަށިގަނޑަށް ވައރަސް އަރައި، ބަލިވިޔަސް، އެކެއްގެ ފަރާތުން އަނެކަކަށް އާންމުކޮށް ނާރަ އެވެ. އެކަމަކު މިހާރު ފެތުރެމުންދާ ވައިރަަސް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް އަރާ ކަމަށް، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން އިއްޔެ ވަނީ ކަށަވަރުކޮށްދީފަ އެވެ.